ޖުމްހޫރީ ޕާޓީން އެދުނު ވަޒީފާތަށް ބައެއް މީހުންނަށް އަދިވެސް ނުލިބޭ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރު ކޯލިޝަނުން ހަދާފައިވާ އެއްބަސްވުމާ ހިލާފަށް ކަންކަން ކުރެވުނީ ކޮން ބަޔަކަށްތޯ ބަލާލަންޖެހޭ ކަމަށާއި އެގޮތުން ޖޭޕީން އެދުނު ވަޒީފާތަށް ބައެއް މީހުންނަށް ތަފާތު އެކި ދިމާލުން އަދިވެސް ނުލިބޭ ކަމަށެވެ.
އަދި ކޯލިޝަން އެއްބަސްވުމެއް އޮތީ ހަމައެކަނި ސަރުކާރު ގެނައުމުގައި ކަމަށް އެމްޑީޕީން މިހާރު ބުނާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"މިއަދުވެސް އަޅުގަނޑުމެން އެދުނު ވަޒީފާތަށް އެތަށް ބަޔަކަށް އެބަތިބި ނުލިބި ބައިވަރު ދިމަ ދިމާލުން. ދެން ބައެއް ފަހަރަށް އެ ބޭފުޅުން ވިދާޅުވި ސަރުކާރު ގެނައުމުގައޭ އެއްބަސްވުމެއް އޮތީ. ރައްޔިތުންގެ މަޖިލީހުގައި ނެތޭ. ކައުންސިލްގައި އިންތިހާބުގައި ނެތޭ އެއްބަސްވުމެއް. އެއްބަސްވުމެއް ނެތްތޯ؟" އެއްބަސްވުން މީޑިޔާތަކަށް ރޭ ދައްކަވަމުން ގާސިމް ވިދާޅުވިއެވެ.
ޖޭޕީން އެދުނު ވަޒީފާތަށް ބައެއް ފަރާތްތަކަށް ނުލިބޭ ކަމަށް ގާސިމް ވިދާޅުވިއިރު، މި ސަރުކާރުގެ ކެބިނެޓުގައި އެ ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ފަސް ބޭފުޅުން ތިއްބަވައެވެ. މީގެއިތުރުން މިނިސްޓްރީތަކުގެ ތަފާތު އެކި ފެންވަރުގެ މަގާމުތައް މިހާތަނަށް ވެސް ޖޭޕީގެ ގިނަ ބަޔަކަށް ދީފައިވެއެވެ.
މީގެއިތުރުން ގާސިމް ރޭ ވަނީ އިދިކޮޅު ޕީޕީއެމް އަދި ކޮންގްރެސް ޕާޓީއާ ގުޅެން ޖެހުނީ ސަރުކާރު ކޯލިޝަނާއެކު ހަދާފައިވާ އެއްބަސްވުމާ އެމްޑީޕީން ހިލާފުވެ އެ ޕާޓީ އަށް ލިބެންޖެހޭ ގޮނޑިތައް ދިނުމަށް ދެކޮޅު ހެދުމުން ދެ އަތް އުރާލައިގެން ތިބެން ބޭނުން ނުވާތީ ކަމަށްވެސް ވިދާޅުވެފައެވެ.
"މީގެކުރިން ވެސް ބުނިން މަގު މައްޗަށް ނެރެ އެއްލާލީމާ އަޅުގަނޑުމެން ޖެހޭނީ ސަލާންޖަހަން ނާށިގަނޑު ހިފައިގެން ދާށޭ. އެ ނާށިގަނޑަށް ބައި ރުފިޔާ ފޮއްޗެއް ވައްޓާލި މީހަކު ވެސް ބަލައިގަންނަން ޖެހޭނެ" ގާސިމް ވިދާޅުވިއެވެ.