އައްޑޫގެ އަވަށު ބޯޑްތައް އުވާލައި، އެ ބޯޑްތަކުން މަގާމުތައް ދީފައި ތިބި މީހުންގެ މަގާމުތައް ބާތިލް ކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ކުތި ހުކުމް އައްޑޫ ސިޓީ ކައުންސިލުން އިސްތިއުނާފް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
އެހެން ނަމަވެސް މިކަމާ ގުޅޭ ގޮތުން ކައުންސިލްގެ ބަހެއް ހޯދުމަށް "އައްޑޫ ލައިވް" އިން ކުރި މަސައްކަތް އަދި ކާމިޔާބްވާ ގޮތެެއް ނުވެ އެވެ.
އަވަށު ބޯޑެއްގެ ރައީސަކު މިއަދު ވިދާޅުވީ ކުރިއެކޭ ވެސް އެއްގޮތަށް އެ ބޭފުޅުން މިއަދު ވެސް ވަޒީފާ އަށް ނިކުންނެވި ކަމަށެވެ. އަދި އިއްޔެ ކޯޓުން ކުރި ހުކުމާ ގުޅިގެން ކައުންސިލާއި އައްޑޫގެ ސިވިލް ސާވިސްގެ އިސް ވެރިންނާއި ހުރިހާ އަވަށު ބޯޑްތަކެއްގެ ރައީސުންނާއި ނައިބް ރައީސުންނާ އެކު ކައުންސިލް އިދާރާގައި ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.
"އެ ބައްދަލުވުމުގައި ސިވިސް ސާވިސްގެ ފަރާތުން ފާހަގަކޮށްފައި އެބަ ހުރި، ކޯޓުން އަވަށު ބޯޑް މައްސަލާގައި ގޮތެއް ނިންމި އިރު، އެ ބޭފުޅުން ފާހަގަ ކުރެއްވި އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައި ނެތް ކަމަށް،" އޭނާ ވިދާޅުވި އެވެ. "އެހެންވެ މައްސަލަ އިސްތިއުނާފު ކުރަން ނިންމާފައި އޮތް ކަމަށް އެނގިފައި ވަނީ. އަދި އަޅުގަނޑުމެން ކައުންސިލުން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނިކުންނާނަން."
އައްޑޫގައި އަވަށު ބޯޑުތައް ހަދައި، އެ ބޯޑުތަކަށް މީހުން އައްޔަންކޮށްފައި ވަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށާއި ބޯޑްތަކަށް އައްޔަންކޮށްފައިވާ މީހުން މަގާމުތަކުން ވަކި ކުރުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.
ހިތަދޫ ނޫރުވާދީ އިބްރާހީމް ރަޝީދު ވަޖުދީ މިދިޔަ އަހަރުގެ ނޮވެމްބަރު 14 ގައި ކޯޓަށް ހުށަހެޅި މައްސަލަ އާ ގުޅިގެން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އަވަށު ބޯޑުތައް ުއުފައްދާފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 130 ވަނަ މާއްދާގެ (ހ) އާ ހިލާފަށް ކަމަށެވެ.
އަދި އެ ބޯޑުތަކަށް ރައީސުންނާއި ނައިބް ރައީސުން ވެސް އައްޔަންކޮށްފައި ވަނީ އެ ގާނޫނާ ހިލާފަށް ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.
"…އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފަރާތުން އެ އިދާރާގެ ރަށްތަކުގެ ތެރެއިން ހިތަދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސްގެ މަގާމާއި ވަގުތީ ރައީސްގެ މަގާމާއި މަރަދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސްގެ މަގާމާއި ވަގުތީ ނައިބް ރައީސްގެ މަގާމާއި ފޭދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސްގެ މަގާމާއި ނައިބް ރައީސްގެ މަގާމާއި ހުޅުމީދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސާއި ވަގުތީ ނައިބް ރައީސްގެ މަގާމަކީ އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގާނޫނުން ހިންގުމުގެ ގާނޫނާ ހިލާފަށް އުފައްދާފައިވާ މަގާމުތަކެއް" ކަމަށް ހުކުމުގައިވެ އެވެ. "…މި މަގާމުތަކަކީ ބާތިލް މަގާމުތަކެއް ކަމަށް ހުކުމްކޮށް، އެ މަގާމުތަކަށް އައްޔަން ކޮށްފައިވާ މީހުން އެ މަގާމުތަކުން ވަކި ކުރުމަށް އައްޑު ސިޓީ ކައުންސިލް އިދާރާގެ މައްޗަށް އަންގައި އަމުރުކޮށް މި ގަޒިއްޔާ ނިންމީމެވެ." ހުކުމްގައިވެ އެވެ.