Last Updated: May 3, 22:21
Saturday, May 4, 2024
ޚަބަރު

ކަރަންޓު ޔުނިޓެއްގެ އަގު 2.50ރ ދަށް ކުރާނަން: ނަޝީދު

ރާއްޖޭގެ ރަށްތަކުގައިދޭ ކަރަންޓް ޔުނިޓެއްގެ އަގު 2:50 ރުފިޔާއަށް ދަށް ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކ.މާފުށީގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެޖެންޑާ 19 އިން ކޮށްދޭނެ އެންމެ މުހިއްމު އެއް ކަމަކީ ކަރަންޓު ޔުނިޓެއްގެ އަގު ދެ ރުފިޔާ ބަޔަށް ތިރިކޮށްދިނުން ކަމަށާއި ކަރަންޓު ބިލަށް 1500 ރުފިޔާ އެރުމަކީ އިންސާފެއް ނޫން ކަމަށެވެ.

"މިއަދު ނުބުނެވޭނެ އެއާ ކޮންޑިޝަނެއް ބަހައްޓާލީމާ ތިމަންނާ އެއީ މާ ތަނަވަސް މީހެކޭ. ތަންތަންކޮޅު ކުޑަވީމާ ކިރިޔާ ވެސް ލޮލުފިޔައެއް ޖަހާލެވެން މި އޮންނަނީ ކޮންމެވެސް ގޮތެއް ހަދައިގެން. އޭނާގެ ކަރަންޓު ބިލުން 1500 ކަނޑާލީމާ އެއީ އިންސާފެއް ނޫން" ނަޝީދު ވިދާޅުވިއެވެ.

ކަރަންޓު ޔުނިޓެއް ހަދަން މިއަދު ދުނިޔޭގައި މާގިނަ ލާރިތަކެއް ނުނަގާ ކަމަށާއި އެއީ ރާއްޖެ އަށް ވެސް ކުރެވެން އޮތް ކަމެއްކަން ނަޝީދު ފާހަގަކުރެއްވިއެވެ.

"އެޖެންޑާ 19 ކޮށްދޭނެ އެންމެ މުހިއްމު އެއް ކަމަކީ ދެ ރުފިޔާ ބަޔަށް ކަރަންޓު ޔުނިޓެއް ގެނެސްދިނުން" ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އެޖެންޑާ 19 އިން މާފުށީގެ ބިން އިތުރުކުރުމުގެ ފުރުސަތު މާފުށީ ކައުންސިލަށް ދޭނެ ކަމަށާއި އަދި އެޖެންޑާ 19 ވެގެންދާނީ މާފުށީ ރައްޔިތުންނަށް ގޯއްޗެއް ހޯދައިދިނުމުގެ ވަސީލަތަކަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.