ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އާ ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންގައި ހިމެނޭ އިންކަމް ޓެކްސް ނެގުމާއި އެސްއެމްއީ ފައިނޭންސްއަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ތާއިދުކޮށްފިއެވެ.
އާޓިކަލް IV ގެ މަޝްވަރާތައް ބޭއްވުމަށްޓަކައި ރާއްޖެ ވަޑައިގެން އުޅުއްވާ ވަފްދުގެ ފަރާތުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ ޓެކްސްގެ ނިޒާމް އިސްލާހުކުރުމުގެ އިތުރުން ރެވެނިއު އެޑްމިނިސްޓްރޭޝަންގެ މަސައްކަތް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ބަލައި ގަންނަނަ ކަމަށާއި އެކަމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ،
"އިގްތިސާދުގައި ވާދަވެރިކަން އިތުރުކޮށް އިންވެސްޓްމެންޓުތަކަށް ފަހި މާހައުލެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތަކީ މެދު ރާސްތާގައި އިގްތިސާދު ކުރިއަރާ އަދި ވަޒީފާތައް އިތުރުވުމަށް ކޮންމެހެން ބޭނުންތެރިކަމެކެވެ. އެހެންކަމުން، ވިޔަފާރި މާހައުލު މިހާރަށްވުރެ ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިންވެސްޓްމަންޓާއި ގުޅޭ ގާނޫނާއި ގަވާއިދުތައް މުރާޖައާ ކުރުމާއި ފައިނޭންސް ހޯދުމަށް ފަހިމަގެއް، ޚާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ފައިނޭންސް ލިބޭނެ ވަސީލަތެއް ނެތް ފަރާތްތަކަށް އެމަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް މި ވަފުދުން މަރަހުބާ ކިޔަމެވެ"
އައިއެމްއެފްއިން ބުނީ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގެދޮރު އިމާރާތްކުރުމަށް ކުރެވޭ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން 2019 ވަނަ އަހަރު އިގްތިސާދު އިތުރަށް ކުރިއެރުމަށް މަގުފަހިވާނެކަމަށް ބެލެވޭކަމަށެވެ.
ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ކުރިމަތިވެދާނެ ހިރާސްތަކެއް ހުރި ކަމަށާއި ރާއްޖޭގެ ދަރަނީގެ ނިސްބަތް ހުރި މިންވަރުން ދަރަނި ދެއްކުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށެވެ.
އައިއެމްއެފްގެ ވަފުދު ވަނީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އާއި، އެމްއެމްއޭ ގެ ގަވަރުނަރު އަހްމަދު ނަސީރު އާއި، ދައުލަތުގެ ވަޒީރުންނާ ސަރުކާރުގެ އިސް ބޭފުޅުންނާއި، ދައުލަތުގެ ބަންޑާރަ ނައިބާ ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން އައިއެމްއެފްގެ ވަފުދުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނާއި، ބޭންކުތަކާއި، އަމިއްލަ ވިޔަފާރިވެރިންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އަދި މަދަނީ ޖަމިއްޔާތަކާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. މިގޮތުން ކުރެވުނު ބައެއް މަޝްވަރާތަކުގައި ވޯލްޑް ބޭންކް އަދި އޭޝިއަން ޑެވެލޮޕްމަންޓް ބޭންކުގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.