Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ބީއެމްއެލް މުވައްޒަފުންނަށް ޕެޑު ހިލޭ!

ބޭންކް އޮފް މޯލްޑިވްސް އިން، އެ ބޭންކުގައި މަސައްކަތް ކުރާ ހުރިހާ އަންހެނުންނަށް މައްސަރު ދުވަސްވަރު ބޭނުންކުރާނެ ޕެޑު ފަދަ ސާމާނު ހިލޭ ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ބޭންކުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕެޑަކީ އަންހެނުންނަށް ޒަރޫރީ އެއްޗަކަށް ވާއިރު އެ ބޭންކުގައި މަސައްކަތް ކުރާ އަންހެނުންނަށް މިއަދުން ފެށިގެން ޕެޑުތައް ލިބެން ހުންނާނެ ކަމަށެވެ.

ބީއެމްއެލްގެ ހުރިހާ ބްރާންޗުތަކުން އަދި ޑިޕާޓްމެންޓުތަކުން މިއަދުން ފެށިގެން މިބާވަތުގެ ޒަރޫރީ ސާމާނު އަންހެން މުވައްޒަފުންނަށް ލިބެން ހުންނާނެ ކަމަށް މިއިއުލާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ވެރިކަމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވި ފަހުން ޕެޑުން ނަގާ ޓެކްސް ވަނީ މަޖިލިސް މެދުވެރިކޮށް އުނިކޮށްފައެވެ. އެކަން ކުރެވުނީ "ފްރީ ދަ ޕެޑް" ގެ ނަމުގައި ސޯޝަލް މީޑިޔާގައި އަންހެނުން ކުރި ބޮޑު ބިޔަ ކެމްޕޭނަކަށް ފަހުއެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭނުގައި އެމަނިކުފާނު ވަނީ މައްސަރު ޓެކްސު އުނިކުރާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.