Last Updated: April 26, 10:52
Friday, April 26, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ތެއްތިރީސްވަނަބައި)

އާއިން ކޮންމެވެސް ކަމަކާ ހީހީ އިނދެފައި އިސްއުފުލާ ބަލާލި ވަގުތު، ތަންކޮޅެއް ދުރުގައި އޭނާއަށް ބަލަންއިން ޝައުން ފެނުނެވެ. އޭނާއާ ހަތަރުކަޅި ހަމަވުމާއެކު ޝައުން އަވަސް އަވަހަށް އިސްޖަހާލިއެވެ. ދެން އެންމެ ފަހަރަކުވެސް އިސްއުފުލާ ބަލާނުލިއެވެ. އެހުރިހާއިރު، ޝައުން އެތާއިނީ އެކަނިކަމެއް އާއިންއަކަށް ނޭނގެއެވެ. އެޔަށްވުރެބޮޑަށް އޭނާއިނީ އާއިލާގެ މީހުންގެ މެދުގައި މަޝްއޫލުވެގެންނެވެ. ނަމަވެސް ޝައުން އިނީ އެކަނިކަން އެނގުމުން އޭނާއަށް އިރުއިރުކޮޅުން ޝައުންއާ ދިމާ ބަލާލެވެއެވެ.
ހަމަ އެވަގުތު އިޒްޔަން ދެއްކި ވާހަކަތައްވެސް އޭނާގެ ޚިޔާލަށް އައެވެ. އެހެންކަމުން އޭނާއަށް ޝައުންއާމެދު ވިސްނާލަން މަޖުބޫރުވިއެވެ.
ފުރިހަމައަށް މޭކަޕްކޮށް ޕަރީޒާދެއް ފަދައިން ނަލަހެދިފައި އިން ނަމަވެސް އެމޫނުގައި އެއްވެސް ދިރުމެއް ނެތެވެ. އުފާވެރިކަމުގެ އަސަރެއްވެސް ނެތެވެ. މީގެ އަހަރުތަކެއް ކުރިން އެއީ ކިހާ އުފާވެރި ކުއްޖެއް ހެއްޔެވެ؟ ދުނިޔޭގެ ޚިޔާލެއް ފިކުރެއްނެތި އާއިންގެ ހިޔަނިން ހިޔާ ލިބިގެން އުޅުނު މައުސޫމު ކުއްޖެކެވެ. ދުނިޔޭގެ ހުރިހާ އުފާތަކަކުން ޝައުންގެ އުނގު ފުރާލަދިނުމަށްޓަކައި އޭނާ ހުންނަނީ ތައްޔާރަށެވެ. ނަމަވެސް މިއަދު އޭނާ އެވަނީ އެއަންހެން ކުއްޖާ އެކަނިހާލަށް ދޫކޮށްލާފައެވެ.
ޝައުން އިސްޖަހައިގެން އިނދެ ކެއުން ކުރިޔަށް ގެންދެވޭތޯ ބެލިނަމަވެސް، އާއިން ބަލާހެން ހީވާވަރުން އޭނާއަށް ކެވޭގޮތެއްވެސް ނުވިއެވެ. އިސްއުފުލާ އާއިންއަށް ބަލާލަން ބޭނުންވީ ނަމަވެސް، އާއިންއާ ނަޒަރު ސީދާކުރަން އޭނާ ޖެހިލުންވިއެވެ. އެފަދަ ހާލެއްގައި އޭނާ އިންދައި ކޮންމެވެސް މީހަކު އައިސް މޭޒުކައިރިއަށް ހުއްޓުނެވެ.

" އަހަރެން މިތާ އިށީނަސް އެންމެ ރަނގަޅުތަ؟…" ޒުވާން ފިރިހެނެއްގެ އަޑުއިވިފައި ޝައުން އިސްއުފުލާ ބަލާލިއިރު، ނުދަންނަ ޒުވާނަކު ހިނިތުންވެފައި ހުއްޓެވެ. އޭނާ އެއަދްޔަންއަށް އިންކާރު ކުރަން ހިތަށްއަރާފައިވެސް އާއިން ބަލަން އިން މަންޒަރު ފެނުމުން އޭނާ ހިނިތުންވަމުން ޒުވާނާއަށް ހުއްދަދިނެވެ.

" ތޭންކްސް…އަހަރެނއގެ ނަމަކީ އަދްޔަން…ކޮންނަމެއް ކިޔަނީ؟" ހިނިތުންވަމުން ޒުވާނާ ތަޢާރަފްވެލިއެވެ. އަދި ޝައުންގެ ތަޢާރަފަކަށް އެދުނެވެ. ޝައުން ޖަވާބެއްނުދީ އެއިންގޮތަށް އިނީ އަދްޔަންއާ ވާހަކަ ދައްކާހިތް ނެތީތީއެވެ.

ދުރުގައި އެމަންޒަރު ބަލަންއިން އާއިންގެ މޫނުން ނުރުހުމުގެ ކުލަވަރު ފާޅުވިއެވެ. ކުއްލިއަކަށް ޝައުންގެ ގާތުގައި އިށީން ނުދަންނަ ޒުވާނާއަކީ ޝައުންގެ ފަހަތުގައިހުރި މޭޒެއްގެ ދޮށުގައި ތިބި ޒުވާނުންގެ ތެރެއިން ޒުވާނެއްކަން އާއިންއަށް އެނގުނެވެ. ފަހަތުގައި ތިބެގެން އެމީހުން ޝައުންއަށް ބެލިކަންވެސް އާއިންއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އެޒުވާނާ ޝައުންގެ ގާތަށް އައީ ކޮންމެވެސް ނުބައި މަގުސަދެއްގައި ކަމުގައި އާއިންގެ ހިތްބުނެއެވެ.

" ކިހިނެއްވީ؟…ކާއެއްޗެހި ކަމުނުދަނީތަ؟…" ކުއްލިއަކަށް ފަރަހަނާޒްގެ އަޑުއިވިފައި އާއިން ސިހުނެވެ.

" ނޫން….ހަމަ ވަރަށްމީރު…." އާއިން ހިނިތުންވެލަމުން ޖަވާބުދިނެވެ. ފަރަހަނާޒްވެސް ހިނިތުންވެލަމުން ކެއުމައިގެން މަސްއޫލުވީނަމަވެސް އޭނާއަށް އާއިންއާމެދު ވިސްނެމުން ދިޔައެވެ. އާއިން އޭނާގެ ގާތުގައި އިންނަމަވެސް އާއިންގެ ވިސްނުންވަނީ މުޅިން އެހެންކަމަކާ ގުޅިފައިކަން އޭނާއަށް އެނގުނެވެ.

އަދްޔަން އެކިގޮތްގޮތުން ޝައުންގެ ސަމާލުކަން ހޯދަން މަސައްކަތްކުރިއެވެ. ޝައުންގެ ރީތިކަމަށް ތައުރީފުކޮށް ހުޝާމަދުކުރިއެވެ.

" ދެން ވާހަކަ ނުދެއްކިޔަސް ނަން ބުނެލަބަލަ! ޕްލީޒް….ތިހާ ރީތި ކުއްޖަކު އެކަނިއިނީމަ ހިތަށްތަދުވާވަރުން ނުކެވިގެން މިއައީވެސް….." އަދްޔަން ހުއްޓުމެއްނެތި ދައްކަމުންދިޔަ ވިޔާނުދާ ވާހަކަތަކުގެ ސަބަބުން ޝައުންގެ ގާތަށް ރުޅިއަންނަ ގޮތްވިއެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަށް އެތަނުން ދިއުމަށެވެ. އެހެންކަމުން އޭނާ ކެއުން ދޫކޮށްލާފައި ތެދުވިއެވެ.

" ދަނީތަ؟…އައިމް ސޮރީ….އުނދަގޫކުރެވުނީތީ މާފަށް އެދެން….އަދި އިހަށް މަޑުކޮށްބަލަ! " ޝައުން ދާން ހިނގައިގަތުމާއެކު އަދްޔަން އޭނާގެ އަތުގައި ހިފިއެވެ.

ޝައުން އަތްފޮޅުވާލުމަށްފަހު ދާން ހިނގައިގަތެވެ. ޝައުންދާ މަންޒަރުބަލަން އިނދެފައި އަދްޔަން ތެދުވެ، ދުރުގައިތިބި އޭނާގެ އެކުވެރިންނަށް އިޝާރާތެއް ކޮށްލުމަށްފަހު ޝައުންގެ ފަހަތުން ހިނގައިގަތެވެ. އާއިންއަށް މިހުރިހާ މަންޒަރެއް ފެނުނެވެ. އެހެންކަމުން އޭނާއިނީ ވީހާވެސް އަވަހަކަށް އަދްޔަންގެ ފަހަތުން ދާން ބޭނުންވެފައެވެ. ނަމަވެސް އެވަގުތު މަންމަ އޭނާއާ ވާހަކައެއް ދައްކަން ފެށުމުން މެދުކަނޑާލާފައި ދާކަށްވެސް ނުކެރުނެވެ.

ޝައުން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ރެސްޓްރޫމަށްވަދެ މޫނުދޮންނަ ތައްޓެއްގެ ކައިރިއަށް ހުއްޓި އޭނާގެ މޫނަށް ބަލާލިއެވެ. އަދްޔަންގެ ސަބަބުން އޭނާހުރީ މޫޑް އޮފްވާގޮތްވެފައެވެ. އެހެންކަމުން އޭނާ ބޭނުންވީ އެކަނިވެލާށެވެ. އޭނާ މޭކަޕް ރަނގަޅުކޮށްލުމަށްޓަކައި އޭނާގެ ޕާރސް ހުޅުވާލި ވަގުތު ދޮރުހުޅުވާފައި ކޮންމެވެސް މީހަކު އެތެރެއަށް ވަނުމުން އޭނާ ބަލާލިއެވެ. އެއާއެކު ކަންބޮޑުވެފައި އޭނާއަށް ބަލަންހުރެވުނީ، އަދްޔަން ފެނުމުންނެވެ. އެންމެފަހުން އޭނާގެ ފަހަތުން މިތަނަށްވެސް އައީއެވެ. އަދްޔަން އޭނާގެ ފަހަތުން އައީތީ ހިތަށް ބިރުވެރިކަމެއްވެސް ވަނެވެ.

" އޫޕްސް…ސޮރީ ނުބައިތާކަށްތަ މިވަދެވުނީ؟….އަހަރެން ހީކުރީ ފިރިހެނުން ވަންނަ ބައިކަމަށް…" ޝައުންއާ ގާތަށް އަންނަމުން އަދްޔަން ބުނެލިއެވެ. ޝައުން ޖަވާބެއްނުދީ އޭނާގެ ޕާރސް ޒިޕްއަޅުވާލުމަށްފަހު ދާން ހިނގައިގަތެވެ.

" ދަނީތަ؟…އަދި ދާކަށްނުވެއެއްނު…މަޑުކޮށްބަލަ! " އަދްޔަން ޝައުންގެ އަތުގައި ހިފާ ހުއްޓުވިއެވެ.

" ދޫކޮށްލާ!…ހާދަގޮތްކުޑަވެގެން ތިއުޅެނީ ކީއްވެ؟…" ޝައުން ރުޅިއައިސްފައި އަމުރުވެރިކަމާއެކު ބުނެލިއެވެ.

" ދޫނުކޮށްފިއްޔާ ޔޯ…އަހަރެން ބޭނުމީމިރޭ ހަތަރުދަމު ތި ރީތިއަތުގަ ހިފައިގެން ހުންނަން….ޕްލީޒް އަދި އިހަށް މަޑުކޮށްބަލަ!…" އަދްޔަން އާދޭސްކުރިއެވެ.

" ކިހިނެއްވެގެންތަ ތިއުޅެނީ؟…..ތަނަކުން މީހަކު ފެންނައިރަށް ގަޔަށްބޮލަށް އަރަން ޖެހޭތަ؟…" ޝައުން ރުޅިއައިސްފައި ހުރެގެން އަދްޔަންގެ ކިބައިން އޭނާގެ އަތް ވީއްލަން މަސައްކަތް ކުރަމުން ދިޔައެވެ.

" ނޭނގޭތަ ކިހިނެއްވެގެން ކަމެއް މިއުޅެނީ؟….ތިކުއްޖާއާ ހިތާވެގެން މިއުޅެނީ؟….ފުރަތަމަ ނަޒަރުންވެސް އަހަރެންނަށް ތިކުއްޖާ ވަރަށް ކަމުގޮސްފި….އަދި ހެދުން އަޅާފަހުރިގޮތް ވަރަށް ރީތި…" ދަހިވެތި ނަޒަރަކުން ޝައުންއަށް ބަލާލަމުން އަދްޔަން ހީލިއެވެ.
" ދޫކޮށްލާ އަހަރެންގެ އަތުން….މިބުނީނު ދޫކޮށްލާށޭ!…ނޫނީ ނަތީޖާ މާ ރަނގަޅެއްނުވާނެ…" ބިރުންހުރި ނަމަވެސް ޝައުން އިންޒާރެއް ދިނެވެ.

" އޯހ އަސްލަށްވެސް އަހަރެން ބިރުގަނެއްޖެ…..އަނެއްކާ ކިހިނެއްތަ ހަދާނީ؟…އަހަރެންނަށް ކޮންމެގޮތެއް ހެދިޔަސް އަދަބު ލިބިގަންނަން މިހުރީ ތައްޔާރަށް….އެކަމު ތިރީތި ތުންފަތުގެ ރަހަބަލާލަފަ ނޫނީ ދޫކޮށްލާހިތެއްނެތް…..ހަމަ އެންމެ ފަހަރަކުވިޔަސް އޯކޭ…" ޖެހިލުންކުޑަކަމާއެކީ އަދްޔަން ބުނެލި ޖުމްލައިން ޝައުންއަށް ދަތްކުނޑި ވިކާލެވުނެވެ.

" ހާދަގޮތެއްވެސް ނެތް ފިރިހެނެކޭ…..ހުއް މައެބައުޅޭތަ ކަލެޔާ ކިސްކުރާހިތުން…." ޝައުން އައިރުޅިން އޭނާގެ ދަތަށް ލެވުނުހައި ބާރެއްލާފައި އަދްޔަންގެ އަތުގައި ދަތްއެޅިއެވެ. އެއާއެކު އަދްޔަން ސިހިފައި ޝައުންގެ އަތުން ދޫކޮށްލިއެވެ. ތަންވަޅު ބަލާފައި ޝައުން އެތަނުން ނުކުތުމަށް އަވަސްވެގަތެވެ. ނަމަވެސް އަދްޔަން އެއަށްވުރެ ހުޝިޔާރެވެ. ޝައުން ދޮރުހުޅުވަ ހުޅުވާ ހުއްޓައި އަދްޔަން ދިޔަގޮތަށް ގޮސް ދޮރުފަތުގައި ހިފާ ހުއްޓުވިއެވެ.

" ހީކުރީތަ ތިހާ ފަސޭހައިން ދެވޭނެކަމަށް….ވެމްޕަޔަރ ގާރލް….އަހަރެންގެ އަތުގައި ދަތްއެޅިތީ އަދި އަމުދުންވެސް ކިސްއެއްދީފަ ނޫނީ ނުދެވޭނެ…." އަދްޔަން ދޮރުލައްޕާލަމުން ނުރައްކާތެރި ގޮތަކަށް ޝައުންއަށް ބަލާލިއެވެ.

" ދުރަށްދޭ! ހަމަ މިހާރު ދުރަށްދޭ….ހާދަ ހަޔާތްކުޑަވެގެން ތިއުޅެނީ ކީއްވެގެންތަ؟….ކަލެއަށް ދުވަހަކުވެސް އަންހެނަކު ނުފެންނަނީތަ؟…މީހަކު ފެންނައިރަށް ހޭބަލިވެގެން ތިއުޅެނީ؟…" އަދްޔަންގެ އަތްދަށުވެފައި ހުރިއިރުވެސް ޝައުން ރުޅިވެރިކަމާއެކު އަދްޔަންއަށް ރައްދުދިނެވެ.

" އާނ….ނުފެނޭ….ތިހާ ރީތި ކުއްޖަކު ހަމަ ނުފެނޭ….އެހެންވެޔެއްނު މިބުނީ ހަމަ އެންމެ ކިސްއެއްދޭށޭ….އެވަރުން އަހަރެންނަށް ފުދޭ….ހަމަ ކިސްއެއްދޭތަނުން ދޫކޮށްލާނަން…" ނުލަފާ ޒާތަކަށް ހެވިފައިހުރެ ޝައުންއާ ގާތްވަމުން އަދްޔަން ބުންޏެވެ. ޝައުން މަޑުމަޑުން ފަހަތަށް ޖެހުމުން ދިޔައީ އޭނާގެ ކިބައިން ސަލާމަތްވާނެ ގޮތަކާއިމެދު ވިސްނަމުންނެވެ. ކުއްލިއަކަށް އޭނާއަށް މޮޅު ޚިޔާލެއް އައުމާއެކު، ވަގުތު ނަގާނުލައި އޭނާ އަރައިގެންހުރި އުސްކަށިލީ ބޫޓްނަގައި އަތަށް ހެޔޮވަރުކޮށްލުމަށްފަހު ވަރުގަދަ އެތިފަހަރެއް އަދްޔަންގެ ބޮލުގައި ޖެހިއެވެ. ނުވިސްނާ ހުއްޓައި ލިބުނު ކުއްލިހަމަލާގެ ސަބަބުން ވީތަދުން، ދެލޮލުން އަލިކެނޑި ބޮލަށް އެނބުރުން އަރައިގެންދިޔައެވެ. އޭނާ ބޮލުގައި އަތްއަޅާފައި ހަޅޭއްލަވައިގަންނަމުން ބޭއިޚްތިޔާރުގައި ފަހަތަށް ޖެހިލެވުނެވެ. ޝައުންގެ ބޫޓުގެ ކަށިންޖެހުނުތަން ވަގުތުން ފަޅައިގެން ގޮސް އަދްޔަން އަތްއަޅާފައިހުރި ދިމާލުން ލޭގެ ރޮނގެއް ތިރިޔަށް ދެމިގެން ދިޔައެވެ. އެމަންޒަރުފެނިފައި ޚުދު ޝައުންވެސް ބިރުގަތެވެ.

" އަހަރެން ކަލޭ ދުލެއްނުކުރާނަން….ފާޑުފާޑަށް ހެދުން އަޅައިގެން ތިއުޅެނީ ތިރީތިކަން އިއްތިހާރު ކުރަނީ އަހަރެމެންނަށް ދައްކާކަށް ނޫންތަ؟… އަހަރެން ފާޅުގަ އެންމެ ކިސްއަކަށް އެދުނީމަ މިހާރުދެން މާ މައުސޫމުވާން އުޅޭނެކަމެއްނެތް…" ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިން ރުޅިއައިސް ރަތްވެގެން ޝައުންއާ ދިމާއަށް އަދްޔަން ޖެހިގަތެވެ. ޝައުންގެ ދެއަތުގައި ހިފައި ފުރަގަހަށް ގެންގޮސް ފާރުގައި ތަތްކޮށްލުމަށްފަހު ގުޑާވެސް ނުލެވޭވަރަށް ހިފަހައްޓާލަމުން އަދްޔަން ޝައުންގެ މޫނާއި ގާތްވެލިއެވެ. އަދްޔަން އޭނާގެ ތުންފަތުގައި ބޮސްދޭން މަސައްކަތްކުރުމުން ޝައުން ހުއްޓުމެއްނެތި ދެފަރާތަށް ބޯހޫރުވަން ފެށިއެވެ. އަދްޔަން އައިރުޅިން ޝައުންގެ ކޮލުގައި އޭނާގެ އެއްއަތުން ހިފައި މޫނު އަނބުރާނުލެވޭވަރަށް ހިފަހައްޓާލިއެވެ. އަދްޔަންގެ ބާރުގަދަކަމުން ޝައުންއަށް ގޮތެއްހަދާނުލެވުނެވެ. އެހެންކަމުން އަދްޔަން ހިތްފުރޭންދެން ޝައުންގެ ތުންފަތުގެ މީރުކަން ހޯދިއެވެ. އަދި އޭނާގެ ހަންއޮމާން ކަނދުރާއާއި ކަރުދޮށުގައި ބޮސްދޭންފެށިއެވެ. ޝައުން ރޮއެ ރޮއެފައި އޭނާގެ ކިބައިން ސަލާމަތްވުމަށް މަސައްކަތްކުރިއެވެ. އޭނާގެ އިތްފަތްތެރިކަން އަގެއްނެތް ގޮތުގައި ބީރައްޓެއްސެއްގެ އަތުން ނިގުޅިގެންދާންދެން ރޯލަރޯލާ ހުންނާކަށް އޭނާ ބޭނުމެއްނުވިއެވެ. އޭނާ ހިތްވަރުލާފައި އަދްޔަންގެ މޫނުގައި ބޮލުންޖަހައި އޭނާގެ ނޭފަތަށް ތަދުކޮށްލިއެވެ.

" އައުޗް….މީއަދި ހާދަ ގަދަވެގެން އުޅޭ އަންހެނެކޭ….މިރޭ ކަލެއަށް ކުޅިދައްކާލާނަން….އަހަރެން ރީތިކޮށް ކަލޭގާތުން އެދުނީ އެންމެ ކިސްއަކަށް…..އެކަމު ކަލޭގެފޮނިކަން ދައްކާލީ….މަށަކީ ތިހާ ފަސޭހައިން ގޮތްދޫކުރާނެ މީހެއްނޫން….ދެންބަލަންހުރޭ މަގޭ ނުބައިކަން…މަށަށް ތިދިން އަނިޔާގެ ސަބަބުން ކަލޭ މުޅި އުމުރަށް ރޯނެ…" އެއްވެސް ރަހުމެއްނެތި އަދްޔަން ޝައުންގެ މޫނުގައި ބޮނޑިއެއް އެޅިއެވެ. ވީތަދުންނާއި ލިބުނު ސިހުމުން ވަގުތުން ޝައުންގެ ހަރަކާތްތައް ހުއްޓުނެވެ.
އޭނާގެ ބޮލަށް އެނބުރުން އަރައި މޫނުމައްޗަށް އަނދިރިވާގޮތްވިއެވެ. އެވަރުންވެސް އަދްޔަންގެ ހިތެއް ނުފުރުނެވެ. އޭނާ ބޭނުންވީ ޝައުންގެ ރީތިކަމުން އެއްފަހަރުން ހިތްފުރާލުމަށެވެ. އަދްޔަން ދަހިވެތިކަމާއެކު ޝައުންގެ ރީތި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. އަދި ބަލާކަށް ނުހުރެ ހެދުމުގެ ކަރުވަޅުގައި ހިފައި ލަތްކެއް ޖެހުމާއެކު، ހެދުމުގެ ފުރަގަހުގައި ހަރުކޮށްފައިވާ ޒިޕް ހަލާވެގެން، ހެދުން ދެކޮނޑުމަތިން ކެހިގެން ދިޔައެވެ. ޝައުން ރޮއެގަންނަމުން އޭނާގެ ކަޝްފުވަމުން ދިޔަ ހަށިގަނޑު ނިވާކުރެވޭތޯ އުޅެގަތެވެ. ހަމަ އެތަންވަޅު ރެސްޓްރޫމުގެ ދޮރު ބަންލާފައި ހުޅުވިގެން ދިޔައެވެ. އަދި ވައިސޫރިހެން ފަދައިން އައި އާއިންގެ ހޫނު ހަމަލާއެއް އަދްޔަންގެ މޫނަށް އެރިއެވެ.

" ތީ ކާކު؟…ދޫކުރޭ!…" އަނގައިން ބަހެއް ބުނުމަކާނުލައި އައިގޮތަށް އައިސް އަދްޔަންގެ ގައިގާ އާއިން ތަޅައިގަތުމުން އޭނާ ހައިރާންވެފައި ސުވާލުކުރިއެވެ. އާއިން ދެންވެސް ޖަވާބެއްނުދީ އަދްޔަންއަށް ހަމަލާދެމުން ދިޔައެވެ. އޭނާ ރުޅިއައިސްފައި ހުރިވަރުން ހީވަނީ އަދްޔަން ހަފުސްކޮށްލަން އުޅޭހެންނެވެ. އަދްޔަންވެސް އަމިއްލަ ނަފްސުގެ ދިފާއުގައި ހަމަލޭދެމުން ދިޔަނަމަވެސް، މާޝަލްއާރޓްގެ މޮޅެތި އުކުޅުތައް ބޭނުންކޮށްލުމުން އިސާހިތަކު އަދްޔަން ބަލިވެއްޖެވެ.

" އާން…އޭނަ ދޫކޮށްލާ….އޭނަ މަރުވެދާނެ…" މޭމަގައި އަތްއަޅައިގެންހުރެ ރޮމުން ޝައުން ވާހަކަ ދެއްކިއެވެ.
" ހަމަ މަރާލާފަ ހުއްޓާލާނީ….ކަލެއަށް ޖެހޭތަ އޭނަގެ ގައިގަ އަތްލަން….ކަލޭގެ އަތް ބިންދާލާފަ ދޫކުރާނީ…." އަދްޔަންގިރުވާނުގައި ހިފައި ގެންގޮސް ފާރުގައި ތަތްކޮށްލުމަށްފަހު، އޭނާގެ އަތް ފުރަގަހަށް ގެނެސް ހިފަހައްޓާ ބާރުކޮށްލަމުން އާއިން ބުނެލިއެވެ.

" ސޮރީ…ސޮރީ އަހަރެން ދޫކޮށްލާ!…އަހަރެންދެން އޭނާ ގައިގަ އަތެއް ނުލާނަމޭ…ޕްރޮމިސް" އޭނާގެ އަތް ބިނދިދާނެހެން ހީވުމުން ރޮއެފައި އަދްޔަން އާދޭސްކުރިއެވެ. ނަމަވެސް އާއިން އޭނާ ދޫކުރާ ޚިޔާލެއް ނުކުރިއެވެ.

" އާން….އާން…" ޝައުން އޭނާގެ ބޮލަށް އެނބުރުން އަރާހެން ހީވުމުން އާއިންގެ އެހީއަށް އެދުނެވެ. ޝައުން އަރިއަޅާލި މަންޒަރު ފެނުމުން އަދްޔަންގެ ގައިން ދޫކޮށްލުމަށްފަހު އޭނާ ޝައުންއާ ދިމާއަށް ދިޔައެވެ. ތަންވަޅުބަލާފައި އަދްޔަން އަވަސް އަވަހަށް އެތަނުން ނުކުތެވެ.

" ޝައުން…ޝައުން…" ޝައުން ގެނެސް ގައިގާ ލައްކޮށްލުމަށްފަހު، މޫނުގައި އަތްޖައްސާލަމުން އާއިން ގޮވާލިއެވެ. އެވަގުތު ޝައުންގެ ދޮންމޫނުގައި ރަތްވެފައިހުރި ހުރި އަދްޔަންގެ އިނގިލިތަކުގެ ނިޝާން ފެނުމާއެކު އޭނާއަށް ދަތްކުނޑި ވިކާލެވުނެވެ.
" ކޮންތާކުން ފާވި ނުބައި އިފްރީތެއްތަ އެއީ؟…" އާއިންއަށް ހިތާ ހިތާ ކިޔާލެވުނެވެ. އާއިންގެ އަތުތެރޭގައި ޚަބަރު ހުސްވެފައި އޮތް ޝައުންއާ ދިމާއަށް ބަލަން ހުރިއިރު، އާއިންގެ ހިތުގައި އަދްޔަންއަށްޓަކައި ރުޅިވެރިކަމުގެ ހުޅުރޯވެ އަނދަމުން ދިޔައެވެ. އަދްޔަން ޝައުންގެ ގަޔަށް އަތްލީތީ އޭނާގެ ލޭކެކެމުން ދިޔައެވެ. މިއަދު އޭނާގެ އަތްދަށުން ސަލާމަތްވީނަމަވެސް އަދި އޭނާއަށް އެކަށީގެންވާ އަދަބެއް ދިނުމަށްވެސް ހިތާހިތުން އޭނާ އަޒުމް ކަނޑައެޅިއެވެ.

އިރުކޮޅެއްފަހުން ބަޔަކުމީހުން އަންނައަޑުއިވުމުން ދެން ހަދާނެ ގޮތަކާއިމެދު އާއިން ވިސްނާލިއެވެ. އެފަދަ ހާލުގައި ޝައުންއާއެކު އޭނާ ވަނިކޮށް ބަޔަކަށް ފެނިއްޖެނަމަ އޭނާއާމެދު ވިސްނާނީ ވަރަށްވެސް ގޯސްކޮށެވެ. އެހެންކަމުން އޭނާ ޝައުން ގޮވައިގެން ފާޚާނާއެއްގެ ތެރެއަށްވަނެވެ. އާއިމެން ފާޚާނާ ވަނުމާއެކުހެން އެބަޔަކު އައިސް ރެސްޓްރޫމަށް ވަދެއްޖެއެވެ.

" ދެންމެ އަހަރެމެން ކުރިމައްޗަށް ހޭބަލިވެގެން ވެއްޓުނީ އެއްކަލަ އާރިފާގޭ އަދްޔަންއޭ…..އެކަމަކު އެސޮރަށް ކިހިނެއްތަ ވެފަހުރީ…މަށަށް ހީވަނީ މިތާ ފިރިހެނުންގެ ބައިގަ މާރާމާރީއެއް ހިނގީހެން…..އެސޮރަށް ހާދަވަރެކޭ ވެފަހުރީ…އޭނާގެ އަތްވެސް އޮތީ ބިނދިފަޔޯ މީހަކު ބުނި….." އެތަނުން އެކަކު ބުނި އަޑުއިވުނެވެ.

" އެކަމަކު ކީއްވެތަ މީހަކު އެސޮރު ގައިގަ ތަޅައިގަންނަންވީ….ދާދިފަހުން ކިޔައިނިމިގެން މާލެ އެއައީ….ދެން މިހާއަވަހަށް މީހަކު އެސޮރަށް ކަމެއްކުރަންވީ ކީއްވެ…އެއީ ނުލާހިކު ރަނގަޅު ސޮރެކޭ…" އެހެންމީހެއްގެ އަޑުއިވުނެވެ.

" ދެން ނޭނގެދޯ ތިވީގޮތެއް…..ކޮންމެވެސް ކަހަމާ ހަސަދަވާ މީހަކުދޯ އެވަރުގެ ކަމެއްކުރާނީ….މިހާރު އުޅޭ މީހުންގެ ގޮތެއް ނޭނގޭނެ….." އަނެއްކާވެސް މީހަކު ބުނެލިއެވެ.

" އޭތް މީކާކުގެ ޕާހެއްތ….މީހާދަ ރީތި ޕާހެކޭ…." ބިންމަތީގައި އޮތް ޝައުންގެ ޕާސްފެނުމާއެކު މީހަކު ބުނެލި އަޑުއިވުނެވެ.
" ނޭނގެ….ތިބާއްވާ….މިތާ އެތެރޭގަ މީހަކު އުޅޭހެން ހީވަނީ….ހިނގާދާން…މިހާރު އަހަރެމެން ލަސްވެގެން އުޅޭނެ…" ޝައުންގެ ޕާސް އޮތްތާގައި ބޭއްވުމަށްފަހު އެމީހުން ނުކުމެގެން ދިޔައެވެ.

ޝައުން މޭގައި ލައްކޮށްލައިގެން ނުވެއްޓޭނޭހެން ހިފަހައްޓައިގެން ހުރިއިރު، ޝައުންގެ ދޮންހަށިގަނޑުގެ ބޮޑުބައި އޭނާގެ ކުރިމަތީގައި ހާމަވަމުން ދިޔައެވެ. ޝައުންގެ ހަށިގަނޑުގައި ރަތްވެފައިވާ ކޮންމެ ނިޝާނެއް ހެކިދެނީ އެގޮތެއްނެތް ފިރިހެނާގެ ކިބައިން އެއަންހެން ކުއްޖާއަށް ލިބިފައިވާ އަނިޔާއެވެ. އާއިންއަށް ބޭއިޚްތިޔާރުގައި ޝައުންގެ ކޮނޑުގައި ރަތްވެފައިވާ ތަނެއްގައި ފިރުމާލެވުނެވެ. އެއާއެކު އޭނާއަށް މިހެދެނީ ގޯހެއްހެން ހީވެ އަވަސް އަވަހަށް އަތްދުރުކޮށްލިއެވެ. އެހައި ހާމަކަން ބޮޑުގޮތެއްގައި ޝައުންފެނުމުން އޭނާ ލޮލުން ފާފައެއް ކުރެވިދާނެތީ ބިރުން ދެލޯވެސް މެރިއެވެ.

ވަގުތުތައް ފާއިތުވަމުން ދިޔަވަރަކަށް ރެސްޓްރޫމަށް ވަންނަމީހުން އިތުރުވަމުން، ބަޔަކަށްފަހު ބައެއް ވަދެނުކުމެވަމުން ދިޔައެވެ. އެހެންކަމުން އާއިންއަށް ފާޚާނާތެރެއިން ނުކުންނާނޭ ފުރުސަތެއް ނުލިބުނެވެ. އެގޮތުގައި ހުންނަތާ އިރުކޮޅެއްފަހުން ޝައުން ލޯހުޅުވާލިއެވެ. އަދި ހައިރާންކަމާއެކު ވަށައިގެން ހޯދާލިއެވެ.

" އާން…" ޝައުން އެއްޗެއް ބުނަން އުޅުމާއެކު އާއިން ޝައުންގެ ތުންފަތުގައި އިނގިލި ޖައްސާލަމުން އެކަން މަނާކުރިއެވެ. އޭރުވެސް ކޮންމެވެސް ބަޔަކު ބޭރުން ވާހަކަދައްކާ އަޑުއިވެއެވެ. ޝައުންއަށް ވާނުވާ އެނގުމުން އޭނާ ހިމޭންވިއެވެ. އަދި އެނުދަންނަ ޒުވާނާ އޭނާއާމެދު ކަންތައްކުރި ގޮތް ހިތަށްއަރާފައި ބޭއިޚްތިޔާރުގައި އޭނާއަށް ރޮވުނެވެ.

" ޝްސްޝް!…ނުރޮއެ…" އާއިން ވައިއަޑުން ބުނެލިއެވެ. ނަމަވެސް ޝައުންއަށް އޭނާގެ ކަރުނަތައް މަތައެއް ނުކުރެވުނެވެ. އާއިންގެ މޭގައި މޫނުފޮރުވާލަމުން އޭނާ ގިސްލާރުއެވެ. ބޭރަށް އަޑުނީވުނު ނަމަވެސް ޝައުންގެ ހަށިގަނޑަށް އަރަމުންދިޔަ ލޮޅުންތަކާއި އާއިންގެ މޭމަތިތެތްމަމުން ދިޔަ ހޫނު ކަރުނަތަކުގެ ސަބަބުން އެހިތަށް ކޮށްފައިވާ އަސަރު ބަޔާންކޮށްދިނެވެ. އާއިން ޝައުންގެ އިސްތަށިގަނޑުގައި ފިރުމާލަމުން އޭނާގެ އަތުތެރޭގައި ޝައުން ބޮނޑުކޮށްލިއެވެ. މިވަގުތު އޭނާއަކީ މީހެއްގެ ފިރިއެއްކަމާއި ޝައުންއަކީ ހިލޭ އަންހެނެއްކަމެއް އިހުސާސެއް ނުކުރެވުނެވެ. އެޔަށްވުރެ ބޮޑަށް އޭނާގެ ހިތަށްވަނީ އަސަރުކޮށްފައެވެ.
އެގޮތުގައި ދެމީހުން ތިއްބައި ކުއްލިއަކަށް އާއިންގެ ފޯނުރިންގުވުމުން ދެމީހުނަށްވެސް ސިހިފައި ލޯހުޅުވާލެވުނެވެ. އަދި ކުޑަކޮށް ޝައުންގަޔާ ދުރުކޮށްލަމުން އޭނާގެ ޖީބުން ފޯނުނެގިއެވެ. ފޯނުގެ ސްކްރީނަށް ބަލާލުމާއެކު، އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުފާޅުވިއެވެ.
" ނާޒް އެގުޅަނީ ލަސްވެގެން…..އެކަމު ކިހިނެއް މިތަނުން ނުކުންނާނީވެސް…." އާއިން މަޑުމަޑުން ކިޔާލިއެވެ. ޝައުންވެސް ކަންބޮޑުވެފައި އާއިންއާ ދިމާބަލާލިއެވެ. އެންމެން ގޮސް ހިމޭންވާންދެން އިންތިޒާރުކުރުން ނޫންގޮތެއްނެތެވެ. މިހާރު އެމީހުން އެތާތިބޭތާ ގަޑިޔަކުއިރުވަނީއެވެ. ރޮއެރޮއެހުރި ޝައުންވެސް މަޑުމަޑުން ހަމައަކަށް އެޅުނެވެ. އޭނާ ހެދުމުގެ ޒިޕް ހަލާކުވެފައިހުރިކަން ހަނދާންނެތި، އާއިންއާ ދުރަށްޖެހިލި ވަގުތު ޝައުންގެ ހެދުން ދެކޮނޑުން ސޮހިގެން ތިރިޔަށްދިޔައެވެ. އެވަގުތު ލިބުނު ސިހުމުން އަވަސް އަވަހަށް މޭމަތީގައި ދެއަތްހުރަސްކޮށްލަމުން އަނެއްފަރާތަށް އޭނާ އެނބުރުނެވެ. އާއިންއަށް ބޭއިޚްތިޔާރުގައި ބަލާލެވުމާއެކު، އެއްވެސް ހުރަހެއްނެތި ޝައުންގެ ހާމައަށްއޮތް ބުރަކަށިފެނުމުން އޭނާގެ ގައިން ހީބިހިނެގިއެވެ.

ޝައުން އެއްއަތުން ހެދުމުގައި ހިފައިގެންހުރެ އަނެއްއަތުން އޭނާގެ އިސްތަށިގަނޑު ނިއުޅާލުމަށް މަސައްކަތްކުރިއެވެ. އެކިގޮތްގޮތަށް ދަތިޖަހައި ހަރުކޮށްފައި ހުރުމުން އެކަންވީ ނުހަނު އުނދަގޫކަމަކަށެވެ. ޝައުން އެހާލުގައި އުޅޭތަން ފެނުމުން ކެތްނުވެގެން އާއިން ޝައުންއަށް އެހީވެ، އިސްތަށިގަނޑު ނިއުޅާލަދިނެވެ. އަދި ހާމައަށް އޭނަގެ ހަށިގަނޑު ނިވާކޮށްލަދިނެވެ.

" އަހަރެންގެ ޕާހުގަ ހުންނާނެ ސޭފްޓީ ޕިން…ގެނެސްދެވިދާނެތަ؟…" ޖެހިލުންވެހުރެ ޝައުން އެދުނެވެ.

" ހިނގާބޭރަށް….މިހާރު އެއްވެސް މީހެއްގެ އަޑެއްނީވޭ…" އާއިން ބުނެލިއެވެ. ޝައުންވެސް ދެބަހެއްނެތި އާއިންއާއެކު ބޭރަށްނުކުތެވެ. ބިންމަތީގައި އޮތް ޝައުންގެ ޕާސްނެގުމަށްފަހު އެއިން ނަރުދައްޗެއް ނެގިއެވެ.

" އަހަރެން އެހީވެދެންތަ؟…" ޝައުންއަށް ދަތިހަރުކުރަން އުނދަގޫވެގެން އުޅޭހެން ހީވެގެން އާއިން އަހާލިއެވެ. ޝައުން ބޯޖަހާލުމުން އާއިން ޝައުންގެ އަތުން ދަތިހޯދައިގެން ޝައުންގެ ހެދުން ނުވެއްޓޭނެހެން ހަރުކޮށްލަދިނެވެ. އެކަން ކުރަމުން ދިޔައިރު އޭނާގެ އަތް ތުރުތުރު އަޅަމުން ދިޔަކަން ޚުދު އޭނާއަށްވެސް ފާހަގަކުރެވުނެވެ. އެހުރިހާއިރު، ޝައުންހުރީ، އާއިން އެހައިގާތުގައި ހުރުމުން ހިތްއަވަސްވެފައެވެ.

" ހިނގާދާން….މިހާރު ވަރަށް ލަސްވެއްޖެ…" އަތުކުރީގައިވާ ގަޑިއަށް ބަލާލަމުން އާއިން ބުނެލިއެވެ.

" އާންދޭ….އަހަރެން އިރުކޮޅަކުން ދާނަން" ލޯގަނޑުން މޫނުބަލާލަމުން ޝައުން ބުނެލިއެވެ.

" ނޫން…ޝައުން އެކަނިކޮށްފަ އަހަރެން ނުދާނަން….." އާއިން ދެކޮޅުހެދިއެވެ.

" އޯކޭ…އަހަރެން ކުޑަކޮށް މޭކަޕްކޮށްލާ މޫނު ރަނގަޅުކޮށްލައިގެން ދާނަން….އެހެންނޫނީ ފެންނަހާމީހަކު ސުވާލުކުރާނެ…" ޝައުން އޭނާގެ ޕާހުން ފައުންޑޭޝަން ފުޅިއެއްނަގައި މޫނުގައި ރަތްވެފައިވާތަނުގައި އުނގުޅަންފެށިއެވެ. އަދި ހަށިގަނޑުގެ އެހެންތަންތާގައި ހާމައަށް ފެންނަންހުރި ހުރިހާ ނިޝާންތައްވެސް ފައުންޑޭޝަންގެ އެހީގައި ފޮރުވިއެވެ.

" އެއީ ޝައުން ދަންނަމީހެއްތަ؟…" ކުއްލިއަކަށް އާއިން އަހާލިއެވެ.

" ނޫން…ހަމަ މިރޭ ފެނުނުމީހެއް….." ޝައުން ޖަވާބުދިނެވެ.

" ދެންކީއްވެ އޭނަ ޝައުންގެ ފަހަތުން އަޅުވާލީ؟…" އަނެއްކާވެސް އާއިން އަހާލިއެވެ.

" ނޭނގެ…ހޭބަލިވެގެން އުޅޭމީހެއް އެއީ…" ޝައުން ރުޅިއައިސްފައި ބުންޏެވެ.

" ހަމަ ކަމަކާނުލާތަ އޭނަ ތިވަރެއްކޮށްލީ؟…" އާއިންގެ ސުވާލުތައް އިތުރުވަމުން ދިޔައެވެ. އެންމެފަހުން ޝައުން ކަންތައްވީގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.

" އަހަރެން ދުށިން އޭނާގެ ގުރޫޕު ތަންކޮޅެއް ދުރުގަ ތިއްބާ….އޭނާ އެއައީ ހިތުން ގުރޫޕްގެ މީހުންގެ މެދުގަ ކޮންމެވެސް ފޮންޏެއްކަނޑާފަ ޝައުންއާ ދިމާކުރަން….އެހެންނޫނީ އަންނަގޮތަށް ނުވެސްދަންނަ މީހަކު ކައިރީ ކިސްކުރަން އެދޭނެތަ؟….އޭނަ ބެޓްކޮށްގެން ކުރަން އުޅުނުކަމަކަށް ތިވާނީ….ހާދަގޮތެއްވެސް ނެތޭ މިހާރު އުޅޭ ޒުވާނުން….އެކަމު ވަރަށް މޮޅަށް ކިޔަވާފަހުރި މީހެކޯ މީހަކު ބުނާއަޑުއިވުން…..ކޮބާތަ އެކިޔެވި އެއްޗެއްގެ މޮޅުކަން، މީހާގެ ކިބައިގަ އަޚުލާޣެއް ނެތިއްޔާ….އެކަމު އޭނާއަށް ލާހިކެއްނޫން ދެން ދުވަހަކުވެސް އަންހެން ކުދިން ކުޅިވަރަކަށް ހަދައިގެން ބެޓްކުރާކަށް…..މިރޭ ރަނގަޅު ފިލާވަޅެއް އޭނައަށް ލިބިފަ ހުންނާނީ….މިހާރު އެކަލޭގެ އޮންނާނީ ހޮސްޕިޓަލުގަ….އަތްވެސް ބިންދާލާފަ ދޫކޮށްލީ…" ރުޅިވެރިކަމާއެކު އާއިން ވާހަކަދެއްކި ގޮތުން ޝައުންހުރީ ހައިރާންވެގެން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މިއިން ދުވަހަކު އާއިން އެގޮތަށް ރުޅިއައިސްފައި ހުއްޓާ އޭނާ ނުދެކެއެވެ. މިހާރު އޭނާގެ ކުރިމަތީގައި ފެންނަން އެހުރީ މީގެ އަހަރުތަކެއްކުރިން އޭނާގެ ދިފާއުގައި ނުކުންނަ އާއިންއެވެ. އެހެން ހިތަށްއެރުމާއެކު ޝައުންއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ.

" އެކަމު ދެންވެސް އެކަނި މިކަހަލަ ތަންތަނަށް ނާންނާތި؟….ކޮންމެ ފަހަރަކު އަހަރެންނަކަށް ނާދެވޭނެ ސަލާމަތްކުރާކަށް…އަދި ބުނަން ތިހެދުން އަޅާގޮތްވެސް ބަދަލުކުރަން ޖެހޭ…." އާއިން އަމުރުވެރިކަމާއެކު ބުނެލިއެވެ. ޝައުން ޖަވާބެއްނުދީ ހުރިނަމަވެސް އާއިން އޭނާއާމެދު ކުރީގައިވެސް ވިސްނާފަދައިން ވިސްނާތީ އުފާވިއެވެ.

" މިހާރު ދޮންބެ އެގުޅަނީ…." އާއިންގެ ފޯނު ރިންގްވުމާއެކު ބަލާލަމުން އޭނާ ބުނެލިއެވެ.

" މިނިމުނީ…" ޝައުން އޭނާގެ ޕާހުގެ ޒިޕް އަޅުވާލާފައި އިސްތަށިގަނޑު ރީތިކޮށްލަމުން އޭނާގެ ބުރަކަށި ރަނގަޅަށް ނިވާކޮށްލިއެވެ. އަދި ބޭރަށްނުކުމެ މީހެއްގެ ހިލަމެއް ނެތްކަން ޔަޤީންކުރުމަށްފަހު އާއިންވެސް ނުކުތުމަށް އެދުނެވެ. އެކީގައި ތަންކޮޅަކަށް ގޮސްފައި އާއިން ހުއްޓުނެވެ.

" ޝައުން ދޭކުރިން….އަހަރެން އެބަދާން ފަހަތުން…ދެމީހުން އެކީ ދިޔައީމަ ކަމަކު ނުދާނެ…" އާއިން ބުނެލިއެވެ. މީހުންގެ ލޯތަކަށް ފޮރުވެން މަސައްކަތް ކުރަމުން، ހަލުވި ފިޔަވަޅުތަކެއްގައި ޝައުން ކުރިޔަށްދިޔައެވެ. އަދި އޭނާ ކުރިންވެސް އިންމޭޒުގެ ކައިރީގައި ގޮސް އިށީނެވެ.
" ކޮންތާކުން ތިއައީ؟…މިހާރު ދޮންބެ ގުޅާތާ ކޮންއިރެއް؟…" ކުއްލިއަކަށް އައިސް ޝައުންގެ ގާތަށް ހުއްޓެމުން އިޒްޔަން އަހާލިއެވެ.

" މީ…ރެސްޓްރޫމަށް ގޮސްލާފަ މިއައީ…" އަވަސް އަވަހަށް ޝައުން ޖަވާބުދިނެވެ.

" ހަމަ ގޮސްލާފަ އައީތަ ނޫނީ އެތާ އިނދެ ނިދާފަތަ ތިއައީ؟…ބަލާބަލަ މީހާގެ މޫނު ހުރިގޮތް….ރަނގަޅަށްބުނޭ ކޮންތާކުން ތިއައީ؟…" ޝައްކުގެ ނަޒަރަކުން ބަލާލަމުން އިޒްޔަން އަހާލިއެވެ.

" ނިދިއައިސް ބޮލުގަ ރިއްސާތީ ނީނދެވިގެން އެތަނަށް ދިޔައީ….އެތާއިންދާ ކުޑަކޮށް ނިދުނީ…." ޝައުން އިސްޖަހާލަމުން ދޮގެއް ހަދާލިއެވެ.

" ބަލީތަ؟…" ޝައުންގެ ނިތްކުރީގައި އަތްޖައްސާލަމުން އިޒްޔަން ލޯތްބާއެކު އެހިއެވެ.

" ނޫން ދޮންބޭ…އަހަރެން އޯކޭއޭ…ކުޑަކޮށް ބޮލުގަ ރިއްސަނީ….ނިދާލީމަ ރަނގަޅުވާނެ…" ހަމަޖެހޭގޮތް ދައްކަމުން ޝައުން ބުނެލިއެވެ.

" ކޮބާ މީނީނު އައިސް….ހިނގާބަލަ އައިރާއާއެކީ ފޮޓޯނަގަންދާން….ޝައުންއާ އާން ހަމަނުވެގެން ފޮޓޯނުނެގިފަ ވިއްޔަ އަހަރެމެން މިތިބެނީ….އެއޮއްއައީ އާންވެސް…." ވިސްނާލުމެއްނެތި އުޝާބުނެލި އެއްޗަކުން ޝައުން ބިރުގަތެވެ. އާއިންއާއި ޝައުން އައީ އެއްތާކުންކަން އިޒްޔަންއަށް ޝައްކުވެދާނެތީ އޭނާ ރަނގަޅަށްވެސް ޖެހިލުންވިއެވެ. ނަމަވެސް އިޒްޔަން އިތުރު އެއްޗެއް ނުބުނުމުން ޝައުންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

އެންމެން އެއްކޮށް އާއިލީ ފޮޓޯއެއްނެގުމަށްޓަކައި ތައްޔާރުވީ ވަގުތު އިއްތިފާޤުން ޝައުންއާއި އާއިންއަށް ތިބެވުނީ ދާދިގާތުގައެވެ. ފަރަހަނާޒްގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ފޮޓޯއަށް ތައްޔާރުވެގެންހުރި އާއިންއާ ދިމާއަށް ޝައުންއަށް ބަލާލެވުނެވެ.
" ތަންކޮޅެއް ގާތަށް ޖެހިލީމަ އަރާނީ…" ފޮޓޯގްރާފަރު އިރުޝާދުދިނުމުން އެންމެންވެސް ކުރިޔަށްވުރެ ބޮޑަށްގާތަށް ޖެހިލިއެވެ. އެވަގުތު ޝައުންގޮސް އާއިންގެ ގައިގަ ޖެހިފިތޭގޮތްވިއެވެ. ޝައުން އަރިއަޅާލުމުން ބޭއިޚްތިޔާރުގައި ޝައުންއަށް އާއިންގެ އަތު މުލައްދަނޑީގައި ހިފާލެވުނެވެ. އެވަގުތު ސިހިފައި އާއިންއަށް ޝައުންއާދިމާ ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީ ވަގުތު ކެމެރާގެ ފްލޭޝް ކެނޑިގެންދިޔައެވެ. ޝައުން އަވަސް އަވަހަށް އާއިންގެ އަތުން ދޫކޮށްލަމުން ހަމަޖެހިލިއެވެ. އާއިންވެސް ހީލާފައި ބޮޑަށް ފަރަހަނާޒްއާ ގާތްވެލިއެވެ.

ހަފްލާ ނިމުނުން ބައިބަޔަށް މީހުންތައް ގެޔަށްދާން ފެށިއެވެ. އައިރާއާއި މާޒްއަށް ހޮޓެލްގައި ޚާއްސަކުރެވިފައިވާ ސުއިޓަށްދިއުމުން އާއިލާގެ މީހުންވެސް ގެޔަށް ދިއުމަށް ތައްޔާރުވިއެވެ. އެންމެން ނުކުމެގެން ދިއުމުން އާއިންއާއި އިޒްޔަންވެސް ގެޔަށް ދިއުމަށްޓަކައި ތައްޔާރުވިއެވެ.

" އާންއަށް އެނގޭތަ…މިރޭ ވަރަށް އެހެންކަހަލަ ކަމެއް މިތާނގަވީކަން؟…." ލޮބީއިން ނުކުންނަމުން އިޒްޔަން އަހާލިއެވެ.
" ކިހިނެއްވީ؟…" އާދައިގެ ގޮތަކަށް އާއިން އަހާލިއެވެ.

" މިތަނަށް އައި މެހެމާނެއްގެ ގައިގަ ކޮންމެވެސް މީހަކު ތަޅަގަތީ….ނޭނގެ ވީގޮތެއްވެސް އޭނާ އެކޮޅުން ދުވަމުން އައިސް ހޭނެތިގެން ވެއްޓުނީ…..އޭނާގެ އެކުވެރިން ބުނީ އޭނާގެ އަތްވެސް ބިނދިފަޔޯ އޮތީ….ކޮންމެވެސް މީހަކު އޭނާއަށް ވަރަށް އަނިޔާކޮށްފަހުރީ….އޭނާގެ ބައްޕައަށް އެޚަބަރު ލިބުމުން ވަރަށް ރުޅިއައިސްގެން އައިސް އާންގެ ބައްޕައާ ވާހަކަދެއްކި….ޕޮލިހަށް ގުޅަންވެސް އުޅުނު..އެކަމު ބޮޑުބޭބެ ވަރަށް ވިސްނައިދީފަ، އޭނާގެ ގައިގަ ތަޅައިގަތް މީހަކު ހޯދާނެކަމުގެ ޔަޤީންކަން ދިނީމަ ދިޔައީ….ނަސީބަކުން މާބޮޑު ކަންތައްގަނޑަކަށްނުވެ އެކަން ނިމިއްޖެ….ބޮޑުބޭބެގެ ރައްޓެއްސެއްވީމަ ކަންނޭނގެ އެހާފަސޭހައިން ދޫކުރީ….ނޭނގެ މިހާރު ޚަބަރުގަވެސް އެވާހަކަ ނޯންނާނެ ކަމެއް…." އިޒްޔަން ވަރަށް ތަފްސީލުކޮށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
" ކާކުތަ އެއަދްޔަންގެ ބައްޕައަކީ؟.." ކުއްލިއަކަށް އާއިން އަހާލިއެވެ.

" އަދްޔަންއޭ؟…އާންއަށް އެނގޭތަ އޭނަ؟…" ހައިރާންވެގެން އިޒްޔަން އަހާލުމުން އާއިންއަށް ބުނެވުނު އެއްވެއް ރޭކާލިއެވެ.

" ނޫން މަށަށް އެނގެނީކީނޫން….މަށަށްވެސް އަންހެނުންތަކެއް އެވާހަކަ ދައްކަނިކޮށް އަޑުއިވުނީ…ކޮންމެވެސް މީހަކުބުނި އޭނައަށް ކިޔަނީ އަދްޔަންއެކޭ….ދާދިފަހުންނޭ ބޭރުން ކިޔަވައިގެން އައީ…" ހަމަޖެހިލާފައި އާއިން ބުނެލިއެވެ.

" އެހެންތަ؟…މަށަކަށްވެސް ނޭނގެ މާރަނގަޅަށް …ބޮޑުބޭބެ ގާތު އަހާލާ…އޭރުން ބޮޑަށް އެނގޭނީ………ތިޔެއްނޫނޭ….އާން ކޮންތާކުތަހުރީ އެގަޑީގަ؟…" ކުއްލިއަކަށް އިޒްޔަން ސުވާލުކޮށްލިއެވެ.

" ހަނދާނެއްނެތް…ހީވަނީ ރެސްޓްރޫމަށް ދިޔަ ވަގުތުހެން…" އާއިން ވިސްނާނުލައި ބުނެލިއެވެ.

" އާންވެސް ރެސްޓްރޫމަށް ގޮސްފަތަ ތިއައީ؟…" ޝައްކުގެ ނަޒަރަކުން ބަލާލަމުން އިޒްޔަން އަހާލިއެވެ.

" ކިހިނެއްވީ؟…މަނާކަމަކީތަ؟…" އާއިން ހީލަމުން އަހާލިއެވެ.

" ނޫން…އޭނަވެސް އައީ އެދިމާލުން….އެތާ މާރާމާރީއެއް ހިނގިއިރު އާންއަކަށް ނޭނގޭތަ؟…." ތަހުޤީޤު ކުރާމީހަކު ފަދައިން އިޒްޔަން އަހާލިއެވެ.

" އަހަރެންނޭ އޭނަގެ ގައިގަ ތަޅައިގަތީ….އެހެންވީމަ އެނގޭނެއްނު…" ހިނިގަނޑެއް ޖަހާލަމުން އާއިން ބުނެލިއެވެ.

" ދެން ސަމާސާ ނުކުރޭ…ސީރިއަސް ވާހަކައެކޭ މިއެހީ…" އިޒްޔަން ސީރިއަސްކަމާއެކު ބުނެލިއެވެ.

" ދެން ކީކޭތަ މަބުނަންވީ؟…އަހަރެމެންގެ ހަފްލާއަކަށް އައި މީހެއްގެ ގައިގަ އަހަރެން ކީއްކުރަން ތަޅައިގަންނަންވީ؟…އިޒޫ ސުވާލުކުރާގޮތުން ހީވަނީ މަގޭ ކަމެއް ފޮރުވައިގެން އުޅޭހެން…" ގަސްތުގައި ހަޤީޤަތް ފޮރުވަމުން އާއިން ބުނެލިއެވެ.

" އެހެންނުއްވާނީ….މިރޭ ޝައުންވެސް ހުރީ ވަރަށް ފާޑަކަށް….އޭނަވެސް ބުނީ ރެސްޓްރޫމުންނޭ މިއައީ….ދެން ހަމަ ކަމެއްވެސް ހިނގާފާނެއްނު…." އިޒްޔަން ބުނެލިއެވެ.

" އަހަރެންނާ ޝައުންއާ އެއްރެސްޓް ރޫމެއްގަ އުޅެފަ މިއައީ…..މިހާރު ޔަޤީން ވެއްޖެއެއްނު…" ހަމަގަސްތުގައި އިޒްޔަން ތަޅުވާލަން އާއިން ބުނެލިއެވެ.

" ޝައްކު ކުރިޔަސް ބޮޑުވަރޭ…އަމިއްލަ ކޮއްކޮއާމެދުވެސް ތިހުރީ ހީކުރާ ހީކުރުން….ކިހިނެއް އިޒޫމެން ރަނގަޅުވާނީ…" އިޒްޔަން ބަހެއް ނުބުނެ ހުންނަން ފެށުމުން އެހެން ބުނެފައި އާއިން ހިނގައިގަތެވެ.

*****
މެންދަމުގެ ވަގުތެވެ. ފަންގިފިލައަށް ނަޒަރުހުއްޓާލައިގެން އޮތް އާއިންގެ ޚިޔާލުތައް ގުޅިފައިވަނީ މިރޭގެ ހާދިސާއާއެވެ. އޭނާއަށް ތަންކޮޅެއް ލަހުން ދެވުނުނަމަ މިރޭ ޝައުންގެ އިތްފަތްތެރިކަން ސަލާމަތެއްނުވީހެވެ. އެހެންނޫންނަމަ މުޅި އުމުރަށް ޝައުން ހިތާމަކުރަން ޖެހުނީހެވެ. އަދި އޭނާއަށް އަމިއްލަ ނަފްސު ކުށްވެރިކުރަން ޖެހުނީހެވެ. އޭނާގެ އަތުތެރޭގައި ހުރެގެން ޝައުން ގިސްލާރުއި ވަގުތު އޭނާގެ ހިތަށް ހާދަ އަސަރެއްކުރިއެވެ. ޒަމާންތަކަކަށްފަހު ޝައުންއާއި އެހާގާތްވެވުމުން އޭނާއަށް ކުރެވުނީވެސް ތަފާޓު އިހުސާސެކެވެ. ކުއްލިއަކަށް ޝައުންގެ ހަން އޮމާން ހަށިގަނޑު އޭނާގެ ކުރިމަތީގައި ސިފަވެގެން ދިޔައެވެ. އެއީ އެއްވެސް ކޫރުމެއްނެތް ސާފުދޮންކަމެއް ލިބިފައި ރީތިހަށިގަނޑެކެވެ. އެހަށިގަނޑުގައި ބީހިލުމަށް ހިތް ނޭނދޭނީ ކާކުހެއްޔެވެ؟ ހިއްސުތައް ސަލާމަތުން ހުރި ހަމަކޮންމެ ފިރިހެނެއްގެ ހިތްވެސް އެކަމަށް އެދޭނެއެވެ.

"އަސްތަޣްފިރުﷲ….އަސްތަޣްފިރުﷲ….ކޮންކަހަލަ ވިސްނުމެއް އަހަރެންނަށް މިވިސްނެނީ؟….ކީއްވެ އަހަރެންނަށް މިގޮތަށް މިވިސްނެނީ؟…ޝައުންއާ ގާތްވީމަ އަހަރެންނަށް ތަފާތުގޮތެއްވީ ކީއްވެ؟….ގާތްވުމަށް ހިތްއެދުނީ ކީއްވެ؟….އަހަރެން ލޯބިވަނީ ނާޒްދެކެ….ޝައުންއަކީ ކޮއްކޮއެއް….ހަމައެކަނި ކޮއްކޮއެއް…" އާއިން އޭނާގެ މޮޔަހިތަށް ވިސްނަދެވޭތޯ އުޅުނެވެ. ކުރިންވެސް އޭނާގެ ހިތަށް ވިސްނަދިން ފަދައިންނެވެ.

އަނެއްކޮޅުން ޝައުންގެ ލޮލުން ކަރުނަ ނުހިކި ރޯންއޮތީ މިރޭ އޭނާއާމެދު ނުވެސްދަންނަ ބީރައްޓެހި ޒުވާނަކު އަމަލުކުރި އަނިޔާވެރިގޮތުން ދެރަވެ ހިތުގައި ޖެހިފައެވެ. އާއިލާގެ އެންމެންގެ ލޯތްބާއި އޯގާތެރިކަމުގެ ހިޔަލުގައި ފަރިވެފޮޅިފައިވާ ނާޒްކް މަލެއްފަދަ އެއަންހެން ކުއްޖާއަށް މީހެއްގެ ފަރާތުން މިފަދަ ކުއްލި ހަމަލާއެއް ލިބުމުން ވާނީވެސް އެހެންނޫން ހެއްޔެވެ؟ އަނިޔާއަށް ހޭނިފައި ނެތް އެހަށިގަނޑުގައި މިއަދު ވޭންއަޅަމުން އެދަނީ އޭނާގެ އެއްވެސް ކުށެއްނެތިއެވެ. އަދްޔަންގެ ނަޒަރުގައި އޭނާގެ އަގެއްނެތުނީ އޭނާއެޅި ހެދުމުން ހެއްޔެވެ؟ އެއީ ކިހާ ބޭއިންސާފު ޖަވާބެއް ހެއްޔެވެ؟ މީހަކު އަޅާ ހެދުމުން އެމީހެއްގެ އިތްފަތްތެރިކަމަށް އަރައިގަތުމަށް ހުއްދަ ލިބޭ ހެއްޔެވެ؟ ވަގުތު އޮއްވައި އާއިން ނައިނަމަ އޭނާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެތައް ދަމެއްވާންދެން ވިސްނުމުގައި އޭނާ އޮތެވެ.

ނުނިމޭ