އައްޑޫގައި ލައުޑް ސްޕީކަރު ބޭނުންކޮށް އަޑުގަދަކޮށް ލަވަ ޖެހުމަށް ކައުންސިލުން ހުއްދަ ނަގަންޖެހޭ ގޮތަށް ގަވާއިދު ހަދައި އާއްމުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ލާމަރުކަޒީ ގާނޫނުގެ 151 ވަނަ މާއްދާގެ ދަށުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އަޑުގަދަކޮށް ލަވަ ޖެހުމާއި ލައުޑް ސްޕީކަރު ބޭނުން ކުރުމަށް ހާއްސަ ހުއްދައެއް ނަގަން ޖެހޭކަމަށެވެ. ކައުންސިލުން ބުނީ ގަވާއިދެ ގެޒެޓު ކޮށްފައިވާތީ މި ގަވާއިދަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.
ލައުޑް ސްޕީކަރު ބޭނުންކޮށް ލަވަޖެހުމުގެ ގަވާއިދުގައިވާ ގޮތުން ކައުންސިލުން ދޭ ހުއްދަ އާއި އެކު އަޑުގަދަކޮށް ލަވަޖެހޭނީ ނަމާދު ވަގުތު ފިޔަވައި ހެނދުނު 8 އިން ރޭގަނޑު 11 ޖެހުމާއި ހަމައަށެވެ.
މީގެ އިތުރުން ހޮސްޕިޓަލާއި، ހެލްތު ސެންޓަރާއި، މިސްކިތާއި، ޝަރުޢީ ކޯޓާއި، ކައުންސިލުގެ އިދާރާ ކައިރީގައި، އެތަން ތަން ބަލަހައްޓާ ފަރާތުގެ ޚާއްޞަ ހުއްދައެއްނެތި ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމަކީ މަނާކަމެކެވެ.
ކައުންސިލުން ބުނީ މިގަވާއިދުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު، އެހެން ޤާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައަޅައިފައިނުވާ ކަންކަމުގައި، ފުރަތަމަ ފަހަރަށް ނަސޭހަތްދިނު މަށްފަހު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން އަދި ތިންވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/1000 (އެއްހާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަފަހަރަށް ތަކުރާރުކޮށް ފިނަމަ، -/3000 ( ިތންހާސް) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ އަދި ހަތަރު ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، -/5000 ( ަފސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިޚްތިޔާރު، މި ގަވާއިދުގެ ދަށުން
ކައުންސިލަށް ލިބިގެންވާކަމަށެވެ.
ކައުންސިލުން ބުނީ އަންނަ އެޕްރިލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ކުރައްވާ އިރު ހުރިހާ ފަރާތްތަކުންވެސް ގަވާއިދާއި އެއްގޮތަށް އަޑުގަދަކޮށް ލަވަޖެހުމާއި ލައުޑް ސްޕީކަރު ބޭނުން ކުރުމަށް ނަގަން ޖެހޭ ހުއްދަތައް ނެގުމަށް އިލްތިމާސް ކުރާ ކަމަށެވެ.