ބިން ހިއްކައިގެން އައްޑޫގައި 17 ކިލޯ މީޓަރުގެ މަގެއް ހެދުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފަރާތުން ރޭ މަރަދޫ ޕާކްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން އައްޑޫގެ ތަރައްޤީ ކުރުމަށް 5.3 ބިލިއަން ރުފިޔާގެ މަޝްރޫއުއެއް ހިންގުމަށް ނިންމާފައިވާ އިރު އޭގެ ތެރޭގައި މުޅިން އަލަށް ބިން ހިއްކައިގެން ހަދާ 17 ކިލޯ މީޓަރު މަގު ހެދުން ހިމެނެއެވެ.
ސަރުކާރުން ވަނީ އައްޑޫގެ 70 ކިލޯ މީޓަރުގެ މަގު ހެދުމަށް މިހާރުވެސް ބަޖެޓުގައި ހިމަނާފައެވެ. އަދި މިއަހަރުގެ ތެރޭ މަގު ހެދުމުގެ މަސައްކަތް ފެށުމަށްވަނީ ނިންމާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރޭ ރައީސް އިއްލާން ކުރެއްވި 17 ކިލޯ މީޓަރުގެ މަގަކީ އަލަށް ބިން ހިއްކާއިރު ހެދިގެންދާ މަގުތައް ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހޫދު ނުދެއްވައެވެ.
ރައީސް ސޯލިހު ރޭ ވަނީ އައްޑޫގައި މެގަ ޕްރޮޖެކްޓުތަކެއް ހިންގެވުމަށް ނިންމަވާފައިވާކަން އިއްލާން ކުރައްވާފައެވެ. މި މެގަ ޕްރޮޖެކްޓުގެ ތެރޭގައި ބިން ހިއްކައި ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި ޓްރާންޝިޕްމެންޓު ބަނދަރާއި ގަން އެއާޕޯޓު ތަރައްޤީ އާއި ސިޓީ ހޮޓަލާއި، ގެސްޓު ހައުސް ހިމެނެއެވެ.