Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ސިފައިން ކަންބޮޑުވަނީ މިނިވަންކަން ގެއްލޭތީ: އުމަރު

ސިފައިން ކަންބޮޑުވަނީ ދައްކާ ވާހަކައަކުން ނޫން ކަމަށާއި އެ ފަރާތްތަކުން ކަންބޮޑުވަނީ މިނިވަންކަން ގެއްލެމުންދާތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ ބަޔަކު ދަރުބާރުގެއަށް ވަދެ ދައްކަމުންދާ ވާހަކަތަކާއި މެދު ދިވެހި ސިފައިން ކަންބޮޑުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އުމަރު ވިދާޅުވީ ސިފައިން ކަންބޮޑުވަނީ ދައްކާ ވާހަކައަކުން ނޫން ކަމަށާއި، މި ގައުމުގެ މިނިވަންކަން ގެއްލެމުންދާތީ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާ އަމިއްލަ ވަންތަ ކަމަށް ލޯބިކުރާ އެންމެންވެސް އެކަމާ ކަންބޮޑުވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"އަންނަ ހުކުރު ދުވަހުގެރޭ ދަރުބާރުގޭ ހަކުރާމާލަމްގައި މި ވާހަކަ ތަފްސީލުކޮށް ދައްކާނަން. އަދި ލައިވް ވެސް ކުރާނަން" އުމަރު ވިދާޅުވިއެވެ.

އަދި މިއީ ނުހިނގާ ކަމަކަށް ހަދައިގެން ތިބި މެއިންސްޓްރީމް މީޑިއާއާއި ސިޔާސީ ބައެއް ފަރާތްތައް ފެނުމުން ޔަގީން ވަނީ ބޮޑެތި ގައުމުތަކުގެ ނުފޫޒުގައި މިގައުމު ޖެހިފައިވާ މިންވަރު ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ދިވެހި ސިފައިންގެ ތެރޭގައި ތިއްބެވި ބޭފުޅުންނަކީ ކިޔަވައިގެން ތިބި ގާބިލް އަދި ތަންދޮރު ދަންނަ އިހުލާސްތެރި ބޭފުޅުން ކަމަށާއި ބަޔަކު ދައްކާހާ ވާހަކައަކަށް ސިފައިން ގުޑުގުޑެއް ނާޅާނެ ކަމަށެވެ.