ހުޅުމީދޫން ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ތެރެއިން 73 ފަރަާތަކަށް ގުރުއަތާއި ނުލައި ގޯތި ދޭން އައްޑު ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ހުޅުމީދޫ އަވަށު ބޯޑު ހިންގުމާއި ހަވާލުވެ ހުންނެވި އިބްރާހިމް ދީދީ ވިދާޅުވީ ކައުންސިލުން ދުކުރުމަށް ނިންމި 100 ގޯތީގެ ތެރެއިން ޝަރުޠު ފުރިހަމަވާ 73 ފަރާތެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ބާކީ 27 ފަރާތެއް ގުރުއަތަށް ގޮސްފައިވާ ކަމަށެވެ.
ހުޅުމީދޫން ގޯތި ދޫނުކުރާތާ ގިނަ ދުވަސްތަކެއް ވުމާއި ގުޅިގެން ކައުންސިލުން ގޯތި ދޫކުރުމަށް އިއްލާން ކުރުމާއި ގުޅިގެން އައްޑޫގެ އެކި ރަށްތަކުން 300 އެއްހާ ފޯމް ވަނީ ހުށަހަޅާފަ އެވެ.
އަވަށު ބޯޑުގެ ރައީސް އިބްރާހީމްދީދީ މިއަދު ވިދާޅުވީ ގުރުއަތުން ގޯތި ލިބޭ މީހުންގެ މެދުގައި މާދަމާ ގުރުއަތުލުން އޮންނާނެ ކަމަށެވެ. އަދި ގުރުއަތުލުން ބާއްވާ އިރު، އިތުރު މައްސަލައެއް ނުޖެހި އޮމާންކަމާ އެކު ގުރުއަތުލުން ބޭއްވޭނެ ކަމުގެ ޔަގީންކަން އޮތްކަަމަށްވެސް އިބްރާހިމް ދީދީ ވިދާޅުވިއެވެ.
އިބްރާހިމް ދީދީ ވިދާޅުވީ ގޯއްޗަށް ކުރިމަތިލީ މީހުންގެ ޕޮއިންޓް ދިން އުސޫލު ކައުންސިލުން އާއްމު ކުރުމާއި ގުޅިގެން ލިބުނު ޝަކުވާތައް ބަލައި ނިމިފައިވުމުން އިތުރު މައްސަލައެއް ކުރިމަތިވާނެ ޖާގައެއް ނެތް ކަމަށެވެ.
ހުޅުމީދޫން މިފަހަރު ދޫކުރަނީ 2،000 އަކަފޫޓްގެ 100 ގޯއްޗެވެ. އަދި އިތުރަށް ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާން ކުރަން ވެސް ވަނީ ނިންމައިފަ އެވެ.