ފޭދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓު އިބްރާހިމް ދީދީ (އައިބީ)ގެ ކެމްޕެއިން ލޯންޗިން ޖަލްސާއަށް އައްޑޫ ސިޓީ ކައުންސިލުން ހުރަސް އަޅައިފިއެވެ.
އައިބީ ކެމްޕެއިން އޮފީހުން ބުނީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ފޭދޫ ބަނދަރު ސަރަހައްދުގައި އައިބީގެ ކެމްޕެއިން ލޯންޗު ކުރުމުގެ ހަފްލާ ބޭއްވުމަށް ހުއްދައަށް އެދުމުން ކައުންސިލުން އެ ހުއްދަ ނުދިންކަމަށެވެ.
މިހާރުވެސް ފޭދޫ ދާއިރާ ތަމްސީލު ކުރައްވަމުން އަންނަ އައިބީގެ ކެމްޕެއިން ޓީމުން ބުނީ ބަނދަރު ދިނުމަށް ކައުންސިލުން ދެކޮޅު ހަދާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫއަށް ވަޑައިގަންނަނަވާތީ ބަނދަރު ބޭނުން ކުރައްވަން ޖެހޭކަމަށް ވިދާޅުވެއެވެ.
"އަޅުގަނޑުމެން ފޭދޫ ބަނދަރުގައި އައިބީ ކެމްޕެއިން ލޯންޗު ކުރުމަށް ރަސްމިއްޔާތު ބާއްވަން އެދުމުން ހަބަރެއް ނުވެ ފަހުން އެންގީ އެދުވަހު ބަނދަރު ރައީސް ބޭނުން ކުރައްވާނެކަމަށް، އެހެންވެ ހުއްދަ ދެވޭކަށް ނެތްކަމަށް" އޮފިޝަލް ވިދާޅުވިއެވެ.
އައިބީ ކެމްޕެއިން އޮފީހުން ބުނީ ކައުންސިލުން ބަނދަރު ސަރަހައްދު ނުދިން އިރު އެތަން ބޭނުން ކުރުމަށް ހަމަޖެހިފައި ނުވާކަމަށެވެ. އަދި ރައީސް އައްޑޫއަށް ވަޑައިގަންނަވަނީ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕެއިނަށް ކަމަށާއި ރަސްމީ ހައިސިއްޔަތުން ނޫންކަމަށެވެ.
"މި ފެންނަނީ ސަރުކާރު ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ނާޖާއިޒު ބޭނުން ކުރާތަން، މިއީ އަބަދުވެސް އެބޭފުޅުން ދެއްކި ވާހަކަ، މިއަދު އެމަންޒަރު އަމަލުން ނުފެނޭ"
ރައީސް ސޯލިހު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި ރަސްމީ ޖަލްސާ ބޭއްްވުމަށް ހަމަޖެހިފައިވަނީ މަރަދޫ ޕާކް ސަރަހައްދުގައެވެ. މި ޖަލްސާއަށް ބައެއް ވަޒީރުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވައެވެ.