ސ. ހިތަދޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) އާއި އިންޑިއާގެ މަޝްހޫރު މަނިޕާލް ހޮސްޕިޓަލް ގުޅިގެން ހިތުގެ ބަލީގެ ހޭލުންތެރި ކުރުމުގެ ކޭމްޕެއް މިއަދު ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިއެމްޑީސީގެ އޮފިޝަލަކު ވިދާޅުވީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކެމްޕްގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން އެޕޮއިންޓްމެންޓް ހައްދާފައިވާ ކަމަށެވެ.
އައިއެމްޑީސީން ބުނީ މި ކޭމްޕްގައި ބަލި މީހުން ބަލައި މައުލޫމާތު ދެއްވާނީ މަނިޕާލް ހޮސްޕިޓަލްގެ ކާޑިއޯތޮރެސިކް އެންޑް ވަސްކިއުލާ ސާޖަރީގެ ހެޑްއޮފް ޑިޕާޓްމަންޓު ޑރ. ދޭވް އެވެ.
އައިއެމްޑީސީން ބުނީ އިންޑިއާގެ ތިންވަނައަށް އެންމެ ބޮޑު ހޮސްޕިޓަލް ގްރޫޕްގެ އެހީގައި ކުރިއަށްގެންދާ ކޭމްޕްގައި މަނިޕާލް ހޮސްޕިޓަލުން ރާއްޖޭގައި މިވަގުތު ފަރުވާ ލިބެންނެތް ހާއްސާ ބަލިތަކަށް ފަރުވާ ހޯދޭނޭ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.
އެގޮތުން ހާއްސަ ގޮތެއްގައި ހިތުގެ ބައްޔާއި، ކެންސަރާއި އަދި ތެލެސީމިއާ އަށް އިސްކަން ދެއްވާނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިއަދު އައިއެމްޑީސީގައި ބަލިމީހުން ބައްލަވާ ޑރ. ދޭވްއަކީ މިވަގުތު އިންޑިޔާގައި ހުރި ހިތުގެ ބަލިތަކާ ބެހޭ އެންމެ މަޝްހޫރު އެއް ޑޮކްޓަރެވެ. އަދި އޭނާއަކީ އޯޕަން ހާޓް ސާޖަރީ އަށް ވެސް މިވަގުތު އިންޑިޔާގައި ހުރި އެންމެ މޮޅު އެއް ސާޖަން އެވެ.
އައިއެމްޑީސީން ބުނީ ޑރ. ދޭވްއަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން 7998802 މޮބައިލް ފޯން ނަމްބަރަށް ގުޅުއްވައިގެން އެޕޮއިންޓްމަންޓް ހެއްދެވުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ.