Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

ހާއްސަ އިނާމަށް ނަން ހުށަހެޅުން 20 އަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވާ ފަރާތްތަކުން ކަމާ ބެހޭ ފޯމް، ހުށަހަޅަން ޖެހޭ އެންމެ ފަހު ވަގުތަކީ، އެ ދުވަހު މެންދުރު ފަހު 3.00 އެވެ.

ޚާއްޞަ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރްޞަތު، ޚާއްޞަ އިނާމާ ބެހޭ ކޮމިޓީން ހުޅުއްވައިލެއްވީ، ހުސްވި މެއި މަހުގެ 9 ވަނަ ދުވަހު އެވެ.

ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖައްސަވާފައި ވަނީ އަންނަނިވި ކަންކަމަށެވެ.

1. މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދުން.
2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ޙާޞިލް ކުރުން.
3. ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.
4. މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލްކުރުން.
5. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން.

މީގެ ތެރެއިން ފުރަތަމަ ގިންތީގައި ހިމެނޭ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދާ ކުދިންނަށް އިނާމު ދެއްވުމުގެ އުޞޫލަށް މިފަހަރު ވަނީ ބަދަލެއް ގެންނަވާފަ އެވެ. އެ ބަދަލަކީ އެއް ކެމްޕަހަށް ވުރެ ގިނަ ކެމްޕަހުގައި، އެއް ކޯހެއް ހިންގާފައިވާ ނަމަ، ކޮންމެ ކެމްޕަހަކުން އެ ކޯހަކުން 1 ވަނަ ހޯދާ ދަރިވަރަކަށް އިނާމު ދެއްވާ ގޮތަށް ހަމަޖެއްސެވި ހަމަޖެއްސެވުމެވެ. މިގޮތުން ވެސް އިނާމު ދެއްވާނީ، ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ ނަމަ އެވެ.

ފަސް ވަނަ ގިންތީގައި ހިމެނޭ ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން އިނާމު ދެއްވުމަށް ހަމަޖެހިފައި ވަނީ ކާބަން ނިއުޓްރަލް ކުރުމުގެ ގޮތުން ތެޔޮ އަންދަން ޖެހޭ މިންވަރު މަދު ކުރުމަށް މަސައްކަތް ކުރާ ރިސޯޓަކަށެވެ.

މި އިނާމަށް ރިޒޯޓެއް ހޮއްވެވުމުގެ ކަންތައް ކުރިއަށް ގެންދަވަނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީއިންނެވެ. މި އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރުޞަތު ވެސް ހަމަވާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.