Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

ފުލުހަކަށް މަރުގެ އިންޒާރު ދީގެން ހަ މަހަށް ޖަލަށް!

ފޭދޫ. މަރަަދޫފޭދޫ އަދި މަރަދޫ ކޯޓް ހިންގާ އިމާރާތް. ޝަރުއީ ނިޒާމްގައި މައްސަލަތައް ހުރިކަމަށް ގިނަ ބަޔަކު ޤަބޫލު ކުރޭ.ފޮޓޯ/ އައްޑޫ ލައިވް

އައްޑޫގައި ފުލުހަކަށް މަރުގެ އިންޒާރު ދިން މީހަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފޭދޫ މެޖިސްޓްރޭޓް ކޯޓް ތެރޭގައި ސެޕްޓެމްބަރު 22، 2011 ވަނަ ދުވަހު "ތި ގޮތަށް ކަންތައް ކުރެވޭނީ މިއަދު އެކަނި ކަމަށާއި އަތުގައި ޖެހުނު ދުވަހަކުން ތިޅ މަރާލާނެ" ކަމަށް ބުނެ އިންޒާރު ދީގެން ހަ މަހަށް ޖަލަށް ލާން ހުކުމް ކުރީ މަރަދޫ ބަގީޗާގެ އަހުމަދު ޝުރާއު، 30، އެވެ.

މި މައްސަލަ ކޯޓަށް ފޮނުވާފައި ވަނީ ޖުލައި 4، 2012 ގަ އެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ނިންމައި، މަރަދޫ މެޖިސްޓްރޭޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ޕޮލިސް ލާންސް ކޯޕްރަލް ހާދީ އަހުމަދު އާ ދިމާއަށް އެ އިބާރާތުން ޝުރާއު އިންޒާރު ދިން ކަމަށް، އޭނާ ޝަރީއަތުގައި އިންކާރު ކުރި ނަމަވެސް އެ ދުވަހު ކުށްވެރިންތަކެއްގެ ބަންދުގެ މުއްދަތާ މެދު ގޮތެެއް ނިންމުމަށް ކޯޓަށް ދިޔަ ފުލުުންގެ ތެރޭގައި ހިމެނޭ ގދ. ތިނަދޫ ބިންމަތީގޭ އަހުމަދު ލަތީފް އާއި މއ. އާހިޔާވިލާ ހަސަން އަޔާޒުގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ.

ޝުރާއުއަކީ މީގެ ކުރިން ވެސް މާރާމާރީގެ ރެކޯޑްތަކެއް އޮތް އަދި ފުލުހުންނަށް ބިރު ދައްކައި އިންޒާރު ދިނުމުގެ ތަފާތު ރެކޯޑްތަކެއް ވެސް އޮތް މީހެކެވެ.

އެގޮތުން އޭނާ ކުރިން ވަޒީފާ އަދާ ކުރި ރިސޯޓެއްގެ މުވައްޒަފަކަށް މީހަކު މަރާލެވިދާ ފަދަ ތޫނު އެއްޗަކާ އެކު 2009 ވަނަ އަހަރު ހަމަލާ ދީގެން 2010 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ޝުރާއު އެއް އަހަރާ ހަ މަސް ދުވަހަށް އަރުވާލުމަށް ވެސް ހުކުމްކޮށްފަ އެވެ.