ރައްޔިތުންނަށްޓަކާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވަމުންދަނީ ބޮޑު ގުރުބާނީއެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އަދި ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ގާސިމް މިއަދު ރައްޔިތުންނަށްޓަކާ ވަމުންދަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށާއި ހަގީގަތުގައި ގާސިމް ކުރައްވާ މަސައްކަތަކީ ސަރުކާރު ކޯލިޝަން ދެމެހެއްޓުން ކަމަށެވެ.
"ހަގީގަތުގައި ގާސިމް އެ ކުރައްވާ މަސައްކަތަކީ ކޯލިޝަން ދެމެހެއްޓުމާއި، ރައީސްކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ކުރިއަށް އޮތް ފަސް އަހަރަށް ދިފާއުކުރުމުގެ މަސައްކަތް. ކަމަރު ބަނދެގެން އެ ހުންނެވީ އެކަމުގައި" ގާސިމަށް ތައުރީފު ކުރައްވަމުން ނިހާން ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ވެރިކަން ފަސް އަހަރު ދުވަހަށް ބޭއްވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅު ނުވާ ކަމަށާއި އެގޮތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިއްޖެނަމަ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ނަޝީދު ބަދަލުކުރައްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެކަން އެގޮތަށް އޮތުމުން ގާސިމް މެންފަދަ ބޭފުޅުން މިއަދު މަސައްކަތް ކުރައްވަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރުގެ އަތުގައި ބޭއްވުމުގެ ބަދަލުގައި ރައްޔިތުންގެ އަތުގައި ބޭއްވުމަށް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި ޕީޕީއެމް އާއި ކޮންގްރެސް ޕާޓީއާ ގުޅިގެން ކުރިއަށްދާން ޖުމްހޫރީ ޕާޓީން ނިންމުމުން އެމްޑީޕީން އަންނަނީ ގާސިމް އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ގާސިމް ރޭ ވަނީ އިދިކޮޅު ޕާޓީތަކާ ގުޅެން ޖެހުނީ ސަރުކާރު ކޯލިޝަނާއެކު ހަދާފައިވާ އެއްބަސްވުމާ އެމްޑީޕީން ހިލާފުވެ އެ ޕާޓީ އަށް ލިބެންޖެހޭ ގޮނޑިތައް ދިނުމަށް ދެކޮޅު ހެދުމުން ދެ އަތް އުރާލައިގެން ތިބެން ބޭނުން ނުވާތީ ކަމަށް ވިދާޅުވެފައެވެ.