Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އައްޑު އަށް ދިމާވެފައިވާ ގިރުމުގެ މައްސަލަ އަށް ލަފާ ދޭނެ ބޭރުގެ ކޮންސަލްޓެންޓަކު ހޯދަނީ

ރުއްޖެހެރަ ސަރަހައްދުން ގިރައި ރުއްތަކެއް ވެއްޓިފައި. ފޮޓޯ/ ޝަރަފް

އައްޑޫގެ ރަށްރަށުގެ އެކި ސަރަހައްދުތަައް ވަރަށް ބޮޑަށް ގިރަމުންދާތީ އެކަމާ ބެހޭ ގޮތުން ކޮންސަލްޓެންސީ ދޭނެ ބޭރުގެ ތަޖުރިބާ ކާރަކު ހޯދުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން އައްޑު އަށް އުދަ އެރުމާއި ރަށް ގިރުމަކީ ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

އެހެންވެ މީގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ކުރުމަށް ބޭނުންވާ އެހީ ހޯދެން އޮތީ ކަމާ ގުޅޭ ފުރިހަމަ ދިރާސާތަކެއް ހެދިގެން ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަދި އެފަދަ ދިރާސާއެެއް ހަދައި ރިޕޯޓެއް އެކުލަވާލުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވެސް ލަފާ ދީފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އޮފިޝަލް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން އަންނަނީ މިކަމަށް ބޭނުންވާ ބޭރުގެ ކޮންސަލްޓެންޓަކު ހޯދުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަން ހަމަޖެހުމުން އޭގެ އެހީ ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މީގެ ކުރިއާ ހިލާފަށް އައްޑޫގެ ބައެއް ރަށްރަށުގެ ހޭޅިފަށުން ފަހަކަށް އައިސް ވަރަށް ބޮޑަށް ގިރަމުންދާ ކަން ފާހަގަ ކުރެވެ އެވެ. އެގޮތުން ލިންކް ރޯޑާ ގުޅިފައިވާ ރުއްޖެހެރައިގެ ދެކުނު ފަރާތާއި މީދޫގައި ކޯގަންނު ގަބުރުސްތާން ސަރަހައްދު އާދަޔާހިލާފަށް ގިރަމުންދާކަން ފާހަގަކޮށްލެވެ އެވެ.