Last Updated: May 4, 06:00
Saturday, May 4, 2024
ކުޅިވަރު

ރެއާލް އަތުން މޮޅުވެ ބާސެލޯނާ އަށް 10 ޕޮއިންޓްގެ ލީޑެއް

ރެއާލް ކޮޅަށް ލަނޑުޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެލް ކްލެސިކޯ މެޗުގައި ރެއާލް މެޑްރިޑް އަތުން 1-0 އިން މޮޅުވެ ބާސެލޯނާ އިން ލީގުގެ އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

މި މެޗުން ހޯދީ މޮޅާއެކު ބާސެލޯނާ ވަނީ އެލް ކްލެސިކޯގެ ތާރީޚުގައި ދެ ޓީމުގެ ދެމެދުގައި ކުޅެވުނު 96 މެޗުން މޮޅުވެފައެވެ. ރެއާލަށް މޮޅުވެވިފައިވަނީ 95 މެޗުންނެވެ. މީގެއިތުރުން، ބާސެލޯނާ ވަނީ ލީގުގައި ވިދިވިދިގެން ހަތަރު މެޗުން ރެއާލް އަތުން މޮޅުވެފައެވެ.

ރޭގެ ނަތީޖާއާއެކު ބާސެލޯނާ އަށް 26 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 25 މެޗުން 50 ޕޮއިންޓެވެ. ލީގުގައި މިރޭ ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށް އެ ޓީމު ކުޅޭ މެޗުން މޮޅުވެއްޖެނަމަ ބާސެލޯނާގެ ލީޑް ހަތް ޕޮއިންޓަށް ކުޑަވާނެއެވެ.
މި މެޗުން ބަލިވި ރެއާލަށް ލިބިފައިވަނީ 26 މެޗުން 48 ޕޮއިންޓެވެ.

ރެއާލުން ރޭގެ މެޗަށް ނިކުތީ މިދިޔަ ބުދަ ދުވަހުގެ ރޭ ކޮޕާ ޑެލް ރޭ ގައި ބާސެލޯނާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގައި ރެއާލްގެ ގޯލް ބެލެހެއްޓި ކޭލޯ ނަވާސްގެ ބަދަލުގައި މި މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ ތިބައުޓް ކޯޓުއާ އެވެ. މީގެއިތުރުން، ލޫކަސް ވަޒްކޭޒްގެ ބަދަލުގައި ގަރެތު ބޭލް އަށް ވަނީ ފުރަތަމަ އެގާރައިން ފުރުޞަތުދީފައެވެ.

ބާސެލޯނާގެ ލިއޮނަލް މެސީ (މ) އަތުން ބޯޅަ ހޯދަން ރެއާލްގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ. –ފޮޓޯ: ލަލީގާ

ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތްއިރު އެންމެ ފަހުން ރެއާލް އާ ދެކޮޅަށް ކޮޕާ ޑެލް ރޭ ގައި ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ގެނެސްފައިވަނީ އެންމެ ބަދަލެކެވެ. އެ މެޗުގައި ކުޅުނު ނެލްސަން ސެމޭޑޯގެ ބަދަލުގައި އާތުރް މެލޯ އަށް ވަނީ މި މެޗުން އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުޞަތުދީފައެވެ.

ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ބާސެލޯނާ އާ ދެކޮޅަށް އެންމެފަހުން ކުޅުނު މެޗެކޭ އެއްފަދައިން ލަނޑުޖެހުމަށް ތަނަވަސްކުރި ފުރުޞަތުގެ ބޭނުންނުހިފުމެވެ. އެގޮތުން، ރޭގެ މެޗުގައިވެސް ރެއާލްގެ ފޯވާޑްލައިންގައި ހިމެނޭ ކަރީމް ބެންޒެމާ އާއި ވިނީޝިއަސް ޖޫނިއާގެ އިތުރުން ބޭލް އަށް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވެއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 26 ވަނަ މިނެޓުގައި ބާސެލޯނާ އަށް ޖަހައިދިނީ އިވާން ރަކިޓިޗް އެވެ. މިއީ އެ ޓީމުގެ ސާޖީ ރޮބާޓޯ ދިން ރީތި ޕާހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެކުރީން، ބާސެލޯނާގެ ލީޑް ފުޅާކުރުމަށް ލުއިސް ސުއަރޭޒް އާއި ލިއޮނަލް މެސީ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ރެއާލްގެ ކީޕަރު ކޯޓުއާ އެވެ. މި ހާފު ނިމުނީ 1-0 އިން ބާސެލޯނާ ކުރީގައިއޮވެގެންނެވެ.

ރެއާލް އާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ރޮއިޓާސް

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރެއާލަށް އެއްވަރުކޮށްދިނުމަށް ވިނީޝިއަސް އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓަ ސްޓެގަން މަތަކުރިއިރު ބާސެލޯނާގެ އޮސްމާނޭ ޑެމްބެލޭ އަށް އެ ޓީމުގެ ލީޑް ފުޅާކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އޭނާ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ކޯޓުއާ މަތަކުރިއެވެ.

އޭގެފަހުން، މެޗު ނިމެން ދަނިކޮށް ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް އެ ޓީމުގެ ފޯވާޑް ބެންޒެމާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާގެ ހުރަހަކަށްވީވެސް ބާސެލޯނާގެ ކީޕަރު ޓަ ސްޓެގަން އެވެ.

މިއީ 2004 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި ވިދިވިދިގެން ތިން މެޗުން ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުން ރެއާލް ބަލިވުމުން އެއްވަނައިގައި އުޅޭ ބާސެލޯނާ އާ ދެމެދު އޮތް ފަރަގު ވަނީ 12 ޕޮއިންޓަށް ފުޅާވެފައެވެ. ރެއާލަށް ކޮޕާ ޑެލް ރޭ ގެ އިތުރުން ލީގު ހޯދުމުގެ ފުރުޞަތު ގާތްގަނޑަކަށް ގެއްލިފައިވުމުން އެ ޓީމުގެ އަމާޒަކަށްވެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކުރުމެވެ. އެ މުބާރާތުގެ ތަށި މިދިޔަ ތިން އަހަރުވެސް ހޯދައިފައިވަނީ ރެއާލެވެ.

ރެއާލަށް ދެން އޮތީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމް އާ ދެކޮޅަށް ކުޅޭ މެޗެވެ.