Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

އެމްއޭސީއެލްގެ ބޯޑަށް އިބްރާހިމް ނޫރައްދީން އައްޔަންކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އިބްރާހިމް ނޫރައްދީން އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން އިބްރާހިމް ނޫރައްދީން ބޯޑަށް އައްޔަން ކުރެއްވީ ކުރިން ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ނަޒީރު (ކްރައުން ނަޒީރު) އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އިބްރާހިމް އަކީ އެމްޑީޕީ ސަރުކާރުގައި ކުރިން ވެސް އެ ބޯޑުގެ ޗެއާމަންކަން ކުރެއްވި ބޭފުޅެކެވެ. ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓު ދިނުމަށް ނިންމުމާއި ގުޅިގެން އުފެދުނު ހިޔާލުތަފާތުވުމަކާއި ގުޅިގެން އިބްރާހިމް އޭރު ޗެއާމަން ކަމުން އިސްތިއުފާ ދެއްވިއެވެ.

އެމްއޭސީއެލްގެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ޗެއާމަން މުހައްމަދު އުމަރު މަނިކާއި ޑރ. އިބްރާހިމް މަހުފޫޒާއި މުހައްމަދު އަބްދުއްސައްތާރާއި އަބްދުއް ލަތީފު މުހައްމަދެވެ.