Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުން ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ޖަލު ބަންދުގައި ބެހެއްޓުމަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ހުށައެޅުމުން އެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ހައިކޯޓުން ތައްޔާރުވެއްޖެއެވެ.

ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުން، ކޯޓުން ވަނީ ދައުލަތާ އެއްކޮޅަށް ހުކުމްކޮށްފައެވެ.

ޔާމީންގެ ފަރާތުން މައްސަލަ އިސްތިއުނާފް ކޮށްފައިވާއިރު ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ބުރަކަށީގައި ރިއްސާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދައުލަތުން ވަނީ މައްސަލައިގެ ހެކި ނައްތަން މަސައްކަތް ކޮށްފާނެ ކަމަށްބުނެ ޝަރީއަތަށް ހެކިވެސް ހުށައަޅާފައެވެ.

މައްސަލަ ބެއްލެވި ގާޒީ ހައިލަމް ވަނީ ދައުލަތުގެ ހެކިތަކަށް ރިއާޔަތްކޮށް ޔާމީން ޖަލުގައި ބަންދުކުރުމަށް ހުކުމް ކޮށްފައެވެ. މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ޔާމީން ބަންދުކޮށްފައިވާއިރު މިހާތަނަށް އެމަނިކުފާނު ވަނީ ތިން ފަހަރު މަތިން ހޮސްޕިޓަލަށް ގެނެސްފައެވެ.