Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ވީހާލެއްގައި ވެގެންވެސް ރައީސް ސޯލިހުގެ ސަރުކާރު ދިފާއު ކުރާނަން: ޑރ. ހުސެއިން

ޑރ. ހުސެއިން ރަޝީދު ހަސަން، ފޮޓޯ: ރާއްޖެއެމްވީ

ވީހާލެއްގައި ވެގެންވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދިފާއު ކުރައްވާނެކަމަށް ޖުމްހުރީ ޕާޓީގެ ކުރީގެ އެކްޓިން ލީޑަރު، އަދި އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެެއްގައި ލ. ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަން މިހާރު ރޫޅިފައިވާ ކަމަށެވެ. އަދި ޖޭޕީ އާއި ޕީޕީއެމް/ޕީއެންސީން ކޯލިޝަން ހަދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި ވާހަކަތައް ޖޭޕީގެ ލީޑަރ ގާސިމް ރޭ ވަނީ ދޮގު ކުރައްވާފައެވެ.

އަބްދުއްރަހީމު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ، އަބްދުއް ރަހީމަށް ތިގޮތަށް ގަބޫލު ކުރެވުނަސް މާތްﷲގެ އިރާދަފުޅާ އެކު ސަރުކާރު ހިންގާ ކޯލިޝަން ރޫޅިގެން ނުދާނެ ކަމަށެވެ. އަދި "ވީހާލެއްގައި ވެގެންވެސް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދިފާއު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ޖޭޕީގެ ހަގީގީ މެމްބަރަކު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ މެމްބަރަކަށް ވޯޓެއް ނުދޭނެ ކަމަށްވެސް އޭނާގެ ޓްވީޓުގައި ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީއަށް ތާއިދު ކުރުމަށް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ނިންމެވި ނަމަވެސް ހުސެއިން ވިދާޅުވީ ސަރުކާރު ކޯލިޝަން ދެމި އެބައޮތް ކަމަށާއި ރައީސް ސޯލިހުގެ ވެރިކަން ދިފާއު ކުރައްވާނެކަމަށެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓުންގެ ތެރެއިން 32 ކެންޑިޑޭޓުންނަށް ތާއީދު ކުރަން ޖޭޕީއިން ނިންމާފައިވާ އިރު އެ ކޯލިޝަނުން ވަނީ ޖޭޕީގެ 27 ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފަ އެވެ.