Last Updated: June 9, 17:29
Tuesday, June 9, 2026
ޚަބަރު

ހުޅުދޫ، ގެސްޓު ހައުސް ނަމޫނާ ރަކަށް ހަދާދޭނަން: އިއްލި

ހުޅުދޫގެ ތަރައްޤީގެ ނާރެހަކީ ގެސްޓު ހައުސް ވިޔަފާރިކަމަށާއި، ހުޅުދޫ އަކީ މި ސަރަހައްދުގެ ގެސްޓު ހައުސް ނަމޫނާ ރަށަކަަށް ހަދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ކެންޑިޑޭޓު އިލްޔާސް ލަބީބު (އިއްލިި) ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެކު މިއަދު ހުޅުދޫގައި ބޭއްވި އިއްލީ ކެމްޕެއިން ލޯންޗިން ހަފްލާގައި އިއްލީ ވިދާޅުވީ ހުޅުދޫގެ ވަރަށް ގިނަ ބަޔަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ތިބި ތަޖްރިބާކާރުން ކަމަށެވެ.

އިއްލީ ވިދާޅުވީ ހުޅުދޫގެ ވަރަށް ގިނަ ބަޔަކު ރައީސް ސޯލިހު އާއި ރައިސް ނަޝީދު އާއި އެކު ފަތުރުވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

"އެންމެންގެ ލަފަޔަކީ، އިރުޝާދަކީ، ހުޅުދޫ އެބަވާންޖެހޭ، މުޅި ރާއްޖޭގެ މާފުށީގޮތަށް މުޅި ރާއްޖޭގެ ގެސްޓު ހައުސް ނަމޫނާ ރަށަކަށް އަނެއްްކާވެސް، ދެކުނުގެ ގެސްޓު ހައުސް ނަމޫނާ ރަށަކަށް، އަޅުގަނޑަށް ޔަގީން، އަޅުގަޑު ޝައްކެއް ނުކުރަން ހުޅުދޫގައި އެކަން ކުރެވިގެންދާނެ، މި ފަސް އަހަރަކީ މުޅި ހުޅުދޫގެ އިގްތިސާދު ކުރިއަރައިގެންދާނެ ފަސް އަހަރު"

އިއްލި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނިކުތީ ހަމައެކަނި މަޖްލިސް ގޮޑީގައި އިށީނުމަށް އެކަނި ނޫން ކަމަށާއި، ނިކުންނެވީ ހުޅުދޫ ތަރައްޤީ ކުރުމަށާއި، އައްޑޫ ތަރައްޤީ ކުރުމަށް އަދި މުޅި ރާއްޖެ ތަރައްޤީ ކުރުމަށްކަމަށެވެ. އެގޮތުން އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރަން ހުރި މަސައްކަތަކީ ބޮޑު ބިޔަ މަސައްކަތް ކަމަށާއި އެކަން ހާސިލް ކުރުމަށް އެމަނިކުފާނަށް އެހީތެރިވާނެ ބަޔަކު ތިބެން ޖެހޭ ކަމަށެވެ. އެގޮތުން ހުޅުދޫ ރައްޔިތުންގެ އެހީ އާއި އެކު ރައީސް ސޯލިހުގެ ތަރައްޤީގެ މަސައްކަތުގައި ދެމިހުރުމަށް ފުރުސަތު ދިނުމަށް އިއްލި އެދިވަޑައިގަތެވެ.

އިއްލި އިތުރަށް ވިދާޅުވީ ހުޅުދޫގެ 63 ޕަސެންޓު މީހުން ދިރިއުޅެނީ ރަށުން ބޭރުގައި ކަމަށާއި، ބޭނުންވަނީ އެރައްޔިތުން އެނބުރި ރަށައް އައިސް ކުދިން ސްކޫލަށް ފޮނުވައިގެން ގަމުގެ އެއާޕޯޓުން ރާއްޖޭން ބޭރަށް ދެވޭނެ ގޮތް ހެދުމަށް ކަމަށެވެ. އަދި ހުޅުދޫ އަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖްތަމައެއް އޮތް ޒުވާނުންނަށް އާމްދަނީ ލިބޭ "ފަރިޗާލު" ހުޅުދޫއަކަށް ހެދިގެން ދިއުން ކަމަށެވެ.