Last Updated: May 1, 17:34
Thursday, May 1, 2025
ދުނިޔެ

އިންޑިއާގެ އާންމު އިންތިޚާބު އޭޕްރީލް 11 އިން މެއި 19 އަށް ބާއްވަން ނިންމައިފި

ލޯކް ސަބާގެ ބައްދަލުވުމެއް ކުރިއަށްދަނީ - ފޮޓޯ: ގޫގުލް

އިންޑިއާގެ ޤައުމީ އާންމު އިންތިޚާބު އަންނަ މަހުގެ ތެރޭގައި ފެށުމަށް އެ ޤައުމުގެ އިލެކްޝަންސް ކޮމިޝަން އިން ނިންމައިފި އެވެ.

އިންޑިއާގެ އިންތިޚާބާއި ބެހޭ ކޮމިޝަން އިން މިއަދު ހާމަކުރި ގޮތުގައި އާންމު އިންތިޚާބު ފެށޭނީ އޭޕްރީލް 11 ގައި ކަމަށާއި އިންތިޚާބުގެ ނަތީޖާ މެއި މަހުގެ 23 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި ވޯޓުލުން އޮންނާނީ އޭޕްރީލް 11، އޭޕްރީލް 19، އޭޕްރީލް 23، އޭޕްރީލް 29، މެއި 06ގެ އިތުރުން މެއި 12 އަދި މެއި 19 ގައެވެ.

މީގެ އިތުރުން އިންޑިއާގެ ހަތަރު ސްޓޭޓެއް ކަމުގައިވާ އަންދްރަ ޕްރަދޭޝް އާއި ސިއްކިމް އަދި އަރޫނަޗަލް ޕްރަދޭޝް އާއި އޮޑިޝާގައި ވެސް އިންތިޚާބުތައް އޮންނާނެ އެވެ. މިއާއެކު ތިރީ މަޖިލިސް ކަމުގައިވާ ލޯކް ސަބާގެ ވޯޓުލުން ވެސް ތާވަލާއި އެއްގޮތަށް ކުރިއަށްދާނެ އެވެ.

ނިއު ދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޗީފް އިލެކްޝަން ކޮމިޝަނަރ ސުނީލް އަރޯރާ ވިދާޅުވީ 2019 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި ވޯޓުލުމަށް ގާތްގަނޑަކަށް 900 މިލިއަން ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި އުމުރުން 18 އަހަރާއި 19 އަހަރާއި ދެމެދު އަލަށް ވޯޓުލާ 1.5 ކްރޯޑް މީހުން ހިމެނޭ ކަމަށެވެ.

މި އަހަރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދަކީ 2014 ވަނަ އަހަރުގެ ލޯކް ސަބާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވި މީހުންގެ އަދަދަށްވުރެ 84.3 މިލިއަން ބޮޑު އަދަދެކެވެ. މި ފަހަރުގެ އިންތިޚާބުގެ 10 ލައްކަ ވޯޓުފޮށި ބަހައްޓާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަން އިން ބުނެއެވެ.

މީގެ އިތުރުން، އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރުގެ އިންތިޚާބުގައި އަލަށް ކެންޑިޑޭޓުންގެ ފޮޓޯތަކާއެކު ޕާޓީގެ ނަމާއި ލޯގޯ ވެސް ވޯޓިން މެޝިންތަކުގައި ޑިސްޕްލޭކޮށްފައި ހުންނާނެ އެވެ.

މިހާރު އޮތް ލޯކް ސަބާގެ ދައުރު ހަމަވާނީ އަންނަ ޖޫން މަހުގެ 03 ވަނަ ދުވަހު އެވެ.