Last Updated: May 4, 06:00
Saturday, May 4, 2024
ކުޅިވަރު

ސްޓާލިންގެ ހެޓްރިކާއެކު ސިޓީ އަށް ހަތަރު ޕޮއިންޓްގެ ލީޑެއް

ރޭގެ މެޗުގައި ސިޓީގެ ރަހީމް ސްޓާލިން (ކ) އަތުން ބޯޅަ ހޯދަން ވަޓްފޯޑްގެ ކުޅުންތެރިއެއް މަސައްކަތްކުރަނީ. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގެ 13 މިނެޓުގެތެރޭގައި ރަހީމް ސްޓާލިން ކާމިޔާބުކުރި ހެޓްރިކާއެކު ވަޓްފޯޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ސިޓީން މި މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.

ސިޓީ އެއްވަނައިގައި އޮތީ 30 މެޗުން 74 ޕޮއިންޓާ އެކު އެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް ލިވަޕޫލަށް 70 ޕޮއިންޓް ލިބިފައިވާއިރު އޭގެ 9 ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 58 ޕޮއިންޓެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެން ނިމުނުއިރު މި ހާފުގައި ލަނޑުޖެހުމަށް ސިޓީގެ ޑޭވިޑް ސިލްވާ އާއި ސާޖިއޯ އަގުއޭރޯގެ އިތުރުން ރިޔާދް މާރޭޒަށް ވަނީ ރަނގަޅު ފުރުޞަތުތައްލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފު ފެށިތާ 40 ސިކުންތުގެ ތެރޭގައި ސިޓީ އަށް ލީޑް ނަގައިދިނީ ސްޓާލިން އެވެ. މިއީ އެ ޓީމުގެ އާޖެންޓީނާ ފޯވާޑް އަގުއޭރޯ ދިން ޕާހެއް ވަޓްފޯޑްގެ ޑަރީލް ޔަންމާތު ދިފާއުކުރަން އުޅުމުގެ ތެރޭގައި ސްޓާލިން ގެ ގައިގަ ޖެހިފައި ވަން ގޯލެކެވެ.

އޭގެ ހަތަރު މިނެޓުފަހުން، ސިޓީގެ ދެވަނަ ލަނޑުޖަހައިދިނީވެސް ސްޓާލިން އެވެ. މިއީ އެ ޓީމުގެ މާރޭޒް ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ވަޓްފޯޑްއާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ރޮއިޓާސް

އޭގެފަހުން، މެޗުގެ 59 ވަނަ މިނެޓުގައި ސިޓީގެ ސިލްވާ ދިން ޕާހަކުން ސްޓާލިން ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 15 ވަނަ ގޯލެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ވަޓްފޯޑުން ފަރަގު ކުޑަކުރިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި ހާފުގައި ކުޅެން ނިކުތް ޖެރާޑް ޑެލޮފެއޫ އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ޓްރޯއީ ޑީނޭ ބޮލުން ޖައްސާލި ޕާހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ރޭގެ ނަތީޖާއާއެކު ވަޓްފޯޑް އަދިވެސް އޮތީ ތާވަލްގެ 8 ވަނައިގައެވެ. އެއީ 30 މެޗުން 43 ޕޮއިންޓް ހަމަކޮށްގެންނެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި، ޓޮޓެންހަމް އަތުން 2-1 އިން ސައުތުހެމްޕްޓަން ވަނީ މޮޅުވެފައެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އެ ޓީމަށް ލީޑް ނަގައިދީފައިވަނިކޮށް ދެވަނަ ހާފުގައި ސައުތުހެމްޕްޓަނުން ވަނީ ދެލަނޑުޖަހާފައެވެ. ޔާން ވަލޭރީ އެ ޓީމަށް އެއްވަރުކޮށްދިންއިރު ސައުތުހެމްޕްޓަން މޮޅުވި ލަނޑުޖަހައިދިނީ ލިބުނު ހިލޭޖެހުމަކުން ޖޭމްސް ވޯޑް-ޕްރައުސް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ކްރިސްޓަލް ޕެލަސް އަތުން 2-1 އިން ބްރައިޓަން ހޯވް އެންޑް އެލްބިއަން މޮޅުވިއިރު ލެސްޓާ ސިޓީ ވަނީ 3-1 އިން ފުލަމް ބަލިކޮށްފައެވެ. ވެސްޓްހޭމް ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގައި 2-0 އިން ކާޑިފް ސިޓީ މޮޅުވިއިރު ރަށުންބޭރުގައި ހަޑަސްފީލްޑް ޓައުން އަތުން ބޯންމައުތު މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ. މީގެއިތުރުން، ނިއުކާސަލް ޔުނައިޓެޑް ވަނީ 3-2 އިން އެވަޓަން ބަލިކޮށްފައެވެ.