ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ހުޅުމީދޫއަށް ވަޑައިގެންފިއެވެ. މިއީ އެމަނިކުފާން ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ހުޅުމީދޫއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ހުޅުމީދޫއަށް ރައީސް ސޯލިހު ވަޑައިގަތުމުން ހުޅުމީދޫގެ ގިނަ ބަޔަކުވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް ސޯލިހު އާއި އެކު އެމްޑީޕީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ ދާއިރާތަކަށް ކުރިމަތި ލައްވާ ކެންޑިޑޭޓުން ވަނީ ހުޅުމީދޫއަށް ވަޑައިގެންފައެވެ.
ރައީސް ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ސަރުކާރުން ހުޅުމީދޫގައި ކުރަން ރާވާފައިވާ މަޝްރޫއު ތަކުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރައްވާނެކަމަށް އެމްޑީޕީން ބުނެއެވެ.
ރައީސްގެ ހުޅުމީދޫ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ހިތަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިިވަނީ މެންދުރު 12:30 ގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ހިމެނޭ އައްޑޫ ތަސައްވަރު އިފްތިތާހު ކުރެއްވުމަށް އިއްޔެ ހަވީރު ރައީސް ސޯލިހު އައްޑޫއަށް ވަޑައިގެން ރޭ ވަނީ މަރަދޫގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ރައީސް ވަނީ އައްޑޫގެ ތަރައްޤީއަށް 5.3 ބިލިއަން ރުފިޔާ ހަރަދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އައްޑޫގެ މަގު ހެދުމާއި، އެއާޕޯޓު ތަރައްޤީ އާއި ބިން ހިއްކުން އަދި އެއާޕޯޓު ތަރައްޤީ ކުރުން ހިމެނެއެވެ.