ދިވެހި ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ސްރީލަންކާ އާއި ގަމާއި ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމުގެ ހަބަރު ލިބިއްޖެ އެވެ.
"އައްޑޫ ލައިވް" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ގަމާއި ލަންކާ އާ ދެމެދު ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.
އަދި ރައީސް ވަހީދު ގަމުގެ އެއާޕޯޓް މަޝްރޫއު އިފްތިތާހު ކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އެކަން އިއްލާން ކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.
ސްރީލަންކަން އެއާ ލައިންސްއިން ގަމާއި ލަންކާ އާއި ދެމެދު ސީދާ ދަތުރުތައް ފެށުމުގެ ހުއްދައަށް އެދުނު އިރު ގަމާއި މާލެ އާއި ދެމެދު ޑޮމެސްޓިކް ހުއްދައަށް އެދުމުން އެކަމާއި މޯލްޑިވިއަނުން ވަނީ ދެކޮޅު ހަދާފަ އެވެ. އަދި ގައުމީ އެއާލައިން ބަނގުރޫޓް ވެދާނެ ކަމަށް ބުނެ އެއެއާލައިންއިން ވަނީ ކަން ބޮޑުވުން ފާޅުކޮށްފަ އެވެ.
ގަމާއި ލަންކާ އާއި ދެމެދު މޯލްޑިވިއަން އިން ދަތުރު ފެށުމަށް ރާވަމުންދާއިރު ސްރީލަންކަން އިން އެދިފައިވާ ހުއްދަ އާ މެދު ސަރުކާރުން ނިންމާ ނިންމުމެއް އަދި ނޭނގެ އެވެ.
އައިލެންޑް އޭވިއެޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ ސަރުކާރުގެ ރަސްމީ ފަރާތްތަކާ އެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. ނަމަވެސް ރަސްމީކޮށް ދަތުރު ފަށާނެ ތާރީހެއް ފަހުގެ ތާރީހެއްގައި އިއުލާން ކުރާނެ ކަމަށެވެ.
މޯލްޑިވިއަން "ބަނގުރޫޓް" ވެދާނެ ކަމަށް އެ ކުންފުނިން ބުނުމާ ގުޅިގެން ފާއިތުވި ހަފްތާގައި ފޭދޫ ބަނދަރު މަތީގައއި ވަނީ އެ ކުންފުންޏަށް އެހީވާން ފަންޑު ފޮށްޓެއް ވެސް ބަހައްޓާފަ އެވެ.