Last Updated: June 9, 17:29
Tuesday, June 9, 2026
ޚަބަރު

އައްޑޫ އާއި ހުވަދޫ އާއި ދެމެދު ހެލިކެޕްޓަރ ދަތުރު ފެށުމަށް ވިސްނަނީ

އައްޑޫ އާއި ހުވަދޫ އާއި ދެމެދު ހެލިކެޕްޓަރގެ ދަތުރު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އައްޑޫގެ ތަސައްވަރު ހުށަހެޅުމަށް ރޭ މާލޭގައި ބޭއްވި ހަފްލާގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ އައްޑޫ އާއި ހުވަދޫ އާއި ދެމެދު ހެލިކެޕްޓަރ ސާވިސް ފެށުމާއި ގުޅޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ގަވާއިދުތަކެއް ހަދަމުން އަންނަ ކަމަށެވެ.

އައްޑޫގެ ތަސައްވުރުގައި ގަމަށް 5 ސަރަހައްދަކުން ޝެޑިއުލް ފްލައިޓު ބޭއްވުމަށް ހިޔާލުކޮށްފައިވާ އިރު ރޭގެ ބައްދަލުވުމަށް ހާޒިރުވި ބައެއް ފަރާތްތަކުން ވަނީ ގަމާއި ހުވަދޫ އާއި ދެމެދު ދަތުރު ކުރެވޭނެ ފަސޭހަ އިންތިޒާމް ތަކެއް ހަމަޖެއްސުމަށް ފެންނަކަމަށް ހިޔާލު ހުށަހަޅާފައެވެ.

އެގޮތުން ދެކުނުގެ ޓޫރިޒަމް ކުރިއެރުވުމަށް ގަމަށް އަންނަ ފަތުރުވެރިން ހުވަދޫގެ ރިސޯޓުތަކަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވަނީ ހިޔާލު ހުށަހަޅާފައެވެ.

ސަރުކާރުން ވަނީ އައްޑޫގެ ތަރައްޤީއަށް 300 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ހިންގުމަށް ބޭނުންވާ ފައިސާ ހޯދަމުން އަންނަ ކަމަށް ބުނެފައެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި ހަމިންބާޑު ހެލިކޮޕްޓަރ ވެއްޓުނު ހާދިސާއަށްފަހު އެ ހިދްމަތް ދީފައި ނުވެއެވެ. އެއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގައި ހިނގާފައިވާ އެންމެ ހިތާމަވެރި ހާދިސާއެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ސަރުކާރުގައިވެސް ހެލިކެޕްޓަރ ސާވިސް ފެށުމާއި ގުޅޭ ގޮތުން ވާހަކަ ދެކެވުނުނެވެ. ނަމަވެސް އެކަން ހަގީގަތަކަށް ވެފައި ނުވެއެވެ.