ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދެއްވީ ކުލަ އަލި މީހަކަށް ވެގެން ނޫންކަމަށާއި އެމަނިކުފާނަށް ރައްޔިތުން ވޯޓު ދެއްވީ ރިޔާސީ އިންތިހާބުގައިވި ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން އޮތުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓުގައި އަންނަ މަޖްލިސް އިންތިހާބުގައި ވާދަކުރައްވާ އިލްޔާސް ލަބީބުގެ ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައިސް ސޯލިހު ވިދާޅުވީ އެމަނިކުފާނަށް ވޯޓު ދެއްވި ޖުމްހުރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމް އާއި އެނޫންވެސް ރައްޔިތުންގެ މަތިން ހަނދާން ނައްތާނުލައްވާނެކަމަށެވެ.
ސޯލިހު ވިދާޅުވީ އެމަނިކުފާންގެ ސަރުކާރުން ކުރާ އެއްވެސް ކަމަކުން އެއްވެސް ދިވެހި ރައްޔިތަކަށް ގެއްލުމެއް ދެރައެއް ލިބިގެން ނުދާނެކަމަށެވެ.
"… އަޅުގަނޑު މިއަދުވެސް ތިބޭފުޅުންނަށް ހުރިހާ ޕާޓީއެއްގެ ހުރިހާ ބޭފުޅުންނަށް މި ދަންނަވަނީ ތިއިން އެއްވެސް ބޭފުޅަކަށް އަޅުގަނޑުމެން މިކުރާ މަސައްކަތުން ދެރަ ގޮތެއް، ނުވާނެ، އަޅުގަނޑުމެންނާއި އެކީ ތިއްބަވާށޭ"
ރައީސް ވިދާޅުވީ އެމްޑީޕީން ބޭނުންވާ ތަސައްވަރު ވަރަށް ސާފު ފެންނާނެކަމަށާއި އެ ތަސައްވުރަކީ ހުރިހާ ރަށެއް ތަރައްޤީކޮށް މުޅި ރާއްޖެ ތަރައްޤީ ކުރުން ކަމަށެވެ.
"ތިބޭފުޅުން އަޅުގަނޑު ހޮއްވެވީ މާރީތި މީހަކަށް ވެގެންނެއް ނޫން، މާ ކުލަ އަލި މީހަކަށް ވެގެންނެއްވެސް ނޫން، އަލުގަނޑު ތިބޭފުޅުން ހޮއްވެވީ އަޅުނަޑުވީ ވައުދުތަކެއްގެ މައްޗަށް، އަދި އެވައުދުތައް ފުއްދާނެކަމުގެ ޔަގީންކަމެއް ތިބޭފުޅުންގެ އޮތީތީ، ފުރަތަމަ ދުވަހުން ފެށިގެން ވެރިކަމާއި ހަވާލުވީ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު މިދަނީ ކުރަމުން އަދި ކުރިއަށް އޮތީ އެގޮތަށް"
ސޯލިހު ވިދާޅުވީ މި ވައުދުތައް ފުއްދުމަށްޓަކައި މަޖްލިސްގެ ތެރޭގައި އެކަމަށް ތާއިދު ކުރައްވާ މެމްބަރުން ތިބުން މުހިއްމު ކަމަށެވެ. އެގޮތުން ހުޅުދޫ ދާއިރާއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓު އިލްޔާސް އަކީ މުޅި ރާއްޖެ ތަރައްޤީ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅެއް ކަމަށެވެ.