Last Updated: April 19, 13:47
Friday, April 19, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (ފަންސަތިރީސްވަނަބައި)

" ބައްޕާ ސޯފީއަކީ ކާކުތަ؟….ބައްޕަކުރިންވެސް ދަންނަންތަ؟…" ކުއްލިއަކަށް ޝައުން ކޮށްލި ސުވާލުން އަމީންއަށް ހުއްޓެވުނެވެ. އެސުވާލުގެ ޖަވާބު ދޭނެ ގޮތަކާމެދު ވިސްނާލަން އޭނާއަށް މަޖުބޫރުވިއެވެ. ދަންނަމޭ ބުނެފިނަމަ، އޭނާގެ މާޒީގެ ވަރަށް ބޮޑު ސިއްރެއް ޝައުންއަށް ފާޅުކުރަން ޖެހެއެވެ. ނަމަވެސް ނުދަންނަމޭ ބުނެފިނަމަ އެކަން ފަސޭހައިން އޮއްބާލެވޭކަށްވެސް ނެތެވެ.

" އެއީ ކާކުކަން ބައްޕަ ބުނެދޭނަން….ހިނގާ އެތެރެއަށް…" އަމީން މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ތިންމީހުން އެކުގައި ގޮސް ސިޓިންރޫމު ސޯފާގައި އިށީނެވެ. އަމީން އެއްޗެއް ބުނަން އަނގަހުޅުވާލުމާއެކުހެން ޝައުންގެ ފޯނު ރިންގްވިއެވެ.

" އެރިކް…" ފޯނަށް ބަލާލަމުން ޝައުން ބުންޏެވެ.

" ފޯނު ނަގާނެކަމެއްނެތް…" އަމީން ނުރުހިފައި ޖަވާބުދިނެވެ. އެހެންކަމުން ޝައުން ފޯނުނިވާލިއެވެ.

" ދަރިފުޅާ މިރޭ ބައްޕަ މިއުޅެނީ ވަރަށްބޮޑު ވާހަކައެއް ދައްކަން…..އެވާހަކަ ރަނގަޅަށް ކަނުލާ އަޑުއަހަން ޖެހޭނެ…ތިއީ ވަރަށް ހިތްވަރުގަދަ ކުއްޖެއްނު….އެވާހަކަ އަޑުއިވުމަށްފަހު އެއްވެސް ޝަކުވާއެއް ނުކުރާތި! ބައްޕަ މިހުރިހާ ދުވަހު މިކަން ސިއްރުކުރީ ދަރިފުޅަށް ރަނގަޅަކަށް…..އެކަމު މިއަދު ބައްޕަބޭނުން ދަރިފުޅަށް ހަޤީޤަތް ކިޔާދޭން…." އަމީން ވަރަށް ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ. އަމީން އެވާހަކަ ބުނުމުގެކުރިންވެސް ޝައުންއަށް އެވާހަކަ އެނގިފައި އޮތްކަމެއް އޭނާއަށް ނޭނގޭތީ، އޭނާއަށް އެވާހަކަ ބުނުންވީ ވަރަށްދަތި ކަމަކަށެވެ.

" ބައްޕަ ކޮންމެ ވާހަކައެއް ދެއްކިނަމަވެސް އަޑުއަހާހައި ހިތްވަރު އަޅުގަނޑުގެ ކިބައިގާ ހުންނާނެ…" ޝައުން ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.
އަމީން އޭނާގެ މާޒީގެ އެބޮޑު ސިއްރުން ޝައުންގެ ކުރިމަތީގައި ވަރަށް އަސަރާއެކު ހާމަކުރިއެވެ. އިޒްޔަންގެ ފަރާތުން ކުރިން އެވާހަކަތައް އަޑުއިވިފައި ވީނަމަވެސް ބައްޕަގެ ދުލުން އަސަރާއެކު ކިޔައިދިނުމުން ޝައުންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މަންމައާމެދު އާއިލާއިން ކަންތައްކުރި އަނިޔާވެރިގޮތާއި މަންމަދެކެ ބައްޕަ ލޯބިވީވަރުވެސް އިހުސާސްކުރެވުނެވެ.

" ދަރިފުޅުގެ މަންމައަކީ ވަރަށް ލޯބިކުއްޖެއް….އެކުއްޖާ ހުތުރުކަމަށްބުނެ އާއިލާއިން ބާކީކޮށްލި ނަމަވެސް، ހަޤީޤަތުގަ އެކުއްޖާގެ ރީތިކަން ދަރިފުޅުގެ ކިބައިގަ ތިވަނީ…ހަމަގައިމުވެސް ބައްޕަގެ ފުށުން ލިބުނު ރީތިކަމެއްނޫން ތީކީ….ދަރިފުޅު އަބަދުވެސް ޝަކުވާކުރަމެއްނު އެހެންކުދިންނާ ތަފާތު ނަމެއް ކިޔައިގެންވެސް…އެއީ ދަރިފުޅުގެ މަންމަ ބޭނުންވިގޮތް…މަންމަ ދަރިފުޅަށް ބަނޑުބޮޑުއިރު ބައްޕައެހިން ކޮންނަމައްތޯ ދަރިފުޅަށް ކިޔާނީ….ބުނީމަ މަންމަބުނިނަން އެއީ….މަންމަ ކުޑައިރުއްސުރެ ގެންގުޅޭ ވާހަކަފޮތެއްގަ އުޅޭ ކުޑައަންހެން ކުއްޖަކަށް ކިޔާނަމެކޭ ބުނީއެއީ…" ޝައުންގެ އަތުގައި ހިފާލަމުން އަމީން ލޯތްބާއެކު ކިޔައިދިނެވެ.

" ދަރިފުޅާ….ހަޤީޤަތަކީ ކޮންމެ އެއްޗަކަށްވިޔަސް….ދަރިފުޅުތީ ހަމަ މަންމަގެ ދަރިއެއް….މަންމަ ދުވަހަކުވެސް ނުދެކެން ތިއީ އެހެން މީހެއްގެ ދަރިއެއްކަމަކަށް….ދަރިފުޅުވެސް އެގޮތަށް ހީނުކުރާތި!…" ޝައުންއަށް ހަޤީޤަތް އެނގުމުން ހީކޮށްފާނެ އެއްޗަކަށްޓަކައި އަޒީފާ ބިރުގަތެވެ.

" ނޫނޭ މަންމާ….އަހަރެން ދުވަހަކުވެސް އެގޮތަށް ނުދެކެން….އަހަރެންނަށް މިއަދަކުނޫން ހަޤީޤަތް އެނގުނީ….މިހާރު ކިތަންމެ ދުވަހެއް ވެއްޖެ މިހަޤީޤަތް އެނގޭތާ….އެކަމު އަހަރެން ތަފާތު ގޮތަކަށް ނުދެކެމެއްނު…" ޝައުން އޭނާއަށް ކުރިންވެސް ހަޤީޤަތް އެނގޭކަމަށް ބުނުމުން އަމީންއާއި އަޒީފާ ހައިރާންވެފައި އެކަކު އަނެކެއްގެ މޫނަށް ބަލާލިއެވެ.

" ދޮންބެ ބުނީ؟…" އެމީހުންގެ ހިތުގައިވީ ސުވާލަށް ޝައުން ޖަވާބުދިނެވެ. އަދި އެކަން އެނގެން މެދުވެރިވީގޮތްވެސް ކިޔައިދިނެވެ. ތިންމީހުން ވާހަކައިގައި ތިއްބައި ކުއްލިއަކަށް ސިހުނީ ގޭގެ ބެލްއަޅާލި އަޑަށެވެ.

" އެވާނީ އެރިކް އައީކަމަށް…." ކަންބޮޑުވެފައި ޝައުން ބުނެލިއެވެ.

" ދަރިފުޅުދޭ އެތެރެއަށް….ބައްޕަ އެރިކްއާ ވާހަކަ ދައްކާނަން…" އަމީން ސޯފާއިން ތެދުވަމުން ބުނެލިއެވެ.

" ނޫން ބައްޕާ….އަހަރެން އޭނައަށް ވިސްނަދޭނަން…..އެހެންނޫނީ މިރޭ ނިދިޔަވެސް ނުދޭނެ…" ޝައުން އެހެންބުނުމުން އަމީންވެސް އެގޮތާ އެއްބަސްވިއެވެ.

" ޝައުން…ކީއްވެތަ ފޯނު ނިވާލީ؟…އަހަރެން ކަންބޮޑުވާނެވަރު ނޭނގޭތަ؟….ކީއްވެތަ އެގޮތަށް އަހަރެން ދޫކޮށްފަ ތިއައީ؟…" ޝައުން ދޮރުހުޅުވާލުމާއެކު ޝަކުވާގެ ފަތިވަރެއް އެރިކް އަމުނާލިއެވެ.

" އެރިކް….މިރޭދެން ގެޔަށްދޭ….މާދަމާ ހަމަޖެހިލައިގެން ވާހަކަދައްކާނީ…..މިރޭ އަހަރެންވެސް ވަރަށް ވަރުބަލި…ޕްލީޒް ގެޔަށްދޭ….." އެރިކް އަވަހަށް ފޮނުވާލުމަށް ޝައުން ބުންޏެވެ.

" ނޫން އަހަރެން ނުދާނަން….އަހަރެން ބޭނުން ޝައުންގެ ބައްޕައަށް ޔަޤީންކޮށްދޭން….އަހަރެން މިއައީ ބައްޕަގެވެސް ނުރުހުމުގަ….އެކަމުވެސް ޝައުންގެ ބައްޕަގެ ރުހުން ލިބުނީ އަހަރެންނަށް އެންމެ ރަނގަޅު….ޕްލީޒް ޝައުންގެ ބައްޕަގާތު ބުނެބަލަ އަހަރެން މިދައްކާ ވާހަކަ އަޑުއަހާށޭ…" އާދޭހުގެ ރާގެއްގައި އެރިކް އެދުނެވެ.

" އެރިކް….މިވަގުތު ގެޔަށް ދިއުން އެންމެ ރަނގަޅުވާނީ….އެހެންނޫނީ ދެމީހުންގެ ބައްޕަވެސް ބޮޑަށް ރުޅިއަންނާނީ….މާދަމާ އާދޭ ބައްޕައާ ވާހަކަދައްކަން…އެކަމު މިވަގުތުދޭ….ޕްލީޒް…"ޝައުން މަޑޫމައިތިރިކަމާއެކު އެރިކްއަށް ވިސްނައިދިނުމުން މާދަމާ އަންނާނަން ކަމުގައި ބުނެފައި އޭނާ ދިޔައެވެ.

" ދަރިފުޅާ…..ބައްޕަ ބޭނުމެއްނޫން ދެން ދަރިފުޅު އެރިކްއާ ގުޅޭކަށް….އަދި އެއޮފީހަށްދާކަށްވެސް….އެރިކްގެ ބައްޕައަކީ އަދި އެ ސޯފީއަކީވެސް ރަނގަޅުބައެއްނޫން…އެފަދަ މަގުފުރެދިފަހުރި ބަޔަކާ އެއްވެސް ގުޅުމެއް ބާއްވާކަން އަހަރެން ބޭނުމެއްނޫން…." އަމީން އޭނާގެ ފަހުގެ ނިންމުން އިއްވާލިއެވެ. ޝައުން އެވާހަކައަށް އެއްވެސް ރައްދެއްނުދީ މަޑުންހުރީ ފަހުންވެސް ބައްޕަގެ ޚިޔާލު ބަދަލުވެދާނެކަމަށް ބަލާފައެވެ.

ޖެހިގެން އައި ދުވަހު އެރިއިރާއެކު އެރިކްހުރީ ޝައުންގެ ގޭދޮށުގައެވެ. ނަމަވެސް އަމީން އެރިކްއާ ވާހަކަދެއްކުމުން މަނާވެގަތެވެ. އެރިކް އެތައް އާދޭހެއް ކުރުމުންވެސް އަމީންގެ ޚިޔާލު ބަދަލެއްނުވިއެވެ. އެންމެފަހުން އެރިކްގެ މަސައްކަތް ނާކާމިޔާބުވުމުން މާޔޫސްކަމާއެކު އޭނާ އެނބުރިދިޔައެވެ. ނަމަވެސް އޭނާއަކީވެސް ފަސޭހައިން ގޮތްދޫކުރާނެ މީހަކަށް ނުވާތީ އަދިވެސް އެނބުރި އަންނާނެކަން ޝައުންއަށާއި އަމީންއަށްވެސް އެނގެއެވެ.

"ދަރިފުޅު މާލެދާން ތައްޔާރުވޭ!….ބޮޑުބޭބެގެ ކުންފުނިން ދަރިފުޅަށް އެކަށީގެންވާ ވަޒީފާއެއް ހަމަޖެހެން އެބައޮތް….ބޮޑުބޭބެ އޮތީ ކުރިންވެސް އެވާހަކަދައްކާފަ…އެމީހުންގެ ކުންފުނީގަ މަސައްކަތްކުރަމުން އައި ތުރުކީގެ ޑިޒައިނަރު އެނބުރި ރަށަށްދާތީ އެވަޒީފާ ދަރިފުޅަށް ލިބޭގޮތަށް އޮތީ….އެހެންވީމަ މިތާނގަ ހުރުމުގެ މާނައެއްނެތް….އެރިކްވެސް ދުވަސްކޮޅަކު އެގޮތަށް އުޅެފަ ހަމައަކަށް އެޅިދާނެ…ދަރިފުޅުގެ މަތިން ހަނދާންވެސް ނެތިދާނެ…." އަމީން ލަފާދިނެވެ.

" އެކަމަކު ބައްޕާ އަހަރެން ބޭނުމެއްނޫން މާލެދާކަށް….އަހަރެން އެހެން ތާކުން ވަޒީފާ ހޯދައިގެން މިތާ އުޅެދާނަން…" މާލެދާ ޚިޔާލެއް ޝައުން ނުކުރިއެވެ. އަމުދުން އާއިންއާ އެއްތާކު މަސައްކަތްކުރާކަށް އޭނާ ބޭނުމެއްނުވެއެވެ.

" ދަރިފުޅާ…ބައްޕަ މިހުރިހާ ދުވަހުވެސް ދަރިފުޅަށް ކަމަކަށް ބާރެއް ނާޅަމެއްނު…..އެހެންވީމަ ހަމައެކަނި މިކަން ބައްޕައަށްކޮށްދީ…" އަމީން އާދޭހާއެކު އެދުނެވެ.

" ބައްޕާ…ވިސްނާލަބަލަ! އެރިކް އިސްލާމުވެއްޖެނަމަ އަހަރެން އޭނައާ ކައިވެނިކުރުމަކުން މައްސަލައެއް ނެތެއްނު….އޭރުން ދެމީހުން މަސައްކަތްކޮށްގެން ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެ….އޭނަހުރީ އަހަރެންނާއެކު އުޅެން…" ޝައުން އަނެއްކާވެސް އެދުނެވެ.

" ދަރިފުޅަށް ހީވޭތަ އެއީ އެހާ ފަސޭހަކަމެއްހެން…އެރިކް ބައްޕަ ދަރިފުޅުމެން އެގޮތަށް އުޅޭކަށް ދުލެއްނުކުރާނެ…އެއަށްވުރެ ބޮޑާ ކިބުރުވެރި މީހެއް އެއީ….އޭނަގެ ވާހަކަތައް ހުރިގޮތުންވެސް ބައްޕައަށް އެކަން އެނގޭ….އެންމެ ރަނގަޅުވާނީ ދަރިފުޅުވެސް އެރިކްގެ މަތިން ހަނދާން ނައްތާލާފަ ބައްޕަ ބުނާގޮތަށް ކަންތައްކުރީމަ…" އަމީން ބެލީ މަސްލަހަތު ހުރިގޮތެއްގައި ޝައުންއަށް ވިސްނައިދޭށެވެ.

އަނެއްކޮޅުން އެރިކްވެސް އޭނާގެ ބައްޕައަށް ވިސްނައިދެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ޝައުންއަކީ މުސްލިމެއްކަމުގައިވިޔަސް އެއީ ޒަމާނީ ކަންކަމަށް ލޯހުޅުވިފައިވާ ތަހުޒީބު ކުއްޖެއްކަން ސާބިތުކޮށްދެވޭތޯ މަސައްކަތްކުރިއެވެ.

" ބުނަން އެރިކް….އޭނާ ރަނޅުކޮށްފަ ކޮންމެ ވާހަކައެއް ދެއްކިނަމަވެސް މުސްލިމެއް ވިއްޔާ ވާނީ އެއްގޮތް….މުޅި ދުނިޔެ ހެކިދެނީ އެމީހުންނަކީ ނުބައި ބައެއްކަން…..ދުނިޔޭގަ މިހުރިހާ ދީންތައް އޮއްވާވެސް މުސްލިމުން ނަންވެފަ ވަނީ ކަމެއްވީމައެއްނު….އެމީހުނަނީ ހީލަތްތެރި މަކަރުވެރި ބައެއް….އޭގެ އަންހެން ކުއްޖަކަށްވެސް އިތުބާރުކުރާކަށް ނުވާނެ….އެރިކްއަށް ރަނގަޅަކަށް މިބުނަނީ…އެނޫން ކޮންމެ ދީނެއްގެ މީހަކާ ކައިވެނިކުރިޔަސް އަހަރެންގެ ފަރުވޭލެއްނެތް….އެކަމަކު އެއަންހެން ކުއްޖާއަށް މިގެޔަކު ޖާގައެއްނެއް…." ސްޓީވް ވަރަށް ސާފުކޮށް އޭނާ އެދޭގޮތް ހާމަކުރިއެވެ.

" ބައްޕާ…ދުނިޔޭގެ އެންމެން ގަބޫލުކުރި ނަމަވެސް ހުރިހާ މުސްލިމުންނަކީ އެއްގޮތް ބައެއްނޫން….ކޮންމެތާކުވެސް ނުބައިމީހުން އުޅޭ….މަކަރުވެރިންވެސް އުޅޭ…އެމީސްމީހުންނާ ޝައުންއާ ހުރީ ކޮންގުޅުމެއް….އެހެންނޫނަސް ދީން އަހަރެންމެ ގުޅުމަށް ހުރަހަކަށް ވާންވީ ކީއްވެ….އަހަރެންނަކީ އެއްވެސް ދީނެއް ގަބޫލުކުރާ މީހެއްނޫން….ޚުދުބައްޕައަކީވެސް ނަމެއްގަ ކްރިސްޓިއަނެއް…..ބައްޕަ ދުވަހަކުވެސް ޗާރޗްއަކަށް ނުދޭ….ދެން ސޯފީމޮމް އަކީ ކޮންދީނެއްގެ މީހެއްކަމެއް އަހަރެންނަކަށް ނޭނގޭ….މުސްލިމެއްކަމެއް ކްރިސްޓިއަނެއްކަމެއް އަހަރެންނަކަށް ޔަޤީނެއްނޫން…." އެރިކް ޝައުންގެ ދިފާއުގައި ވާހަކަ ދެއްކިގޮތުން ސްޓީވްގެ ގާތަށް އިތުރަށް ރުޅިއައެވެ.

" އެރިކް ތިކަން ހުއްޓާނުލައިފިނަމަ ފަހުން ހިތާމަކުރަން ޖެހިދާނެ….އަހަރެންނަށް އެއްވެސް ކަމެއްނޫން ތިބުނާ އަންހެން ކުއްޖާ މިޤައުމުން ފޮނުވާލާކަން….މުޅި އާއިލާވެސް ފޮނުވާލަފާނަން…..އެރިކް ބޭނުންތަ މުޅި ދުނިޔެއަށް އެމީހުން ޓެރަރިސްޓުންގެ ގޮތުގަ ބަދުނާމުވާން…..އެގޮތް ބޭނުން ނޫނިއްޔާ މަޑުންހުރޭ…..ކުޑަހިނދުކޮޅެއްގެ ތެރޭގަ އެމީހުންގެ މުޅިދިރިއުޅުން ބަރުބާދުކޮށްލާކަށްވެސް އަހަރެންނަކަށް ކަމެއްނޫން…." ސްޓީވް ފަޚުރުވެރިކަމާއެކުގައި އެވާހަކަ ދެއްކިއިރު، ތަންކޮޅެއްދުރުގައި އެއަޑުތައް އަހަންހުރި ސޯފީގެ މޫނުގެ ކުލަބަދަލުވެގެން ދިޔައެވެ. ޚުދު އޭނާވަނީ ސްޓީވް ބާރާއި ނުފޫޒު ލޮލުންދެކި އަތުން ހިފާފައެވެ. އަމީންގެ މުޅި އާއިލާ ނެތިކޮށްލުމަކީވެސް ސްޓީވް ޖެހިލުންވާނެ ކަމެއްނޫންކަން އޭނާއަށް އެނގެއެވެ.

ސްޓީވް އޭނާގެ ފަހުބަސް އިއްވާފައި ދިއުމުން އެރިކް ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ސޯފާއަށް ތިރިވިއެވެ.

" އެރިކް….އަހަރެންގެ ބަހެއް އަޑުއަހަންޏާ…އެކުއްޖާގެ މަތިން ހަނދާން ނައްތާލާ!….އެރިކްގެ ބައްޕައަކީ ބުނެފިބަހެއްގަ ހިފަހައްޓާނެ މީހެއް….އެއްވެސް މީހަކަށް އޭނަ ދޫނުކުރާނެ….އަހަރެންނަކީވެސް ކުރީގަ ޝައުންފަދަ ކުއްޖެއް…އެކަމު މިހާރު ބަލާބަލަ އަހަރެން މިއުޅޭގޮތް….މިހާރު އަހަރެންނަކީ ހަމައެކަނި ސްޓީވްގެ އަމުރުތަކަށް ކިޔަމަންވާ ރޮބޮޓެއްފަދަމީހެއް…..އެރިކްއަށް އަދި ބައްޕަގެ ގޮތް ނުވިސްނެނީ….ވިސްނޭދުވަހަކުން އަހަރެން މިބުނީ ތެދެއްކަން އެނގޭނެ…" ސޯފީ ނުސީދާގޮތެއްގައި ސްޓީވްގެ ނުފޫޒާއި ބާރުގެ ވަރުގަދަކަން އެރިކްއަށް އަންގައިދެވޭތޯ އުޅުނެވެ. ނަމަވެސް އެރިކްގެ ކުރިމަތީގައި ސްޓީވްގެ ނުބައިކަން ހާމަކުރާހައި ހިތްވަރެއް އޭނާގެ ނެތެވެ.

އެރިކްއަށް ދެކޮޅުން މަޖުބޫރުވުމުން އޭނާގެ ބޯހާސްވިއެވެ. އެހެންކަމުން އޭނާ މާހައުލު ބަދަލުކޮށްލުމަށްޓަކައި އެމެރިކާއަށް ދަތުރެއްކުރިއެވެ. އަނެއްކޮޅުން ސްޓީވްވެސް ވަނީ އަމީންއަށް ވަރުގަދަ އިންޒާރެއްވެސް ދީފައެވެ. ސޯފީއަށް އަމީންއަކީ ކާކުކަން ހަނދާނުގައި ނެތްނަމަވެސް އެއީ ކޮންމެވެސް ތަނަކުން ދިމާވެފައިވާ މީހެއްކަން އެނގުނެވެ. އަދި އަމީންއަށް އޭނާއަކީ ކާކުކަން އެނގޭހެން ހީވާތީ އޭނާ އެކަން ޔަޤީންކުރަން ބޭނުންވިއެވެ. އެހެންކަމުން ސްޓީވްއަށް ނޭނގި އޭނާ އަމީންގެ އެޑްރެސް ހޯދައިގެން އަމީންއާ ބައްދަލުކުރަން ދިޔައެވެ.

" ކީއްކުރަން ކަލޭ މިގެއަށް ތިއައީ؟….ހަމަ މިހާރު މިތަނުންދޭ!…" އަމީން ރުޅިއައިސްފައި އަމުރުވެރިކަމާއެކު ބުނިއަޑަށް ކޮޓަރީގައި އޮތް ޝައުން ނުކުތެވެ.

" ބައްޕާ ކިހިނެއްތަވީ؟…އަނެއްކާވެސް އެރިކް އައީތަ؟…." ބޭރުބަލާލަމުން ޝައުން އެހިއެވެ.

" ނޫން…އަހަރެން މިއައީ ވާހަކައެއް ދައްކާލަން….އަހަރެންނަށް އެއްފުރުސަތުދީބަލަ!…." ޝައުން ފެނުމާއެކު ސޯފީ އާދޭހުގެ ރާގެއްގައި ބުންޏެވެ.

" ކަލޭ ދައްކަން ޖެހޭނެ އެއްވެސް ވާހަކައެއް ނޯންނާނެ….ކަލޭދޭ މިތަނުން…" އަމީން ހަމަ އެރާގުގައި އަނެއްކާވެސް ބުންޏެވެ.
" ބައްޕާ….އިހަށް ހަމަޖެހިބަލަ!….އޭނަދައްކާ ވާހަކައެއްވެސް އަޑުއެހިދާނެއްނު….އާދޭ އެތެރެއަށް…." ޝައުން ބޭނުންވީ އެންމެ ފަހަރަކު ނަމަވެސް ސޯފީދައްކާ ވާހަކަ އަޑުއަހާލުމަށެވެ. ޝައުންގެ އެދުމަށް އަމީން ސޯފީވަނުމަށް ހުއްދަދިނެވެ. ސޯފީގޮސް ޝައުން ދެއްކި ސޯފާގައި އިށީނެވެ.

" އަހަރެން މިއައީ ހަމަ ކަލޭމެންނަށް ރަނގަޅަކަށް އެއްޗެއް ބުނަން….އަހަރެންނަށް އެނގޭ ސްޓީވްވެސް އިންޒާރުދިންކަން….އޭނަ އިންޒާރެއްދީފިނަމަ އެކަމާ ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭނެ….އޭނައަކީ ކަލޭމެން ތިހީކުރާ ކަހަލަ އާދައިގެ މީހެއްނޫން….އޭނައަކީ އެއްވެސް ކަމެއްކުރަން ޖެހިލުންނުވާ މީހެއް….ކަލޭމެން ކަހަލަ އާދައިގެމީހުންގެ ދިރިއުޅުން ބަރުބާރުކޮށްލުން އެއީ އޭނާއަކަށް ކަމެއްނޫން….އެހެންވީމަ އެކަމާ ވަރަށް ވިސްނަން ޖެހޭނެ…" ސޯފީ ވާހަކަދެއްކީ ވިސްނައިދޭ އުސޫލުންނެވެ.
" އެކަހަލަ ކޮންމެ މީހަކުވެސް ހީކުރަނީ އެމީހުންވަރު ބާރުގަދަ ހަމަ އެއްވެސް ފަރާތެއްނެތްކަމަށް…ކަލޭގެ ބައްޕަވެސް އެހެން ހީކުރިއެއްނު….ތީހަމަ ތިކަހަލަ މުއްސަނދިގެން ވައްތަރު…" އަމީން ނުރުހުމާއެކު ބުނެލިބަހުން ސޯފީގެ ހައިރާންކަން އިތުރުވިއެވެ.
" ކިހިނެއް އަހަރެންގެ ބައްޕަ ކަލެއަށް އެނގުނީ….އަހަރެންގެ ބައްޕައަކީ ކާކުކަން ކަލެއަށް އެނގޭތަ؟…" ސޯފީ އޮޅުންފިލުވަން ބޭނުންވިއެވެ.

" ކަލޭގެ ބައްޕަވެސް ކަލޭގެ އާއިލާވެސް ވަރަށް ރަނގަޅަށް ދަންނަން….ކަލޭތީ ޑރ އުމޭރުގެ ދަރިއެއްނު….ރީތިކަމާ މުއްސަނދިކަމަށް ބޮޑާވެފަހުރި އިންސާނެއް އެއީ….އެންމެފަހުން ކަލޭވެސް މުއްސަނދިކަމަށްޓަކާ ދީންވެސް ވިއްކާލީ….ކަލޭކުރިން އިނދެގެން އުޅުނުމީހާއަށްވުރެ މުއްސަންޖެއްވީމަ ދީންބަދަލުކޮށްގެން ސްޓީވްއާއިނީ؟…" މަލާމާތުގެ ގޮތަކަށް އަމީން އަހާލުމުން ސޯފީގެ މޫނުން ހައިރާންކަން އިތުރުވެގެން ދިޔައެވެ.

" ކަލެއަށް ހަމަ ރަނގަޅަށްވެސް އަހަރެން އެނގޭތަ؟….އެކަމަކު ކިހިނެއް؟…ކޮންއިރަކު އަހަރެމެން ދިމާވީ؟…" ޔަޤީންނުވެފައި އިނދެގެން ސޯފީ ސުވާލުކުރިއެވެ.

" ކަލޭމެން ތިތިބީ ހުރިހާ ކަމެއް ހަނދާން ނައްތާލައިގެންނެއްނު….ޝަފަޤުމަތިން ހަނދާން ނައްތާލައިގެން ވަރަށް އުފަލުގައެއްނު ތިއުޅެނީ….އެކަމު ކަލޭ ކިހާބަދުނަސީބު….ދީންވެސް ދޫކޮށްލާފަ މުރުތައްދުވެގެން ތިހުރީ…" އަނެއްކާވެސް އަމީން މަލާމާތްކޮށްލިއެވެ.
" ޝަފަޤު…ތީ ޝަފަޤުގެ ފިރިމީހާތަ؟…ކޮބާ ޝަފަޤު…" ކުއްލިއަކަށް ސޯފީ އަހާލިއެވެ.

" މިހާރު ކީއްކުރަން ޝަފަޤު ކޮބާތޯ ތިއަހަނީ؟….ކަލޭމެން ތިތިބެނީ ޝަފަޤު ހަނދާންނައްތާލައިގެންނެއްނު….ދެން އެހުމުގެ ބޭނުމެއްނެތް…" އަމީން ނުރުހުމާއެކު ބުނެލިއެވެ.

" ބައްޕަ މަރުވާންދެންވެސް ޝަފަޤުގެ ވާހަކައެހި….ބުނި ޝަފަޤު އުޅޭނޭ ސިންގަޕޫރުގަ…އެޑްރެސްދޭށޭބުނީމަ އެޑްރެސް ނޭނގުނު…ބައްޕަބުނީ މީހަކުލައްވާ ގެޔެއްގަނެފަ ޝަފަޤްއަށް ދިނީކަމަށް….ފަހުން އެމީހާއާ ބައްދަލުވާގޮތެއްނުވި….އެހެންވެ ނޭނގުނީ ޝަފަޤުހޯދަން…" ސޯފީ ހިތާމައާއެކުގައި ބުންޏެވެ.

" ހުއް…ބޭނުންނެތިގެން އެއްލާލާފަ އަދި ފަހުން ހޯދާނެތަ؟…" އަމީން ރުޅިއައިސްފައި ބުންޏެވެ.

" އަމީންއަކަށް ނޭނގޭނެ އަހަރެމެންނާމެދު ކަންތައްވީގޮތެއް…..އަހަރެމެންގެ އާއިލާއަށް ވީގޮތެއް….އަހަރެމެން ވަރަށް އުފަލުގަ އުޅުނީ….އަހަރެމެންގެ ވިޔަފާރިވެސް ވަރަށް ކުރިއަރައިގެން ގޮސްފައި ވަނިކޮށް އެހިތާމަވެރި ހާދިސާ ހިނގީ….އަހަރެމެންގެ ހޮޓާތަކާއި އަމިއްލަ ރިޒޯޓްތަކާއި ޖެޓްތައްވެސް އޮވޭ…..އަހަރެންގެ ބޭބެ އަލަށް ކުރޫޒެއް ގަނެގެން އެންމެން އޭގަ ދަތުރެއްކުރީ….ދުވަސްވަރަކީ މޫސުންވެސް ރީތި ދުވަސްވަރެއް….ވާންހުރިކަމެއް ނުހުއްޓުވޭނެއްނު….އެދަތުރުގަ އާއިލާގެ އެންމެން ބައިވެރިވި….ތިމާގެ މީހުނާއި ރަހުމަތްތެރިންވެސް ބައިވެރިނި….ކުންފުނީގެ ވަރަށްގިނަ މުއައްޒަފުންވެސް ބައިވެރިވި….އަހަރެންވެސްހުރީ ވަރަށްދާހިތުން….އެކަމު އަހަރެން ވިހަން ގާތްވެފަ ހުރުމުން އަހަރެންގެ ފިރިމީހާ ދިއުންމަނާކުރީ….އެކަމު އޭނާވެސް ދިޔަ….އެދަތުރުގެ ނިމުންއައީ ވަރަށްހިތިކޮށް….ކުރޫޒްގާ އަލިފާނުގެ ހާދިސާއެއް ހިނގައި އޭގަ ދަތުރުކުރި މަދު މީހަކު ފިޔަވާ އެންމެން މަރުވީ…ކުރޫޒްވެސް ސަލާމަތެއް ނުކުރެވުނު…އަހަރެންގެ ބޭބެމެންނާއެކު ފިރިމީހާވެސް މަރުވީ….ދައްތައާ އޭނާގެ ފިރިމީހާ ސަލާމަތްވީނަމަވެސް…އަލިފާނުގެ ސަބަބުން ދައްތަގެ ރީތި ސޫރަގެއްލިގެން ދިޔައީ…އެތައް އޮޕަރޭޝަންތަކެއް ކޮށްގެންވެސް އޭނާގެ ސިފަ ރީއްޗެއްނުވި….އެކަމުގެ ހިތާމާގަ އޭނާ ޑިޕްރެޝަނަށް ގޮސްގެން އަމިއްލައަށް މަރުވީ…..އަހަރެންގެ މަންމައާ ބައްޕަ ކަނޑުމަތިން ފެނުނީ އޭގެ ތިންދުވަސްފަހުން….ހޮސްޕިޓަލަށް ގެނައިތާ ދެދުވަސްފަހުން މަންމަ ނިޔާވީ…އެކަމު ބައްޕަ އޮތް އެތައް އަހަރެއްވާންދެން ބަލިއެނދުގަ ހޭނާރާ….ހޭއެރިފަހުން މުޅިންވެސް ބައްޕަގޮވީ ޝަފަޤުގެ ނަމުން….ޝަފަޤު ގެނައުމަށް އެދުނު…މާފަށް އެދެން ބޭނުންވި….އެކަމު ޝަފަޤުއާ ބެހޭ މައުލޫމާތު އެނގޭމީހާވެސް އެހާދިސާގާ މަރުވީމަ ޝަފަޤު ހޯދޭގޮތެއްނުވި….ބައްޕަ މަރުވާންދެންވެސް އެހިތާމަކުރި…" ސޯފީ ވާހަކަ މެދުކަނޑާލަމުން ލޮލުން ކަރުނަ ފުހެލިއެވެ.

" ދެން ކީއްވެ ޕާކިސްތާން ދޫކޮށްލީ….އެހުރިހާ މުދާދޫކޮށްލީ…" އަމީން އަހާލިއެވެ.

" އެހާދިސާއިން އަރައިގަނެވުނުއިރު ހުރިހާކަމެއް ބަދަލުވެއްޖެ….ސްޓީވްގެ މަކަރުވެރިކަމުން ބައްޕަގެ ހުރިހާ މުދަލެއް ފޭރިގަތީ…..ސްޓީވްއަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ….ދަރިންނަށްވުރެވެސް ބައްޕަ އަރިސްކޮށްގެން ގެންގުޅުމީހެއް އެއީ….އަހަރެން ވިހޭ ދަރިފުޅުވެސް ވީނުވީގޮތެއް ނޭނގިމަރުވެފަ އޮއްވާ ފެނުނީ….އަހަރެން މުޅިން އެކަނިވެރިވި….ބަލި ބައްޕަޔާއެކު މަގުމަތިވެފަ ހުއްޓާ ސްޓީވް އެދުނީ އޭނާއާ އިންނަން….އޭރު ކުރޫޒްގެ ހާދިސާގާ ގެއްލުން ލިބުނުމީހުންނަށްވެސް އޮތީ ބަދަލުދޭންޖެހިފަ….އެތައްދަރަޏެއް އޮތީ ބޯމަތީގަ….މީހުންގެ ބަދުދުޢާ ލައުނަތުގެ ސަބަބުން ދިރިއުޅެން އުނދަގޫވެ އަމިއްލައަށް މަރުވާ ހިސާބަށް ކަންތައްދިޔަ….ނަމަވެސް ބައްޕައަށްޓަކާ ދުނިޔޭގަހުރީ….ސްޓީވް އުނދަގޫވެސް އޭރު އެހާބޮޑު….އޭނަ އެކިގޮތްގޮތުން ގޯނާކުރަމުން ގޮސް އަހަރެންގެ އިތްފަތްފޭރިގަތީ…..އޭނާ ހުށަހެޅީ ދެގޮތް….އަމިއްލައަށް މަރުވުން ނޫނީ އޭނާއާއިނުން….އަމިއްލައަށް މަރުވާން ބޭނުންނެތިގެން އޭނާއާއިނީ….ބައްޕަވެސް ލަފާދިނީ އެގޮތަށް….ސްޓީވް ބައްޕަގެ ހުރިހާ މުދަލާއި ބިންތައްވެސް ވިއްކާލާފަ ސިންގަޕޫރަށް އައިސް ވިޔަފާރި ފެށީ….ސިންގަޕޫރަށް އައިފަހުން އަހަރެންނަށް އެނގުނީ ކުރޫޒްގާ ހިނގި ހާދިސާއާ އަހަރެންގެ ދަރިފުޅު މަރުވި ހާދިސާވެސް އެއީ ސްޓީވް އަޑީގާ ހުރެގެން ކުރިކަމެއްކަން….އޭނަކުރިންސުރެވެސް އަހަރެންނަށް ކަޅިއަޅާކަންވެސް އެނގުނީ އޭނަ އެކަމަށް އިއުތިރާފުވީމަ….އޭނާ ދުރާލާ ރޭވި ރޭވުމަކުން އަހަރެންގެ އާއިލާ ނެތިކޮށް، އަހަރެންގެ މުޅި ދިރިއުޅުންވެސް ބަރުބާދުކޮށްލީ….މިއަދުވެސް އޭނާގެ ނުބައިކަމުގެ ވަކިތަކުން މިންޖުވެވެން ނެތިގެން އަހަރެން މިހެން މިއުޅެނީ….އަދި އަދަށްދާންދެންވެސް އޭނާގެ ކިބައިން ސަލާމަތްވާނެ މަގެއް އަހަރެންނަކަށް ނުފެނޭ….އަހަރެން ދީން ދުލެއްނުކުރަން….އޭނާއަށް ސިއްރުން އަދިވެސް އަހަރެން ނަމާދުކޮށް ރޯދަވެސް ހިފަން…..އެކަމު އަހަރެންގެ ދަރިފުޅު އެރިކާއަކީ މުސްލިމަކަށް ނުހެދުނު….އަހަރެންނަށް އެނގޭ އަހަރެންގެ ނުބައިކަމުގެ ނަތީޖާކަން މިއީ…ޝަފަޤްއާމެދު ކަންތައްކުރެވުނު ގޯސްގޮތުގެ ނަތީޖާމީ…ބައްޕަވެސް އެކަން ގަބޫލުކުރި…އަހަރެން ބޭނުން މާފަށްއެދެން އޭނާގެ ކިބައިން….ކޮބާތަ އޭނަ…" ސޯފީ ކެތްތެރިކަން ކުޑަވެފައި އަހާލިއެވެ.

" އޭނައެއްނެތް….އޭނަ ނިޔާވެއްޖެ….ދެން ހިތާމަކުރުމުގެ ބޭނުމެއްވެސް ނެތް…." ފަރުވާކުޑަގޮތަކަށް އަމީން ބުނެލިއެވެ.
" ހާދަހާ ދެރައޭ….ކުރިން ވިސްނުނުނަމަ ކިހާ ރަނގަޅު…." މޮޅިވެރި ރާގަކަށް ސޯފީ ބުންޏެވެ.

" ދެން މުޅި އުމުރަށް ކާފަރަކާއެކީގަ އުޅުނީމަ އެކުރެވެނީ ކިހާބޮޑު ފާފައެއް….އޭނާގެ ކިބައިން ވަރިނުވާން ތިހުންނަނީ ކީއްވެ؟…" އަމީން އަހާލިއެވެ.

" މިހުރިހާ ދުވަހު ހުރެވުނީ ޝަފަޤު ފެނިދާނެ ކަމުގެ އުއްމީދުގާ….ވަރަށްގިނަ ރޭރޭ ހުވަފެނުގަ ޝަފަޤުފެނޭ….އެކަމުދެން މިހާރު އެނގިއްޖެ އެއީ ނުވާނެކަމެއްކަން….އަހަރެން ދެން ސްޓީވްއާއެކީ އުޅޭކަށްވެސް ބޭނުމެއްނޫން….އޭނަ އަހަރެންނާމެދު ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް އަހަރެންގެ ފަރުވާލެއްނެތް….އެކަމު އަމީންއާ އަހަރެންނާ އެއްވެސް ގުޅުމެއްހުރިކަން އެނގިއްޖެނަމަ އަމީންގެ ދިރިއުޅުން ނަރަކައަކަށް ހަދާލާނެ…އަހަރެން ބުނާ އެއްޗެއް އަޑުއަހާނަމަ ޝައުންގޮވައިގެން ކޮންމެވެސް އެހެންތާކަށްދޭ…." ސޯފީ ލަފާދިނެވެ.

" ތިކަމާ ނުވިސްނާ….އަހަރެންގެ ދަރިފުޅު ރައްކާތެރިކުރުމަކީ އަހަރެންގެ ޒިންމާއެއް….އަމިއްލަ ނަފްސު ސަލާމަތްކުރަން ވިސްނާ…." އަމީން އެދުނެވެ.

" އަހަރެން ދެންދަނީ….މިހާރު ވަރަށް ލަސްވެއްޖެ….ހިތްހެޔޮކުރާތި….އަހަރެންނަށް ހެޔޮދުޢާކޮށްދޭތި!…" ސޯފީދަމުން ޝައުންގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު ޝައުންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ. ކޮންމެގޮތެއްގޮތަކުން ނަމަވެސް އެއީ އޭނާގެ ބޮޑުދައިތައެވެ. އޭނާއާ ލޭގެ ގުޅުންހުރި އިންސާނެކެވެ. ނިކަމެތިހާލެއްގައި ޖެހިފައިހުރި އިންސާނެކެވެ. ސޯފީއަށްޓަކައި އޭނާގެހިތް ހަމްދަރުދީއިން ފުރުނެވެ.

" ޝައުން ފެނުމުން ހާދަ ދަންނަމީހެއްގެ ސިފަވެޔޭ….އެކަމު ކާކުކަމެއް ނޭނގޭ…" ދާން ހިނގައިގަނެފައިވެސް ސޯފީ ބުންޏެވެ. އެވަގުތު އަމީންގެ ހިތްތެޅިގެން ދިޔައެވެ. ޝައުންއަކީ ޝަފަޤުގެ ދަރިއެއްކަން ސޯފީއަށް އަންގާކަށް އޭނާ ބޭނުމެއްނުވެއެވެ.
" ބައްޕާ….ބޮޑުދައިތައަށް ހަޤީޤަތް ނޭންގީ ކީއްވެ؟…" ސޯފީ ދިއުމުން ޝައުން އަހާލިއެވެ.

" ދަރިފުޅާ….ބައެއް ހަޤީޤަތްތައް ނޭނގުން މާ ބުއްދިވެރި….އެސްޓީވްގެ ހިޔަނިވެސް ދަރިފުޅަށް އެޅޭކަށް ބައްޕަ ބޭނުމެއްނޫން….ދަރިފުޅު ސޯފީއާމެދު މާބޮޑަށް ނުވިސްނާ….އޭނާއަށް ކޮންމެވެސް ގޮތެއް މިންވަރު ކުރައްވާނެ….ބައްޕަބުނިގޮތަށް ދަރިފުޅު މާލެދާން ތައްޔާރުވޭ…" އަމީން އަނެއްކާވެސް އެދުނެވެ. މިފަހަރު ޝައުންވެސް ދެކޮޅު ހަދާކަށް ބޭނުމެއްނުވިއެވެ. އޭނާގެ ސަބަބުން އާއިލާ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅޭކަށް އޭނާވެސް ބޭނުމެއްނުވެއެވެ.
ނުނިމޭ