ހުޅުމީދޫން ގޯތި ހޯދުމަށް ހުށަހެޅި ފަރާތްތައް އިވެލުއޭޓްކޮށް ގުރުއަތަށް ހޮވުނު ފަރާތަކުގެ މެދުގައި ގުރުއަތުލުން މިއަދު ބޭއްވުމަށްފަހު އިތުރު 100 ގޯތި ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލްގެ އިންފްރާސްޓްރަކްޗަ ޑިޕާޓްމަންޓުން މިއަދު ނެރުނު އިއްލާންގައިވާ ގޮތުން ހުޅުމީދޫން 2000 އަކަ ފޫޓްގެ 100 ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ކައުންސިލުން ބުނީ ހުޅުމީދޫން އަލަށް ދޫކުރަން ނިންމި ގޯތިތަކަށް ކުރިމަތި ލެވޭނީ ހަ ޝަރުތެއް ފުރިހަމަވާ ފަރާތްތަކަށް ކަމަށެވެ.
މި ފަހަރު ގޯތި ދޫކުރަން ނިންމީ ހުޅުމީދޫގެ ހަތަރު ސަރަހައްދަކުންނެވެ. ހުޅުމީދޫން މިދިޔަ އަހަރު ދޫކުރަން ނިންމި 100 ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން 73 މީހަކު ޝަރުތު ހަމަވެގެން ގުރުއަތަކާ ނުލައި ގޯތި ލިބިފައިވާ އިރު، ބާކީ 27 ހޮވާފައި ވަނީ މިއަދު ގުރުއަތުލައިގެންނެވެ.