Last Updated: May 3, 22:21
Friday, May 3, 2024
ކުޅިވަރު

އެވަޓަންއާ އެއްވަރުވެ ލިވަޕޫލަށް ފުރުޞަތު ގެއްލިއްޖެ

އެވަޓަން އާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުގެ މުހައްމަދު ސަލާހް (މ) ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު ޑާބީގައި އެވަޓަންއާ 0-0 އިން އެއްވަރުވުމުން އަލުން ލީގު ތާވަލްގެ އެއްވަނައަށް އަރަން ލިބުނު ފުރުޞަތު ލިވަޕޫލުން ގެއްލުވާލައިފިއެވެ.

ލީގުގައި އިއްޔެ ކުޅުނު މެޗުގައި ބޯންމައުތު އަތުން 1-0 އިން މޮޅުވެ ކުރީން ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ 29 މެޗުން 71 ޕޮއިންޓް ހަމަކޮށް ތާވަލްގެ އެންމެ ކުރިއަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 29 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު އޭގެ 9 ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 58 ޕޮއިންޓެވެ.

އެވަޓަންގެ ގުޑިސަން ޕާކްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ މުހައްމަދު ސަލާހަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތުލިބި ބޭކާރުވެފައެވެ. ސަލާހު ފޮނުވާލި ދެ ހަމަލާވެސް އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް މަތަކުރިއެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް ލިވަޕޫލްގެ އެންޑްރޫ ރޮބަޓްސަން ނަގައިދިން ހިލޭޖެހުމަކުން ހޮލެންޑް ޑިފެންޑަރު ވާޖިލް ވެން ޑައިކް ވަރަށް ހަނި އޭންގަލަކުން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. މި ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އެވަޓަން އަށް ލީޑް ނަގައިދިނުމަށް ޑޮމިނިކް ކެލްވަޓް-ލުވިން އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އެ ޓީމުގެ ލޫކަސް ޑީނިއޭ ނަގައިދިން ހުރަހަކުން ކެލްވަޓް-ލުވިން ބޮލުން ފޮނުވާލި ބޯޅަ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ މަތަކުރިއެވެ.

އޭގެފަހުން، ފުލުފުލުގައި ލިވަޕޫލްގެ ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް އާއި ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރީގީ އަށް ވަނީ ލަނޑުޖެހުމަށް ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެލެގްޒެންޑާ-އާނޯލްޑް ފޮނުވާލި ބޯޅަ އެވަޓަންގެ ކީޕަރު ޕިކްފޯޑް މަތަކުރިއިރު އޮރީގީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

މެޗު ނިމެން ދަނިކޮށް ދެވަނަ ހާފުގައި ކުޅެން ނިކުތް އެވަޓަންގެ ރިޗާލިސަން ނަގައިދިން ހުރަހަކުން އެ ޓީމުގެ ބަނާޑް ފޮނުވާލި ބޯޅަ ގޯލަށް ނުވަދެ ދިޔައީ ހަމަކިރިޔާއެވެ.

ލީގުގައި ލިވަޕޫލް ދެން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ބާންލޭއާ ދެކޮޅަށް ނިކުންނައިރު ހޮނިހިރު ދުވަހު ކުޅޭ މެޗުގައި އެވަޓަން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާއެވެ.