Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

މަހްލޫފުގެ ކޮރަޕްޝަން މައްސަލައެއް ނެތް: އޭސީސީ

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފުގެ ކަރަޕްޝަން މައްސަލައެއް ބަލަމުން ނުދާކަމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީން މަހްލޫފުގެ ކަރަޕްޝަން މައްސަލައެެއް ބަލަމުން ނުދާކަމަށް ބުނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެކަމިޝަނުން މަހްލޫފުއަށް ފޮނުވި ސިޓީއެއްގައެވެ.

އެމްއެމްޕީއާރުސީގެ ކަރަޕްޝަންގެ ފައިސާގެ މުއާމަލާތް ހިންގި އެސްއޯއެފްއިން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާތީ އެކަމުގެ ތަހްގީގު ނިމެންދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހްލޫފު ގޭގައި މަޑު ކުރުމަށް އަންގަވާފައެވެ. އަދި ޔޫތު މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އާއި ހަވާލު ކުރައްވާފައެވެ.

މަހްލޫފުގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނާއި، ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްވެސް ވަނީ ގޭގައި މަޑުކުރަން އަންގާފަ އެވެ. އޭސީސީންވަނީ މި ބޭފުޅުންގެ މައްސަލައިގެ ތަފްސީލް ރައީސް އޮފީހާއި ހިއްސާ ކުރައްވާފައެވެ.