Last Updated: June 9, 17:29
Tuesday, June 9, 2026
ޚަބަރު

32 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި އެކު އިންޑިއާއިން ދިވެއްސަކު ހައްޔަރުކޮށްފި

32 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެއްޗާއި އެކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ މުހައްމަދު ސޮބާހު ނަމަކަށް ކިޔާ ގއ. ވިލިނގިލީ މީހެކެވެ.

ކޮޗިން އެއާޕޯޓުގެ ކަސްޓަމްސް އާއި ހަވާލާދީ އިންޑިއާގެ ނޫސް ތަކުގައި ބުނެފައިވަނީ ހައްޔަރު ކުރި ދިވެހި މީހާގެ އަތުން 3 ކިލޯ ހަޝިޝް ފެނިފައިވާ ކަމަށެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ އަގު އިންޑިއާ ފައިސާއިން ބަލާނަމަ 15 ކުރޯޑު ރުޕީސް (32 މިލިއަން ރުފިޔާ) އަރައެވެ.

ކަސްޓަމްސްގެ ކޮމިޝަނަރ ސުމިތް ކުމާރު ވިދާޅުވީ، އޭނާގެ އަތުން މަސްތުވާތަކެތި ފެނުނީ އެއާޕޯޓް ސެކިއުރިޓީ ފަރާތްތަކަށް އޭނާ ގެންގުޅުނު ދަބަހާމެދު ޝައްކުތަކެއް އުފެދިގެން، ކުއްތާ ސްކޮޑެއް ގެނެސްގެން ބެލި ބެލުމުގައި އޭނާ ގެންގުޅުނު ދަބަހުގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

ސުމިތު ވިދާޅުވީ ސޮބާހްގެ ޕާސްޕޯޓުން އޭނާ ކޮޗިންއަށް ގޮސްފައިވަނީ މީގެ ތިން ދުވަސް ކުރިން ކަން އެނެގޭކަމަށާއި އޭނާއަކީ ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ ޑްރަގް ވިޔަފާރިއަކާ ގުޅުން އޮންނަ މީހެއް ކަމަށް ވެސް ބުނެފައިވެއެވެ.

އަދި އަތުލައިގަތް މަސްތުވާ ތަކެެއްޗަކީ ރާއްޖެ މަގުން ބަހްރެއިންއަށް ފޮނުވުމަށް ގެންދިޔަ މަސްތުވާތަކެތިކަމަށް ސުމިތު ވިދާޅުވިއެވެ.