Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މިސްކިތްތަކަށް ހަމަލާދީ 40 އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލައިފި

ނިއުޒީލެންޑްގެ ދިވެހިން ގިނައިން ދިރިއުޅޭ ސިޓީއެއް ކަމަށްވާ ކްރައިސްޓް ޗާޗުގައި ދެ މިސްކިތެއް ކަމަށްވާ ލިން ވުޑް މަސްޖިދު އަދި އަލް ނޫރު މަސްޖިދުގައި ހަމަލާތަކެއް ދީ 40 އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލައިފިއެވެ.

އެ ޓެރަރިސްޓް ހަމަލާ ދެވުނީ މީހުން ހުކުރު ނަމާދަށް ގޮސްފައި ތިއްބައެވެ. އެތަނުން އެއް މިސްކިތުގައި އެވަގުތު 300 މީހަކު ތިބިކަމަށްވެސް ބައެއް މީޑިއާތަކުން ބުނެއެވެ. އެ ހާދިސާ ހިނގިއިރު ބަނގުލަދޭޝްގެ ކުރިކެޓް ޓީމްގެ ކުޅުންތެރިންވެސް ތިބީ ނަމާދަށް ގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެ ޓީމުގެ މެމެބަރުން ސަލާމަތުން ވަނީ އަނބުރާ ހޮޓަލަށް ގޮސްފައެވެ.

މަންޒަރު ދުށް މީހެއް ކަމަށްވާ ރަމަޒާން އާއި ހަވާލާދީ "ދަ ގާޑިއަން" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހަމަލާގެ އަޑު އޭނާއަށް އިވިފައިވަނީ މިސްކިތުގެ ތެރޭގެ ކުޑަ ކޮޓަރިއެއްގައި އޭނާ ހުއްޓައެވެ.

"އެންމެ ފުރަތަމަ ބަޑީގެ އަޑު އިވުނީ އަހަރެން މިސްކިތުގެ ކުޑަ ކޮޓަރިއެއްގެ ތެރޭގައި ހުއްޓާ ނަމާދު ކުރާ ތަނުން. ހަމަލާދިން މީހާ އަހަންނެއް ނުދެކެން. އެކަމަކު ރޮމުން އެ ސަރަހައްދުން ނިކުމެގެން އަހަރެން ހުރި ކޮޓަރިއާއި ދިމާލަށް މީހުން ދުވެފައި އައި. އަހަރެން ދެކުނިން ބައެއް މީހުންގެ ހެދުން ލެއިން ފޯވެފައިވާ މަންޒަރު. އަދި މަރުވެގެން ވެއްޓެމުން ދިޔަ މަންޒަރު" ރަމަޒާން ބުންޏެވެ.

މިއަދު ދެވުނު ހަމަލާގައި 40 މީހުން މަރުވެފައިވާ ކަމަށް ޔަގީންވެފައިވާ އިރު ހޮސްޕިޓަލަށް ގެންދިޔަފަހުން މަރުވި މީހުން ހިމަނައިގެން އެ އަދަދު މިހާރު 49 އަށް އަރާފައިވާ ކަމަށްް ރިޕޯޓްތައް ބުނެއެވެ.