Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

"އެމްޑީޕީން އަންނަނީ ވައުދު ފުއްދަން، އެހެން ޕާޓީތަކުގެ މަގުސަދު ސާފެއް ނޫން"

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އެމްޑީޕީން ނިކުންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދަން ކަމަށާއި، ނަމަވެސް ދެން މި އިންތިޚާބުގައި ވާދަކުރާ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންގެ މަގުސަދު ސާފެއް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް އެދިވަޑައިގެންފިއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ބާރަށު ދާއިރާއަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވަނީ އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ އަނެއްކާވެސް ބަޣާވާތަކާ ދިމާލަށް ގައުމު އެނބުރި ދާނެ ކަމަށާއި އަނެއްކާވެސް ގައުމުގައި އޮންނާނީ ހަމަނުޖެހުން ކަމަށް ވިދާޅުވިއެވެ.

މާއްޗަނގޮޅި މެދު ދާއިރާއަށް މިފަހަރުގެ އިންތިޚާބުގައި ވާދަކުރާ ނަޝީދު ވަނީ އެޖެންޑާ 19 ގެ ނަމުގައި އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭނު ފައްޓަވާދެއްވާފައެވެ. އެޖެންޑާ 19 އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތައް ފުއްދުމަށާއި ރާއްޖެ ހަމަ މަގަށް ގެނައުމަށް ކުރަން ޖެހޭ ކަންތައްތައް މަޖިލިސް ތެރެއިން ކުރުމަށް އެމްޑީޕީން ނެރެފައިވާ ސިޔާސަތެކެވެ.

ކޯލިޝަނެއްގެ ތެރެއިން މިސަރުކާރު އައިސްފައިވާއިރު ކޯލިޝަންގައި ދެން ހިމެނޭ ތިން ޕާޓީންވެސް މަޖިލީހުގެ އެކި ދާއިރާތަކަށް ވާދަކުރެއެވެ. އެމްޑީޕީން އެކަނި 86 ދާއިރާއަށް ވާދަކުރަން ނިންމުމުގެ ސަބަބުން ޖުމުހޫރީ ޕާޓީއާއި ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އަދި އަދާލަތު ޕާޓީއާ އެމްޑީޕީން ކޯލިޝަން ހެދުމަށް މަޝްވަރާ ކޮށް ބައެއް ދާއިރާތައް އެޕާޓީއަށް ދޫކުރަން ނިންމި ނަމަވެސް ކެންޑިޑޭޓުން އެކަމާ އެއްބަސްނުވުމުގެ ސަބަބުން އެ މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ބެލެވެއެވެ.

ކޯލިޝަންގައި ދެން ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓު(އެމްއާރްއެމް) އިން މަޖިލީހަށް ނިކުންނަނީ އެކަންޏެވެ. ނަމަވެސް އެމްއާރްއެމް ކެންޑިޑޭޓުން ވެސް ކެމްޕޭނު ކުރައްވަނީ ސަރުކާރާ އެއްކޮޅަށެވެ.