Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

އޭސީސީއަށް ތަހްގީގީ ބާރުދޭން ޖެހޭ: ރިޔާޒު

އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އަށް ތަހްގީގީ ބާރު ލިބެން ޖެހޭކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ނުހައްގު މުއްސަދިކަމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ހުށަހަޅުއްވާފައިވާ ގާނޫނު ނަންބަރު 9/2014 ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލްގެ އިބްތިދާއީ ބަހުސްގައި ރިޔާޒު ވިދާޅުވީ ނުހައްގު މުއްސަދިކަން ކަމަކީ ކުށެއް ކަމަށް ހަދަން ޖެހޭ ކަމަށެވެ. އަދި މިކަންކަން ބަލައި ތަހްގީގު ކުރާ ފަރާތްތަކަށް ގާނޫނީ ބާރުވެރިކަން ދޭން ޖެހޭ ކަމަށެވެ.

ރިޔާޒު ވިދާޅުވީ މި ފަދަ މައްސަލަތައް ބަލާ އެއް މުވައްސަސާއަކީ އޭސީސީކަމަށާއި އެކޮމިޝަންގެ ގާނޫނީ ޒިއްމާ އަދާކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

ރިޔާޒު ވިދާޅުވީ އޭސީސީން ބަލާ މައްސަލަތައް ތަހްގީގުކޮށް ތަންފީޒު ކުރެވޭ ގޮތް ހެދުމަށް މަޖްލިސްއިން މަސައްކަތް ކުރަން ޖެހިފައިވާކަމަށެވެ. އަދި ބޮޑެތި މައްސަލަތައް ތަހްގީގު ކުރުމަށް އެކި މުވައްސަސާތަކާއި އެކު ޖޮއިންޓް ތަހްގީގު ހިންގެން ޖެހޭކަމަށެވެ.

އޭސީސީން ވަނީ އެކަމިޝަނަށް ހުށަހެޅޭ މައްސަލަ ތަހްގީގު ކުރުމުގައި ގޮންޖެހުން ހުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.