ރޭ ސ. ފޭދޫގައި ހިނގި އެކްސިޑެންޓެއްގައި ފިލައިގެން ދިޔަ ކާރެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ އޮފިޝަލަކު ބުނީ ރޭ ބާރު ސްޕީޑެއްގައި ލިންކު ރޯޑުން ގަމުން ހިތަދޫ އާ ވީ ކޮޅަށް ދުއްވި ކާރެއް ގޯޅިއަޅަން އުޅުމުގެ ތެރޭ ކޮންޓްރޯލް ނުކުރެވި ފާރެއްގައި ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ. އަދި ފުލުހުންނަށް މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ދިޔަ އިރު ކާރު އެތަނުން ގޮސްފައިވާ ކަމަށެވެ.
ފޭދޫ "އައި ކެފޭ" ދިމާލުން ކުރީގެ އެމްޑީޕީ އޮފީސް ހުންނަ ސަރަހައްދުގައި ހިނގި މި އެކްސިޑެންޓްގައި ކާރުން ޖެހުނު ފާރުން ބައެއް ވަނީ ތަޅައިގެން ގޮސް ރެނދުލާފަ އެވެ. އަދި ކާރަށް ވެސް ގެއްލުން ލިބުނު ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި ކާރުގައި ތިބީ ކިތައް މީހުންކަމާއި އަދި އެމީހުންނަށް ލިބުނު ގެއްލުމެއް ވެސް ނޭނގޭ ކަމަށެވެ. އަދި މި ކާރު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.