މި މަހުގެ 1 ވަނަ ދުވަހު ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ހިފެހެއްޓި ލަންކާގެ ހަތަރު މަސް ބޯޓު އެމްއެންޑީއެފްއިން ފުލުހުންނާއި ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ އެ ހަތަރު ބޯޓުގައި 25 މީހުން ތިބި ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި އެ ހަތަރު ބޯޓުތައް މިހާރު ތިބީ ހުޅުމާލޭ ފަޅުތެރޭގައިކަމަށެވެ.
އެމްންޑީއެފްއިން މި ބޯޓުތައް އަތުލައިގެންފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގެ ރޭ 11:30 ހާއިރު ހއ.ކެލާގެ އިރު އުތުރުން 103 ނޯޓިކަލް މޭލު ބޭރުންނެވެ. ފުރަތަމަ އެމްއެންޑީއެފްއަށް ފެނިފައިވަނީ ލަންކާގެ ދެ ބޯޓެވެ. އަދި އެ ދެބޯޓު ކޯސްޓްގާޑު ހުރަވީން އަތުލައިގަނެ ކުޅުދުއްފުށީ ބަނދަރަށް ގެންދިޔަ މަގުމަތީގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ އިތުރު ދެމަސްބޯޓު އެރޭގެ 2:30 ހާއިރު ފެނިގެން އަތުލައިގެންފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.