Last Updated: May 4, 08:52
Saturday, May 4, 2024
ކުޅިވަރު

ބާސާ އިން ލީޑް ދެމެހެއްޓިއިރު އެތުލެޓިކޯ އަށް އުނދަގޫ މޮޅެއް

ރޭގެ މެޗުގައި ރަޔޯ ކޮޅަށް ލަނޑުޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯ އަތުން 3-1 އިން ބާސެލޯނާ މޮޅުވެ ހަތް ޕޮއިންޓްގެ ލީޑް ދެމެހެއްޓިއިރު ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ލެގަނޭސް އަތުން އުނދަގޫ މޮޅެއް ހޯދައިފައެވެ.

ރޭގެ ނަތީޖާއާއެކު ބާސެލޯނާ އަށް 27 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އެތުލެޓިކޯ އަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް 26 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު އޭގެ ތިން ޕޮއިންތް ފަހަތުން ހަތަރުވަނައިގައި އޮތީ ގެޓަފޭ އެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ގައި ރޭ ކުޅުނު މެޗުގައި ގިނަ ބަޔަކު ހީކުރިގޮތާއި ހިލާފަށް ކުރީން ލީޑް ނެގީ ރަޔޯ އިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި މިލަނޑު އެ ޓީމަށް ޖަހައިދިނީ ރެއާލުން ލޯން އެއްބަސްވުމެއްގެ ދަށުން ރަޔޯ އަށް ކުޅެމުން އަންނަ ރައުލް ޑެ ތޯމަސް އެވެ. މިއީ ބާސެލޯނާގެ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ހަމަލާއަކުން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖެރަޑް ޕީކޭ އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ނަގައިދިން ހިލޭޖެހުމަކުން ޕީކޭ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ބާސެލޯނާ އިން މި ލަނޑުޖެހުމުގެކުރީން ޕީކޭ އާއި ފިލިއްޕޭ ކުޓީނިއޯގެ އިތުރުން މެސީ އަށް ވަނީ އެ ޓީމަށް ލަނޑުޖަހައިދިނުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ރަޔޯއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަ މިނެޓުގެތެރޭގައި ބާސެލޯނާ އަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން މެސީ އެވެ. މިއީ އެ ޓީމުގެ ފުލްބެކް ނެލްސަން ސެމޭޑޯ އަށް ރަޔޯގެ ޖޯޑީ އަމަތު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ ލީގުގައި މެސީ ކާމިޔާބުކުރި 25 ވަނަ ގޯލެވެ.

ބާސެލޯނާ އިން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު، މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް އިވާން ރަކިޓިޗް ދިން ބޯޅައަކުން ޖަހައިދިނީ ލުއިސް ސުއަރޭޒް އެވެ.

މި މެޗާއެކު ރަޔޯ ވަނީ ބާސެލޯނާއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 12 މެޗުންވެސް ބަލިވެފައެވެ. އެ ޓީމު އޮތީ 23 ޕޮއިންޓާއެކު ތާވަލްގެ ފުލުން ދެވަނައިގައެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި، އެތުލެޓިކޯ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ލެގަނޭސް އަތުން މޮޅުވެފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ސައުލް ނިގުއޭޒް އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، ސެވިއްޔާއާ ރެއާލް ސޮސިއެޑާޑް ބައްދަލުކުރާ މެޗުގެ އިތުރުން ވަލަޑޮލިޑާ ދެކޮޅަށް ރެއާލް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.