Last Updated: August 21, 13:38
Thursday, August 21, 2025
ޚަބަރު

އަލީ ވަހީދުގެ ނިންމުމަށް މައުމޫން ތައުރީފު ކުރައްވައިފި

މައުމޫން އާއި އަލީ ވަހީދު މިއަދު ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (މައުމޫން)

ސަރުކާރު ކޯލިޝަން ދޫކޮށްލުމަށްފަހު އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝުކުރު އަދާކުރައްވައިފިއެވެ.

އަލީ ވަހީދަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ މެމްބަރެއް ކަމަށްވާއިރު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޖޭޕީން ވަނީ އިދިކޮޅު ޕީޕީއެމް އަދި ކޮންގްރެސް ޕާޓީއާ ގުޅިގެން ވާދަކުރުމަށް ނިންމާފައެވެ.

ނަމަވެސް އެ ނިންމެވުމާ ދެކޮޅު ހައްދަވާކަން ހާމަކުރައްވައި ޖޭޕީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާހީ މަސައްކަތުގައި ގުރުބާންވި މީހުން ދޫކޮށް، ޕީޕީއެމް/ޕީއެންސީ ފިކުރަށް ނުދާނެ ކަމަށާއި އަދި ސަރުކާރު ދިފާއުކުރާނެ ކަމަށެވެ.

އަލީ ވަހީދުގެ އެ ޓްވީޓާ ގުޅިގެން މައުމޫން ވަނީ އޭނާ އަށް ޝުކުރު އަދާކޮށް ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަލީ ވަހީދުގެ އިތުރުން ޖޭޕީގެ އެ ނިންމުމަށް އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވެސް ވަނީ ދެކޮޅު ހައްދަވާފައެވެ. އޭނާ އަކީ ޖޭޕީގެ ޑެޕިއުޓީ ލީޑަރެވެ.

ޕީޕީއެމް/ޕީއެންސީއަށް ތާއިދު ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ނިންމެވި ނަމަވެސް ހުސެއިން ވިދާޅުވީ ސަރުކާރު ކޯލިޝަން ދެމި އެބައޮތް ކަމަށާއި ރައީސް ސޯލިހުގެ ވެރިކަން ދިފާއު ކުރައްވާނެ ކަމަށެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓުންގެ ތެރެއިން 32 ކެންޑިޑޭޓުންނަށް ތާއީދު ކުރަން ޖޭޕީއިން ނިންމާފައިވާ އިރު އެ ކޯލިޝަނުން ވަނީ ޖޭޕީގެ 27 ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފަ އެވެ.