Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

އިޓަލީގައި ވެކްސިން ނުޖަހާ ކުދިން ސްކޫލަށް ހާޒިރުވުން މަނާކޮށްފި

އާ ޤާނޫނުގެ ދަށުން 10 ވެކްސިނެއް މަޖުބޫރުކޮށްފައިވޭ - ފޮޓޯ: ގެޓީ އިމޭޖެސް

ރަނގަޅަށް ވެކްސިން ޖަހާފައިވާކަން ސާބިތުކޮށް ނުދެވޭނަމަ، ސްކޫލަށް ހާޒިރުނުވުމަށް އިޓަލީގެ ދަރިވަރުންނަށް އަންގައިފި އެވެ.

މިގޮތަށް އަންގާފައި މިވަނީ ވެކްސިން ޖެހުން މަޖުބޫރުކުރުމާއި ގުޅޭގޮތުން ޤައުމީ ފެންވަރުގައި ބަހުސްކުރާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

ވެކްސިން ނުޖަހާ ދަރިވަރުން ސްކޫލަށް ފޮނުވައިފިނަމަ، ބެލެނިވެރިންނަށް 500 ޔޫރޯ (560 ޑޮލަރު)ގެ ޖޫރިމަނާއެއް އަންނާނެ އެވެ. އަދި ހަ އަހަރުން ދަށުގެ ކުޑަކުދިން ސްކޫލަށް ވަނުމުން މަނާކުރެވޭނެ އެވެ.

އާ ޤާނޫނު އައިސްފައި މިވަނީ މީސަލްސްގެ މައްސަލަތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް އިޓަލީގެ އޮފިޝަލުން ބުނާ ގޮތުގައި ޤާނޫނު ތަޢާރަފްކުރުމާއެކު ވެކްސިން ޖަހާ ރޭޓުތައް ރަނގަޅުވެފައިވާ ކަމަށެވެ.

އިޓަލީގެ "ލޮރެންޒިން" ޤާނޫނުގެ ދަށުން ސްކޫލަށް ވަނުމުގެ ކުރިން ފާނަބަސަންދު، ޕޯލިއޯ، މީސަލްސްސް، މަމްޕްސް އަދި ރުބެއްލާ ފަދަ މަޖުބޫރު ވެކްސިންތައް ކުދިން ޖަހަން ޖެހޭނެ އެވެ. އާ ޤާނޫނަށް އެ ނަން ދީފައިވަނީ އެ ޤާނޫނު ތަޢާރަފްކުރި ކުރީގެ ހެލްތު މިނިސްޓަރު ކަމުގައިވާ ބިއެޓްރިސް ލޮރެންޒިންގެ ނަމުންނެވެ.

އާ ޤަވާއިދުތަކުގެ ދަށުން، ވެކްސިން ޖެހިކަމުގެ ހެކި ނުދައްކާނަމަ އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނަށް ނާސަރީ އާއި ކިންޑާގާޓެން އަކަށް ނުވަދެވޭނެ އެވެ.

އަދި ހަ އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް ސްކޫލަށް ހާޒިރުވުން މަނާކުރެވޭނެ އެވެ. އަދި މަޖުބޫރު ވެކްސިން ޑޯޒްތައް ނުޖަހާނަމަ، އެކުދިންގެ މައިންބަފައިން، ޖޫރިމަނާ އާއި ކުރިމަތިލާން ޖެހޭނެ އެވެ.

ވެކްސިން ޑޮކިއުމެންޓްތައް އާނުކުރުމާއި ގުޅިގެން ބޮލޯނާ ސިޓީގައި 5،000 ދަރިވަރުންނާއި ގާތްގަނޑަކަށް 300 ދަރިވަރުންގެ ބެލެނިވެރިންނަށް ލޯކަލް އޮތޯރިޓީ އިން ވަނީ ސަސްޕެންޑްކޮށްފައިވާ ކަމަށްބުނެ ސިޓީ ފޮނުވާފައެވެ.

އެހެން ހިސާބުތަކުގައި މިފަދަ މައްސަލަތައް އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.