Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

ސީރިޔާއަށް ދިޔަ އައްޑޫ ދެ އަންހެނަކާއި ދެ ކުޑަކުއްޖަކު ނިޔާވެއްޖެ

ޖިހާދަށް ކަމަށް ބުނެ ސީރިއާއަށް ދިޔަ ދިވެއްސަކު ހަނގުރާމަިއގެ ތަމްރީން ހޯދަނީ

ސީރިއާގައި ތިބި އައްޑޫގެ ދެ އަންހެނަކާއި ދެ ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަހުގެ 11 ވަނަ ދުވަހު ނިޔާވެފައިވަނީ ސ. ހިތަދޫ އަންހެނަކާއި ސ. މަރަދޫ އަންހެނަކާއި އޭނާގެ ދެކުދިންނެވެ. މީގެ އިތުރުން މަރުވި ހިތަދޫ އަންހެން މީހާގެ ކުޑަ ދެކުދިންގެ ހަބަރެއް ނުވާތީ އެމީހުން އެ ހާދިސާގައި މަރުވިކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ. މި އާއިލާތަކަކީ ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވުމަށް އެމީހުންގެ ފިރިންނާއި އެކު އެގައުމަށް ގޮސްފައިތިބި ބައެކެވެ.

އެނގިފައިވާ ގޮތުގައި އެމީހުންގެ ފިރިން ވަނީ މީގެ ކުރިން ސީރިއާ ހަނގުރާމާގައި ނިޔާވެފައެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވާ ދެ އަންހެނުންނާއި ކުދިންނަކީ ރާއްޖެ އައުމަށް މަސައްކަތް ކުރަމުން ދިޔަ ބައެެކެވެ. އެމީހުން ނިޔާވެފައިވަނީ ސީރިއާގައި އެމީހުން ތިބި ސަރަހައްދަށް އަމާޒު ކުރެވުނު ހަމަލާ ތަކެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. މި ސަރަހައްދުގައި އިތުރު ދިވެހިން ތިބި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު މީގެ ކުރިން ވަނީ ސީރިއާ ހަނގުރާމާގައި ބައިވެރިވުމަށް ގައުމު ދޫކޮށް ގޮސްފައެވެ. މި މީހުންގެ ތެރޭގައި ބައެއް އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ދާދި ފަހުން ނެޝަނަލް ކައުންޓާ ޓެރަރިޒަމްގެ ފަރާތުން ބުނެފައިވަނީ ސީރިއާ ހަނގުރާމައަށް ގޮސްފައިވާ ބައެއް ފަރާތްތަކުން ރާއްޖެ އައުމަށް އެދެމުންދާ ކަމަށާއި، ނަމަވެސް އެމީހުން ރާއްޖެ ގެނައުމުގައި ދަތިތަކެއް ހުރިކަމަށެވެ. އެއީ އޭގެ ތެރެއިން ގިނަ މީހުންގެ އަތުގައި ޕާސްޕޯޓު ނެތުމާއި ކޮން ގައުމެއްގެ ބަޔަކު ކަން ސާބިތު ކުރެވޭނެ ލިޔުން ނެތުމުގެ އިތުރުން އެގައުމުގައި ތިބި ބައެއް މީހުންނަށް ކުދިން ލިބިފައިވުމުން އެކުދިންނާއި އެކު އެމީހުން ރާއްޖެ ގެނައުމަށް ދަތިތަކެއް ހުރި ކަމަށެވެ.