Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ރައީސް ބައިވެރިވެ ވަޑައިގަންނަވާ ސައިފޮދެއް މާދަމާ ހަވީރު މަރަދޫ ފޭދޫގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވާ ހާއްސަ ސައިފޮދެއް މާދަމާ އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ އައްޑޫ އަށް ވަޑައިގަންނަވާއިރު މި ދަތުރުފުޅާ ގުޅޭގޮތުން އެމްޑީޕީގެ އޮފިޝަލަކު "އައްޑޫ ލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ސޯލިހު އައްޑޫ އަށް ވަޑައިގަންނަވާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ކަމަށެވެ.

އަދި މާދަމާ ހަވީރު 17:30 ގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާ ހާއްސަ ސައިފޮދެއް މަރަދޫ ފޭދޫގައި އޮންނާނެ ކަމަށާއި އަދި މާދަމާ ރޭ 9 ޖަހާއިރު އެމްޑީޕީގެ ހާއްސަ ޖަލްސާއެއް މަރަދޫ ބަނދަރު ސަރަހައްދުގައި އޮންނާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 8:30 ގައި ރައީސް ހުޅުމީދޫ އަށް ވަޑައިގަންނަވާއިރު، އެ ޒިޔާރަތަށްފަހު ރައީސް އެނބުރި ދެން ވަޑައިގަންނަވާނީ ހިތަދޫ އަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން ހޮނިހިރު ދުވަހުގެ މެންދުރު 14:30 ގައި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުން އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ދުވަހުގެ ހަވީރު 16:00 ގައި ހިތަދޫ "އާރިކިޅި" ސަރަހައްދުގައި ރައީސް ބައިވެރިވެވަޑައިގަންނަވާ ހާއްސަ ސައި ފޮދެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ސައިފޮދަށް ފަހު 16:30 ގައި ފޭދޫގައި ކުޅޭ ފުޓްބޯޅަ މެޗެއް ރައީސް ބައްލަވާލައްވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. ރައީސް ސޯލިހު އައްޑޫ އަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާނީ އެ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ސޯލިހާއި ނަޝީދު އައްޑޫ އަށް ވަޑައިގަންނަވާއިރު މާލެ ފިޔަވައި އެމްޑީޕީ އަށް އެންމެ ބޮޑު ތާއީދެއް އޮންނަ އަތޮޅަކީ އައްޑޫއެވެ.