ޚަބަރު

އަލީ ވަހީދު ވަކިވާން އަންގާފައެއް ނުވޭ: ޖޭޕީ

ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް: ފޮޓޯ - ވީނިއުސް

ޖުމުހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޕާޓީން ވަކިވުމަށް އެއްވެސް ހާލަތެއްގައި ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމް އަންގަވާފައިނުވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ޖޭޕީގެ ކައުންސިލް މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުގެ މެސެޖުތަކެއް ލީކުވެފައިވާއިރު އޭގައި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމާއި އަލީ ވަހީދާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރެވިފައިވެއެވެ. އެ މެސެޖުތަކާ ހަވާލާދީ ބައެއް މީޑިޔާތަކުން އަލީ ވަހީދު ޕާޓީން ވަކިވުމަށް ގާސިމް އެދުނު ކަމަށް ރިޕޯޓުކޮށްފައިވާއިރު ޕާޓީން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ޖުމުހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ އަލީ ވަހީދުގެ ނަންފުޅެއް ގާސިމް ބޭނުންކުރައްވާފައި ނުވާ ކަމަށާއި މެސެޖު ގާސިމް އަމާޒުކުރެއްވީ ޕާޓީގެ ހުރިހާ މެމްބަރުންނަށް ކަމަށެވެ.

ޗެޓުލޮގުގައި ގާސިމް ވަނީ ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްދިނުމަށާއި ތާއީދު ނުކުރައްވޭ ބޭފުޅުން ވަކިވެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

އަލީ ވަހީދު ވަނީ ޖޭޕީން އިދިކޮޅު ކެންޑިޑޭޓުންނަށް ތާއީދު ކުރިޔަސް އިދިކޮޅު އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް އެކި ފަހަރު މަތިން ވިދާޅުވެފައެވެ. އަދި ރޭ އެމްޑީޕީގެ އެޖެންޑާ 19 ގެ ޖަލްސާއެއްގައި ވެސް އަލީ ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަލީ ވަހީދަކީ ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.