Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

މަޖްލިސް ކެމްޕެއިންނަށް 4.8 މިލިއަން ރުފިޔާ ލިބިއްޖެ: އެމްޑީޕީ

އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންނަށް ފަންޑު ރައިޒުކޮށްގެން 4.8 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ އެޕާޓީން މިހާތަނަށް ފަންޑު ހޯދުމަށް ހިންގި ހަރަކާތްތަކުން 4.8 މިލިއަން ރުފިޔާ ހޯދާފައިވާކަމަށެވެ. އަދި ފައިސާ ހޯދުމަށް އިތުރު ހަރަކާތް ބޭއްވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ ޕާޓީން ކުރިއަށްގެންދާ ފަންޑު ރައިޒިން ހަރަކާތްތައް ރާވާފައިވަނީ ވީހާވެސް ބޮޑަށް ޕާޓީގެ އާއްމު މެމްބަރުން ބައިވެރިކޮށްގެން ހަރަކާތް ހިންގޭނެ ގޮތަށް ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަޖްލިސް އިންތިހާބުގެ ކެމްޕެއިންނަށް ބޭނުންވާ ޓީޝާޓާއި، ފޮތި އަދި ކުލައިގެ އިތުރުން ބައެއް ފަރާތްތަކުން ޕްރިންޓިންގެ އެހީ ދެމުން އަންނަ ކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި އެފަރާތްތަކަށް އެމްޑީޕީން ވަނީ ޝުކުރު އަދާކޮށްފައެވެ.

މަޖްލިސް އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާތީ އެމަނިކުފާންގެ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ހަމަޖައްސަނީ އެމްޑީޕީންނެވެ. އެޕާޓީން ބުނީ ރައީސްގެ ސެކިއުރިޓީގެ ދަތުރުފަތުރު ހަރަދާއި އެހެނިހެން ހަރަދުތައް ބަލަހައްޓަނީވެސް އެމްޑީޕީން ކަމަށެވެ.

ރައީސް ސޯލިހު މިއަދުވަނީ ކެމްޕެއިން ދަތުރުފުޅެއްގައި ވ. ކެޔޮދޫއަށް ވަޑައިގެންފައެވެ. މި ހަފްތާ ބަންދުގައި ރައީސް ނ. އަތޮޅަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.