Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

ރައީސް މަހުމޫދް އައްބާސް އާ ބައްދަލުކޮށްފި

ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ފަލަސްޠީނަށް މިހާރު ކުރައްވަމުންގެ ންދަވާ ދަތުރުފުޅުގައި އިއްޔެ، ފަލަސްޠީނުގެ ރައީސް މަހުމޫބް އައްބާސް އާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޓަނޭޝަނަލް އިސްލާމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުން ޝަރަފްވެރިކޮށް ދެއްވުމަށް ފަލަސްޠީނުގެ ރައީސް ދަޢުވަތު ދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ޝުކުރު އަދާކުރެއްވި އެވެ. އަދި ފަލަސްޠީނަށް ޒިޔާރަތް ކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ދިވެހި ރާއްޖެ އާއި ފަލަސްޠީނާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން، މި ދަތުރުފުޅުގެ ސަބަބުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަޙާއި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭ ގޮތުން ފަލަސްޠީނުގެ ރައީސަށް ރައީސް މަޢުލޫމާތު އެރުވި އެވެ.

ފަލަސްޠީނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސް ކޮންފަރެންސް ޝަރަފްވެރިކޮށް ދެއްވުމަށް ވަޑައިގެން ދެއްވި ކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސަށް ޝުކުރު ދެންނެވި އެވެ. އަދި ދިވެހި ސަރުކާރުންނާއި ދިވެހި ރައްޔިތުން ފަލަސްޠީނާ ދޭތެރޭ އަބަދުވެސް ބަހައްޓަވަމުން ގެންދަވާ ގާތްކަން ފާހަގަ ކުރައްވައި، ދިވެހި ރައްޔިތުންނަށާއި، ދިވެހި ސަރުކާރަށާއި ރައީސަށް ޝުކުރު ދެންނެވި އެވެ.

މި ބައްދަލު ކުރެއްވުމަށް ފަހު، މި ދަތުރުފުޅާ ގުޅޭ ގޮތުން ރައީސާއި ފަލަސްޠީނުގެ ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވައި މަޢުލޫމާތު ދެއްވި އެވެ.

މި ދަތުރުފުޅުގެ މަޢުލޫމާތު ދެއްވަމުން، ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކީގައި ކަމަށާއި، ފަލަސްޠީނު މައްސަލަ އަށް އަވަސް ޙައްލަކަށް ދިވެހިން އެދިއެދި ތިބި ކަމަށް ވިދާޅުވި އެވެ.

ޑރ. ވަޙީދު އިއްޔެ އުރުދުނަށް ވަޑައިގެން، އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ދެވަނަ އާ ވެސް ބައްދަލުކުރެއްވި އެވެ.