އައްޑޫން މިހާތަނަށް ރައީސަކަށް ނުދަންނަވާ ވަރުގެ ހޫނު މަރުހަބާއެއް ކިއުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމްޑީޕީ އައްޑޫ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ވިދާޅުވެއްޖެއެވެ.
އެޖެންޑާ 19ގައި ހިމެނޭ އައްޑޫ ތަސައްވަރު ލޯންޗުކޮށްދެއްވުމަށް ރައީސް ސޯލިހު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. މި ދަތުރުފުޅިގައި ރައީސް ސޯލިހު އާއި އެކު ރައީސް ނަޝީދު އާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
އަދުހަމް ވިދާޅުވީ މިއަދު ހަވީރު ރައީސް ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް މަރުހަބާ ދެންނެވުމުގެ އިންތިޒާމް ކުރިއަށްދަނީ އައްޑޫގެ ހަތް ދާއިރާ ގުޅިގެން ކަމަށެވެ. އެގޮތުން މިރޭ މަރަދޫ ބަނދަރު ސަރަހައްދުގައި ބާއްވާ ބޮޑު ޖަލްސާއިން ވެސް ތަފާތު ފެނިގެންދާނެކަަމަށެވެ.
އަދުހަމް ވިދާޅުވީ މިރޭގެ ޖަލްސާގެ ޖަލްސާއިން އެމްޑީޕީން މިހާތަނަށް ހެދި އެންމެ ބޮޑު ބެކްޑޮރޮޕު ފެނިގެންދާނެކަމަށެވެ.
ރައީސް ސޯލިހު މިރޭ އެމަނިކުފާންގެ ސަރުކާރުން އައްޑޫ ތަރައްޤީ ކުރުމުގެ މެގަ މަޝްރޫއު އިއްލާންކޮށްދެއްވާނެކަމަށް މައުލޫމާތު ލިބެއެެވެ. އެގޮތުން މި ސަރުކާރުން އައްޑޫގެ ތަރައްޤީއަށް 300 މިލިއަން ޑޮލަރުގެ މަޝްރޫއަކަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމަށް ސަޕޯޓަރުން މެންދުރު 2:30 އިން ފެށިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖަމާވާން ފަށާނެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެއްޓުމަށް ރައީސް ސޯލިހު ވަޑައިގެންނެވި ދަތުރުފުޅާއި ކެމްޕެއިން ނިންމަވާލެއްވުމަށް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް އައްޑޫން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގެން އެމަނިކުފާން އައްޑޫއަށް ވަޑައިގަތުމުންވެސް އައްޑޫ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެެއް ދަންނަވާފައެވެ.