Last Updated: April 19, 06:56
Friday, April 19, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ބައްތިރީސްވަނަބައި)

ކުޑައިރުއްސުރެ ޝައުންއަކީ ނިދީގައި ވާހަކަ ދައްކާ ކުއްޖެކެވެ. އެކަމާ އެންމެގިނައިން ޖޯކްޖަހާ މީހަކީ އާއިންއެވެ. އޭނާ ޝައުން ދައްކާ ވާހަކަތައް ރިކޯޑްކޮށް ހަދައިގެން ފަހުން ޝައުންއަށް ގޯނާކޮށް ހަދައެވެ. ނަމަވެސް މިއަދު ޝައުންގެ ވާހަކަތައް އަޑުއަހާފައި އޭނަ ދެރަވިއެވެ. އޭނާ ދެއްކި ވާހަކައިން ޝައުން ދެރަވެ އެކަމާމެދު މާބޮޑަށް ވިސްނަނީކަން އާއިންއަށް އެނގުނެވެ. ނަމަވެސް ޝައުންއަށް ވިސްނިފައި އެވަނީ މުޅީން ރަނގަޅަކަށް ނޫނެވެ. އޭނަ ޝައުން ގޯސްކުރީކީ ނޫނެވެ. ނަމަވެސް ޝައުންއަށް ވިސްނާދެވޭތޯ މަސައްކަތް ކުރީއެވެ. ވިސްނާލަން އިރުކޮޅަކު ހުރުމަށްފަހު އާއިން ކޮޓަރިން ނުކުތެވެ. އޭރު، އޭނާ ލަސްވެގެން ހޯދަން މާޒް އަންނަނީއެވެ.

އެންމެން ވަރަށް އަވަދިނެތި އުޅެގެން ކައިވެނި ކުރެވޭ ދުވަހާ ހަމައަށް ހުރިހާ ކަމެއްވެސް ނިންމާލެވުނެވެ. ޝައުންއަށްވެސް އޭނާއާ ހަވާލުކުރެވިފައިވާ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާލެވުނެވެ. ހެދުން ފެނިފައި އައިރާ އުފަލުން ފޮޅުނެވެ.

" ވާއު ހާދަ ރީއްޗޭ….ތޭންކްޔޫ…." އައިރާ ދުވެފައި އައިސް ޝައުންގެ ގައިގާ އޮޅުލައިގަންނަމުން ބުންޏެވެ.

" ތިއީ އަހަރެން މިހުރިހާ ދުވަހު ނިދި ނަގާލައިގެން ކުރި މަސައްކަތޭ….ރީތިވާނެއްނު….ދެން ތިބާނުކޮށް ބާލާ….މިރޭ އެންމެން ހައިރާންވާވަރަށް ރީތިވެލަންވާނެ…." އުފާވެފައި ޝައުން ބުނެލިއެވެ.

ހެނދުނުގެ ނާސްތާއަށްފަހު ހުރިހާ އެންމެންވެސް އިންތިޒާރު ކުރަމުން ދިޔަ ވަގުތު އައިސް ޖެހިއްޖެއެވެ. މާޒް ވަރަށް ފުރިހަމައަށް ތައްޔާރުވެގެން އޭނާގެ އާއިލާއާއެކުގައި އާޒިމްގެ ގެޔަށް އައެވެ. އައިރާވެސް ނަލަހެދިގެން ސިޓިންރޫމަށް ނުކުތްއިރު އޭނާގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ކައިވެނީގެ މަޖިލީހަށް ހުރިހާ މެންބަރުން ހަމަވުމުން ގާޒީ ރަސްމިއްޔާތު ފެށިއެވެ. މާޒްގެ ގާތުގައި އިން އައިރާގެ ހިތުގެ ތެޅުން ހިނދެއް ހިނދަކަށް އަވަސްވަމުން ދިޔައިރު، މާޒްވެސް އިނީ އަތްފައި ފިނިވެފައެވެ. ކައިވެނީގެ ޚުތުބާއަށްފަހު ކައިވެނި އަޤުދުކޮށްދިން ވަގުތު ދެހިތަށްވެސް ބުނަން ނޭނގޭފަދަ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެމަންޒަރު ބަލަންތިބި އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވަމުން ދިޔައެވެ. ގާޒީއާއި ހެކިވެރިން ގޮވައިގެން އާޒިމް މާޒްގެ ބައްޕަ ކާކޮޓަރިއަށް ދިއުމުން ހުރިހާ އެންމެން އައިސް އައިރާއާއި މާޒް ވަށާލިއެވެ. އަދި އުފާވެރިކަމާއެކު ފަހަރަކު މީހަކު ދެމަފިރިންނަށް މަރުޙަބާ ކިޔަމުން ދިޔައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރި ކަމެވެ.

ނަމަވެސް ތަންކޮޅެއް ދުރުގައިހުރި ޝައުންހުރީ ވިސްނުމަކަށް ގެއްލިފައެވެ. ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލަމުން ދިޔައިރު އޭނާ ވިސްނަމުން ދިޔައެވެ. ދުރުނޫން މުސްތަޤުބަލެއްގައި އޭނާވެސް އެއުޅެނީ އެރިކްއާއި ކައިވެނިކުރާށެވެ. އެދުވަހަކުން އޭނާވެސް އެފަދައިން އުފާވާނެ ހެއްޔެވެ؟ އާއިލާއާއި މައިން ބަފައިންވެސް އުފަލުން އެގޮތަށް މަރުޙަބާ ކިޔާނެ ހެއްޔެވެ؟ އާއިންގެ މޫނުންވެސް އެއުފާވެރިކަން ފެންނާނެ ހެއްޔެވެ؟

" ދެން އޮތީ ޝައުންގެ ފަހަރު…" ކުއްލިއަކަށް ޝައުން ސިހުނީ އުޝާގެ އަޑުންނެވެ.

" އާނ…ދެން އޮތީ ޝައުންގެ ފަހަރު….އަހަރެމެން މިހާރުއްސުރެ އިންތިޒާރުގަ މިތިބީ…" މާޒްވެސް އަވަސް އަވަހަށް އުޝާއާ ބައިވެރިވެލިއެވެ.

" ހީވަނީ އަވަސް މުސްތަޤުބަލެއްގަ ތިކަންވެސް ވާން އުޅޭހެން…" އައިރާވެސް ފުރުސަތުގެ ބޭނުން ހިފިއެވެ.

" ތިދެން ކޮންކަމެއް…..މިދެމީހުންނަށް ކައިވެނިކުރެވުނީމަ ދެންހަމަ އެހެންމީހުނާ ދިމާކުރަންވީދޯ….ވަގުތު ޖެހުނީމަ އަދި ޝައުންގެ ކައިވެނިވެސް ވާނޭ….ކެތްކޮށްބަލަ!…" އެންމެން ދިމާކުރިއިރުވެސް ޝައުން ހިމޭނުން ހުރިތަން ފެނިފައި އާއިން އޭނާ ދިފާއު ކުރިއެވެ.
އާއިން ނުރުހުނީހެން ހީވެގެން އެންމެން އަވަހަށް ހިމޭންވިއިރު، ޝައުންހުރީ އާއިންގެ ސަބަބުން ހައިރާންވެފައެވެ. އިޒްޔަންވެސް އާއިންއަށް ބަލަންއިނީ ސުވާލުގެ ނަޒަރަކުންނެވެ. މަޖާ މާހައުލެއްގައި އާއިން މާބޮޑަށް ސީރިއަސްވުމުން ފަރަހަނާޒްވެސް ހައިރާންވިއެވެ. މިހާރަކަށް އައިސް އާއިން މާބޮޑަށް ކަމަކާމެދު ފިކުރު ކުރަނީހެން އޭނާއަށް ހީވެއެވެ. އަބަދުވެސް ވިސްނުމަކަށް ގެއްލިފައި ހުންނަތަން އޭނާއަށް ފެނެއެވެ. ނަމަވެސް އާއިން އިސްވެ އެވާހަކަ ނުދައްކާތީ އޭނާ ސުވާލުކުރަން ބޭނުން ނުވަނީއެވެ.
ދުވާލުގެ ހަތަރުދަމު ގޭތެރޭގެ ހަލަބޮލިކަން ކެނޑިގެން ނުދެއެވެ. އިރުއޮއްސި، ކައިވެނީގެ ހަފްލާގެ ވަގުތުޖެހެން ގާތްވުމުން މަޑުމަޑުން ގޭތެރެއަށް ހިމޭންކަން ވެރިވަމުން ދިޔައެވެ. ކޮންމެ މީހަކުވެސް ހަފްލާއަށް ތައްޔާރުވުމަށްޓަކައި އެމީހެއްގެ ކޮޓަރީގައި އަވަދިނެތި އުޅެމުން ދިޔައެވެ. ފަރަހަނާޒްވެސް އަޔާނާ ފެންވަރުވާ ރީތިކޮށްލުމަށްފަހު ޒާހިދާއާއި ހަވާލުކުރުމަށްފަހު ފެންވަރަން ވަނެވެ. އާއިންވެސް ހޮޓެލްގެ ކަންތައްތައްހުރީ ރަނގަޅަށްތޯ ބަލާލުމަށްފަހު ގެޔަށް އައީ ފެންވަރާލުމަށެވެ. އޭނާ ކޮޓަރިއަށް އައިސް ވަތްވަގުތަކީ ފަރަހަނާޒް ފެންވަރައި ތުވާލި އޮޅާލައިގެން ނުކުތް ވަގުތެވެ. ކުއްލިއަކަށް އާއިން ފެނުމުން ފަރަހަނާޒް ސިހޭގޮތްވެފައި ލަދުވެސް ގަތެވެ.

" މިހާރު އަހަރެން ނުލާގޮސް ފެންވެސްވެރީތަ؟…" ފަރަހަނާޒްގެ ގާތަށް ޖެހިލަމުން ލާނެއްކަމާއެކު އާއިން ބުނެލިއެވެ.

" ލަސްވަނީއޭ….އާއިންވެސް ދޭ އަވަހަށް ފެންވަރަށް…." އާއިން ބަލަންހުރިގޮތުން ރަކިވެފައިހުރެ، އަވަސް އަވަހަށް ފަރަހަނާޒް ބުނެލިއެވެ.

" ނޫނޭ…ދެން ނުދެވޭނެ…" އާއިން ކުއްލިއަށް އައިސް ފަރަހަނާޒް އޭނާގެ އަތްދަނޑިމައްޗަށް އުފުލާލައިގެން ގޮސް އެނދުމަތީގައި ބޭއްވިއެވެ.

" ދެން މިގަނޑީގަ ސަކަރާތްނުޖަހާ އަވަސްކޮށްބަލަ…" އާއިންގެ މަގުސަދު ވިސްނިގެން ފަރަހަނާޒް ބުނެލިއެވެ.

" ދެމަފިރިންނަށް ގަޑިއެއް ގަޑިއެއް އޮވޭތަ؟…" ލާނެއްގޮތަކަށް ހީލަމުން އާއިން ބުނިގޮތުން ފަރަހަނާޒްގެ ދޫބަންދުވިއެވެ.

އިތުރަށް އެއްޗެއް ބުނާނެހައި ހިތްވަރެއް ނުލިބުނެވެ. މިދުވަސްކޮޅު އުޅެންޖެހިފައިވާލެއް ބުރަކަމުން ދެމަފިރިންނަށް ލޯބިކޮށްލަން ވަގުތުކޮޅެއް ނުލިބޭތާވެސް ދުވަސްތަކެއް ވެއްޖެއެވެ. އެހެންކަމުން، ވަގުތުގެ ނާޒްކު ކަމާއެކުވެސް ފަރަހަނާޒަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ޚުދު އޭނާވެސްހުރީ އާއިންގެ ލޯބިވެތި ފިރުމުންތަކަށް ފެންބޮވައިގެންފައެވެ.

ހަފްލާފެށެން ކުޑަތަންވެފައި ވަނިކޮށް އާއިން ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އައިސް ހޮޓެލްގެ ލޮބީއަށްވަނެވެ. އޭރު އިޒްޔަން އޭނާއަށް އެތައްފަހަރަކު ގުޅައިފިއެވެ.

" އަޅެ މިހުރިހާއިރު ކީއްތަކުރީ؟….ގުޅާގުޅާ ފޯނުވެސް ނެގީކީނޫނޭ….މިހާރު އެއޮށް މެހެމާނުން އަންނަ ގަޑިޖެހުނީ…." އާއިން ފެނުމާއެކު އިޒްޔަން ފަތިވަރެއް އަމުނާލިއެވެ.

" ސޮރީ ބަޑީ….އެކަމު ކުރިކަންތައް ކިޔައެއް ނުދެވޭނެ….ވަރަށްހާޑްކޮށް އުޅެފަ މިއައީ…." ލާނެއްގޮތަކަށް ހީލަމުން އާއިން ބުންޏެވެ.

" ހޫމް ނުބުންޏަސް މަށަށް އެނގިއްޖެ މާހާޑްކޮށް ތިކުރިކަމެއް….ދެންވެސް ހިނގާބަލަ މިކަމާއުޅެން…" އާއިންގެ މޫނުމަތިން ފެންނަންހުރި އުފާވެރިކަމުން އިޒްޔަންއަށް އެއްޗެއް ވިސްނިގެން ދިމާކޮށްލިއެވެ.

ދެމީހުން އަވަސް ހަރަކާތަކާއެކު މެހެމާނުން ވަންނަން ޚާއްސަކުރެވިފާ ދިމާއަށް މިސްރާބު ޖެހިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އައިރާއާއި މާޒްވެސް އައިސް އެމީހުންނަށް ޚާއްސަކުރެވިފައިވާ މަޤާމުގައި އިށީނެވެ. މެހެމާނުން އައުމުގެ ކުޑައިރުކޮޅެއްކުރިން އަޒީފާގެ ދެމަފިރިންނާއި ޝައުންއާއި އުޝާވެސް އައެވެ. އެމީހުންނާއި ދާދި އެކުއެކުގައިހެން އާޒިމްގެ ދެމަފިރިންނާއި ފަރަހަނާޒްވެސް އަޔާނާއާއެކުގައި އައިސް ވަނެވެ. ޝައުންއާއި ފަރަހަނާޒަށް ލޮބީތެރެއަށް ވަދެވުނީ ދާދިއެކުއެކީގައެވެ. އެމީހުނާއި މާދުރުނޫން ހިސާބެއްގައިހުރި އާއިންއަށް އެދިމާ ބަލާލެވުނީ އިއްތިފާޤުންނެވެ. ދެއަންހެން ކުދިން އެކީގައި ވަދެގެން އައިއިރު، އާއިންގެ ނަޒަރު ދެމީހުނަށް ވަކިވަކީން ދަތުރުކުރިއެވެ. ދެމީހުންވެސް ތިބީ ވަރަށް ފުރިހަމައަށް ނަލަހެދިގެންނެވެ. ނަމަވެސް ދެމީހުންގެވެސް ހެދުންއެޅުން ހާސްބައި ތަފާތެވެ. ރަތްކުލައިގެ ވަރަށްރީތި މެކްސީއެއްގައި ފުރިހަމަ މޭކަޕާއެކު ޝައުން ފެންނައިރު، ޒުވާން ފިރިހެނުންގެ ހިތްތަކަށް ލޮޅުންއަރައިގެންދާހައި ވެއެވެ. "އޮފް ޝޯލްޑަރ" މެކްސީއެއްގައި ހުރިއިރު، އެދޮން ކަނދުރާއާއި ކަރުދަށް ދެކޮނޑާއެކު އޮތީ ހާމައަށެވެ. ރަތްކުލައިގެން ފުލެއްލާފައިވާ ހިމަހިމަފަށެއް އަޅާފައިވުމުން ކޮންމެވެސް ވަރަކަށް އެކަނދުރާގެ ފަޅުކަން ފިލައެވެ. ކަންފަތުގައިވެސް ރަތްކުލައިގެ އެހެއްލާފައި ވެއެވެ. އަނދުނުން ދެލޯފަވާލާފައިވީއިރު، އެދެލޮލުގެ ހުދުކަން އިތުރުކޮށްދީފައިވެއެވެ. ތުންފަތުގައި ޖައްސާފައިވާ ރަތްކުލައިގެ ސަބަބުން މޫނުގެ ދޮންކަންވެސް އިތުރުކޮށްދީފައިވާހެންވެސް ހީވެއެވެ. ދިގުއިސްތަށިގަނޑުވަނީ ރީތިގޮތަކަށް އައްސާލެވިފައެވެ. މިސިފައިގައި ޝައުން ފެންނަ ކޮންމެ ފިރިހެނަކަށްމެ އަސަރުކުރާނެކަން ގައިމެވެ.

އަނެއްކޮޅުން ފަރަހަނާޒްއަށް ބަލާލައިފިނަމަ އޭނާގެ ސާދާކަމާއި މައުސޫމުކަން ހާމަވެއެވެ. ރަތްކުލައިން ޖަރީކުރެވިފައިވާ ކަޅުޖިލްބާބެއްގައި ހުރިއިރު، އޭނާގެ އިސްތަށީގަނޑާއި މޭމަތިވަނީ ރަތްކުލައިގެ ޝޯލްއަކުން ނިވާކޮށްލެވިފައެވެ. ލޮލުގައި އަނދުން އަޅާފައިވީނަމަވެސް އިތުރު އެއްވެސް މޭކަޕެއްނެތެވެ. އެހެންކަމާއެކުވެސް އެމޫނުގެ ސާފުކަމާއި އޮމާންކަމުން، ހިތްތަކަށް އަސަރުކުރުވާހައިވެއެވެ. ޝައުންހައި ދޮން ނުވީނަމަވެސް، ރަތްކުލައިގެ ޝޯލްގެ ތެރެއިން އެމޫނު ފެންނަލެއް ކިތަންމެހައިވެސް ހިތްގައިމެވެ. ދެއަންހެން ކުދީންވެސް އެމީހުންގެ ޒާތުގައި ރީއްޗެވެ. ފުރިހަމައެވެ. ނަމަވެސް ޝައުންގެ ހެދުން އެޅުމުގެ ވައްޓަފާޅި ކުޑަކޮށްވެސް ކަމަކު ނުދިޔައެވެ. އަންހެންކުދިންނަކީ އެކުދިންގެ ރީތިކަން އެމީހުންގެ ފިރިންނަށްޓަކައި ރައްކާތެރިކޮށް އިތްފަތްތެރިވާން ޖެހޭ ބައެކެވެ. ވީއިރު، ޝައުން އޭނާގެ ރީތިކަން ދުނިޔެއަށް އިސްތިހާރު ކުރަންޖެހޭ ހެއްޔެވެ؟ ހިލޭ ފިރިހެނުންގެ ލޯތައް އޭނާއަށް އަމާޒުވާފަދައިން ހެދުން އަޅަން ޖެހޭ ހެއްޔެވެ؟ އީމާންކަން ބަލިކަށި ފިރިހެނުންގެ ހިތްތައް ފަސާދަކުރެވެނީކަންވެސް އެއަންހެން ކުއްޖާއަށް ނޭނގެނީ ހެއްޔެވެ؟ ފަރަހަނާޒްފަދަ ކުއްޖަކަށް އޭނާނުވީ ކީއްވެގެން ހެއްޔެވެ؟ އާއިންއަށް ނޭނގިނަމަވެސް ޝައުންއާއި ފަރަހަނާޒް އަޅާކިޔުނެވެ. ފަރަހަނާޒްފަދަ މާތް ކުއްޖަކަށް ޝައުންވުމަށްވެސް ހިތާހިތުން އެދެވުނެވެ.

" މިރޭ އަންހެނުން މާރީތީވީމަ ގެއްލިދާނެތީ ބިރުގަންނަނީތަ؟…" އާއިން ފަރަހަނާޒްމެންނަށް ބަލަންހުރިގޮތުން އިޒްޔަން ދިމާކޮށްލިއެވެ.

" އާނ….ބަލަންވާނެއްނު…ނޭނގިހުއްޓާވެސް ގެއްލިދާނެ ވިއްޔަ…" އާއިން އަވަސް އަވަހަށް ބުނެލިއެވެ.

" ހެހެހެ…އެހާވެސް ޔަޤީންކަމެއްނެތްތަ؟…" ހީލަމުން އިޒްޔަން އަހާލިއެވެ.

" ނޫނޭ….ނުދާނެކަން އެނގޭ…އޭތް ތިޔެއްނޫނޭ….ކޮބާ އެއުޅޭ އެރިކް؟….އޭނާއަށް ދައުވަތު ނުދެނީތަ؟…." ޝައުންއާއެކު އެރިކް ފެންނަން ނެތުމުން އާއިން އަހާލިއެވެ.

" ނޫނޭ….އޭނައަށް ކުއްލިއަކަށް ދާން ޖެހިގެން މިއަދުފުރީ….ނަސީބެއް ކަންނޭނގެ ދިޔަކަން…އޭނަ ނުގޮސްގެން ބޮލަށް އުނދަގޫވެފަ މަހުރީ…." ނުރުހިފައި އިޒްޔަން ބުންޏެވެ.

" ހޫމް…މަވެސް ވަރަށް ހިތްހަމަ ނުޖެހިފަ މިހުރީ އޭނާ އުޅޭ ވައްތަރުން….އެއީ ޝައުންދެކެ ލޯބިން އިންނަން އުޅޭމީހެއްނޫން….ދަތުރު ގޮސް އުޅުނުއިރުވެސް މަދުށިން ޝައުން ރޮނިކޮށް….މަށަށް ހީވަނީ އޭނާ ޝައުންގެ ނުރުހުމުގަ ކަމެއްކުރީހެން…" އާއިންއަށް އެހެންބުނެވުނީ ބޭއިޚްތިޔާރުގައެވެ.

" އޭނ؟…މަށަށް އަދި ނޭނގޭކަމެއްތީ؟…ޝައުން ނުބުނޭ އެކަހަލަ ވާހަކައެއް….ބުނަނީ އަބަދުވެސް އޭނަ ރަނގަޅޭ….އިންނަން ބޭނުމޭ….މަށަށް އެނގޭ އޭނާ އިންނަން އެއުޅެނީ ލޯބިން ނޫންކަން…" އިޒްޔަންގެ އަޑުގައިވަނީ ނުރުހުމުގެ އަސަރެވެ.

" ލޯބިނުވަންޏާ ދެން ކީއްވެ އިންނަން އެއުޅެނީ؟…ކޮން މަޖުބޫރެއް އޮވެގެން؟…" އާއިން ކުޑަކޮށް ހައިރާންވެފައި އަހާލިއެވެ.

" ލޯބިވާ މީހާމަތިން ހަނދާން ނައްތާލަން….ތިމާ ލޯބިމާ މީހާ ނުލިބެންޏާ މުޅި އުމުރު ހުސްކުރަންވީ ކީއްކުރަންހޯ ބުނީ…." އާއިންގެ މޫނަށް ބަލަންހުރެ އިޒްޔަން ބުނެލިއެވެ. އެވަގުތު އާއިން ހިމޭންވިއެވެ. އޭނާ އެއްޗެއް ބުނަން ބޭނުންވި ނަމަވެސް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ޝައުން އެބުނާ ލޯބިވާ މީހާއަކީ އޭނާއެވެ.

" އާންއަށް އެނގޭތަ އޭނާ އެވާ ޤުރުބާނުގެ އަސްލަކީ ތީކަން؟…" ކުއްލިއަކަށް އިޒްޔަން ކޮށްލި ސުވާލުން އާއިން ސިހުނެވެ. ޝައުން ލޯބިވަނީ އާއިންދެކެކަން އިޒްޔަން އެނގޭހެއްޔެވެ؟

" މާބޮޑަށް ހައިރާންވާނެ ކަމެއްނެތް….އަހަރެންނަށް ހުރިހާކަމެއްވެސް އެނގޭ….ޝައުން ލޯބިވަނީ އާންދެކެކަން އެނގޭ….ތިދެމީހުންގެ މެދުގަ ދުރުކަމެއް އުފެދުނީ ކީއްވެގެންކަންވެސް އެނގޭ…..އެކަމުގަ ޝައުންގެ ކުށެއްނެތް….ލޯބިވުމަކީ ކުށެއްނޫން…ޝައުން އާންދެކެ އިންތިހާއަށް ލޯބިވޭ….އާން ހާސިލްކުރަންވެސް އޭނާ ބޭނުންވި….ނާޒްއަށް އޭނާ ނަފްރަތުވެސްކުރި….އޭނާ ބޭނުންވި ކޮންމެގޮތަކުންވެސް އާން ހާސިލްކުރަން…..ދެއަންބަށްވެސް އިންނަން އޭނަހުރީ ތައްޔާރަށް…އެކަމު ނާޒް އެކްސިޑެންޓްވީ ހިސާބުން ފެށިގެން ހުރިހާ ކަމެއް ބަދަލުވީ…. އާން ނާޒްދެކެ ލޯބިވާވަރު ފެނިފަ އޭނާއަށް ގަބޫލުކުރެވުނު އޭނާގެ ލޯތްބަކީ ބޭކާރު އެއްޗެއްކަން…..އެހެންވެ އޭނާ ބޭނުންވަނީ އާންއާ ދުރަށްދާން….މުޅި އުމުރަށް ދުރަށްދާނެ މަގެއް އޭނާ އެހޯދީ….އެނގޭތަ އޭނާ ފެޝަން ޑިޒައިނަރއަކަށްވީ ކީއްވެގެންކަން؟…އޭނާ ބޭނުންވީ އާންއާއެކު ތިއޮފީހުގަ މަސައްކަތްކުރަން….އެކަމު ފަހުން އޭނާގެ ޚިޔާލުބަދަލުވީ….މިހާރު އޭނާ ބޭނުމެއްނުވޭ އާންއާ އެއްޤައުމުގަވެސް ހުންނާކަން….އޭނާ ބޭނުންވަނީ އާންއާ ވީހާވެސް ދުރުގަ އުޅެން….ކޮންމެގޮތެއް ހަދާފަވެސް އޭނާ އެރިކްއާ އިންނާނެ…" އިޒްޔަން ދެއްކި ވާހަކަތަކުން އާއިން ހައިރާނެއްނުވެއެވެ. ނަމަވެސް އިޒްޔަންއަށް އެނގުނީތީ ލަދުގަނެ ދެރަވެސް ވިއެވެ.

" އާން…ޝައުންއަށް ވިސްނަދެވޭތޯ ބަލާބަލަ! އޭނަ ގެއްލި ހަލާކުވުމުގެކުރިން އަހަރެމެން ޖެހޭނެދޯ ސަލާމަތްކުރަން މަސައްކަތްކުރަން…" އާދޭހުގެ ރާގެއްގައި އިޒްޔަން ބުންޏެވެ.

" އަހަރެންވެސް ވާހަކަދެއްކިން….ނަސޭހަތްވެސްދިނިން….އެކަމު ބުނާ އެއްޗެއް ގަބޫލެއް ނުކުރޭ….އަހަރެންވެސް އެކަމާމެދު ވަރަށް ވިސްނަން…" މޮޅިވެރިކަމާއެކު އާއިން ޖެވާބުދިނެވެ.

" އާން…ތިކުންފުނިން އޭނާއަށް ވަޒީފާއެއް ހަމަޖައްސަންވީނު….އޭނަ މިކޮޅުގަ މަޑުކުރެވޭގޮތް ވެއްޖެނަމަ އެރިކްއާ ދުރުކުރެވިދާނެ…." އިޒްޔަން ލަފާދިނެވެ.

" އެކަމު އޭނާ ގަބޫލުވާނެތަ އަންނަން….މަށަކަށް ހިޔެއްނުވޭ އެއްބަސްވާނެހެނެއް…" ޔަޤީންކަމެއް ނެތްގޮތެއްގައި އާއިން ބުންޏެވެ.
" ބޮޑުބޭބެ މެދުވެރިކޮށްގެން އެކަން ކުރެވިދާނެއްނު….އޭރުން ފަހަރެއްގަ އެއްބަސްވެދާނެ…" އިޒްޔަން ޚިޔާލުދިނެވެ.

" އަހަރެން މަސައްކަތް ކުރާނަން…އެކަމު އެމީހުން މާދަމާ ދާނެއްނު….އަނެއްކާ ގެންނަންވެސް ފަސާހައެއްނުވާނެދޯ…އެކޮޅަށްދާތަނުން އެރިކް ހުންނާނެ…" ވިސްނާލަމުން އާއިން ބުނެލިއެވެ.

" އަހަރެން ބައްޕަގާތު އެރިކްވާހަކަ ބުނެފިން…..ބައްޕަބުނީ އެކޮޅަށް ގޮސް އެރިކްގެ މައިންބަފައިންނާ ބައްދަލުކުރާނަމޭ….އަދި ބައްޕަ ބޭނުންވާ ގޮތްވެސް ހާމަކުރާނަމޭ….އެމީހުން އެގޮތާ އެއްބަސް ނުވެއްޖެނަމަ ޝައުންއަށް އެރިކްއާ އިނުމުގެ ހުއްދައެއް ނުދޭނަމޭ….އެހެންވީމަ ޝައުން އެތަނުން ގެނެވޭނީ ކުރިއްސުރެ ޕްލޭންއެއް އޮވެގެންދޯ…" އިޒްޔަން އޭނާ ވިސްނާފައިވާގޮތް ހާމަކުރިއެވެ.

" ހޫމް…އަހަރެން ތިކަން ކޮށްދޭނަން….ކަންތައްވާގޮތަކުންދޯ ނަތީޖާ އެނގޭނީ….އެރިކް އިސްލާމު ވެއްޖެނަމަ އިތުރަށް ކުރެވޭނެ ކަމެއްނޯންނާނެ….އޭރުން ޝައުން ހުއްޓުވޭނެ ގޮތެއްވެސް ނޯންނާނެ…" އާއިން ހަޤީޤަތް ހާމަކުރިއެވެ.

ދެމީހުން ވާހަކައިގައި ތިއްބައި މެހެމާނުން އަންނަން ފެށުމުން ދެމީހުންވެސް އެކަމަށް ސަމާލުވިއެވެ. މެހެމާނުން އަންނަމުން ދިޔަވަރަކަށް މާހައުލުގެ އުފާވެރިކަމާއި ހަލަބޮލިކަން އިތުރުވަމުން ދިޔައެވެ. ހުރިހާ މެހެމާނުންވެސް އެމީހަކު ބޭނުން މަންޒިލެއް ޚިޔާރުކުރުމަށްފަހު ކެއުމައިގެން ކުރިޔަށް ދާންފެށުމުން އާއިންއާއި އިޒްޔަންވެސް އެމީހުންގެ އަނބިންގެ ގާތަށް ގޮސް ހަމަޖެހިލިއެވެ.
އާއިންއާއި ފަރަހަނާޒް އަޔާނާއާއެކު އެއްމޭޒުގެ ކައިރީގައި ތިބިއިރު، އަރްވިންގެ ދެމަފިރިންނާއި އަމީލާވެސް ތިބީ އެމީހުންގެ ގާތުގައެވެ. އިޒްޔަންއާއި އުޝާވެސް ވަކިން ތިބިއިރު، އަޒީފާގެ އަޒީފާގެ ދެމަފިރިން އިޒްވާންއެކު ތިބީ ތަންކޮޅެއް ދުރުގައެވެ. އާޒިމްގެ ދެމަފިރިންނާއި މާޒްގެ މައިންބަފައިން ތިބީ އެއްމޭޒު ދޮށުގައެވެ. އެހުރިހާ އެންމެންވެސް ކެއުމުގައި މަޝްއޫލުވެގެން ތިބިއިރު، ޝައުން އިނީ ވަކިންހުރި މޭޒެއްގެ ދޮށުގައި އެކަނިމާ އެކަންޏެވެ. އެމީހުންވެސް މިރޭ އޭނާ ކޮބައިތޯ ބަލާލަންވެސް ހަނދާންނެތީ ކަންނޭނގެއެވެ. ނޫންނަމަ ކޮންމެވެސް އެއްބަޔެއްގެ ގާތުގައި އޭނާ އިންނާނެ ކަމަށް ބަލާފައި އަނެއްބަޔަކުވެސް އޭނާ ކޮބައިތޯ ނުބެލީއެވެ.

ޝައުން ތައްޓަކަށް ކާއެއްޗެހި އަޅައިގެން އުލުން ކާއެއްޗެއްސާއި ކުޅެލަ ކުޅެލާ އިންއިރު، އިރުއިރުކޮޅުން އޭނާގެ ނަޒަރު ދިމަދިމާއަށް ދަތުރު ކުރެއެވެ. އޭނާ ބަލާލާ ކޮންމެ ދިމާއަކުންވެސް ފެންނަނީ ބައިބަޔަށް ތިބެ އުފަލާއެލު ކެއުމަށް އިންސާފުކުރަމުންދާ މަންޒަރެވެ. ބައެއް މޭޒުތަކުގައި ދެމަފިރިން ނުވަތަ ދެލޯބިވެރިންނެވެ. އަނެއްބައި މޭޒުތަކުގައި ދެޖިންސްގެ ޒުވާން ރަހުމަތްތެރީން ނުވަތަ އާއިލާ ކުދިންގެ ގުރޫޕުތަކެއްވެ. އަނެއްބައި މޭޒުތަކުގައި އާއިލާތައް ވަކިވަކީންނެވެ. މުޅި ހަފްލާގައިވެސް އޭނާ ފިޔަވައި އެކަނިއިން މީހަކު ނެތްކަނޭނގެއެވެ. އެރިކް ނެތީމައި އޭނާއާ ބައިވެރިވާނެ މީހަކުވެސް ނެތީއެވެ.

އޭނާ އެގޮތަށް ނަޒަރު ހިންގަމުން ދަނިކޮށް އާއިން ވަރަށް ހެވިފައި އިނދެ ފަރަހަނާޒްއާ ވާހަކަ ދައްކަމުން ދިޔަ މަންޒަރު ފެނުނެވެ. އާއިން ބުނި އެއްޗެއްގެ ސަބަބުން ފަރަހަނާޒް ހީލިގޮތުން، އާއިން ބުނީ ކޮންމެވެސް ލާނެއް އެއްޗެއްކަން އޭނާއަށް އެނގުނެވެ. އާއިންގެ ކުދި ކުދި ގޯނާތަކުންނާއި ސަމާސާ ކުރުންތަކުން ފަރަހަނާޒް ހީލަ ހީލާ އިންނަ މަންޒަރަކީ ނުހަނު ހިތްގައިމު އެހެނަސް އޭނާގެ ހިތަށް އަސަރު ކުރުވާ މަންޒަރެކެވެ. އޭނާގެ ހިތުގައި ފަރަހަނާޒަށް ހަސަދަވެރިކަމެއް ބާއްވަން ބޭނުން ނޫންނަމަވެސް އާއިންއަށްޓަކައި އެހިތުގައިވާ ލޯބި ފަނޑުވާގޮތެއް ނުވިއެވެ. އޭނާ ކިތަންމެ ހިތްވަރެއްކުރި ނަމަވެސް ދުވަހަކުވެސް އެހިތުން އާއިންއަށް ދެވިފައިވާ މަޤާމަށް ބަދަލެއް ނާންނާނެއެވެ. މީގެކުރިން އޭނާއަކީ އާއިންއާއި ނުލައި އައިސްކްރީމެއްވެސް ކެވުނު މީހެއްނޫނެވެ. ޚުދު އާއިންއަށްވެސް އޭނާއާ ނުލައި އެއްޗެއް ކެވޭކަމަކަށް ނުވެއެވެ. ނަމަވެސް މިއަދު ހާލަތު މުޅިން ތަފާތެވެ. އޭނާ ނެތްނަމަވެސް އާއިންގެ ހަޔާތުގައިވަނީ ކޮން ފަރަޤެއް ހެއްޔެވެ؟ އޭނާ ނެތުމަކުން އޮތީކޮން އުނިކަމެއް ހެއްޔެވެ؟

" ނޫން ނޫން…އަހަރެން އާންއާމެދު ނުވިސްނާނަން….ފަރަހަނާޒްއަކީ އާންގެ ހޮވުން…އެއީ އެންމެ ރަނގަޅު ހޮވުން…އަހަރެން އެހޮވުމަށް އިހުތިރާމު ކުރާނަން…އާންގެ މަތިން ހަނދާން ނައްތާލާނަން…" ޝައުން ހިތާހިތުން އަޒުމް ކަނޑައަޅަމުން ދިޔައެވެ.

އާއިން ކޮންމެވެސް ކަމަކާ ހީހީ އިނދެފައި އިސްއުފުލާ ބަލާލި ވަގުތު، ތަންކޮޅެއް ދުރުގައި އޭނާއަށް ބަލަންއިން ޝައުން ފެނުނެވެ. އޭނާއާ ހަތަރުކަޅި ހަމަވުމާއެކު ޝައުން އަވަސް އަވަހަށް އިސްޖަހާލިއެވެ. ދެން އެންމެ ފަހަރަކުވެސް އިސްއުފުލާ ބަލާނުލިއެވެ. އެހުރިހާއިރު، ޝައުން އެތާއިނީ އެކަނިކަމެއް އާއިންއަކަށް ނޭނގެއެވެ. އެޔަށްވުރެބޮޑަށް އޭނާއިނީ އާއިލާގެ މީހުންގެ މެދުގައި މަޝްއޫލުވެގެންނެވެ. ނަމަވެސް ޝައުން އެކަނިކަން އެނގުމުން އޭނާއަށް އިރުއިރުކޮޅުން ޝައުންއާ ދިމާ ބަލާލެވެއެވެ.

ނުނިމޭ