Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ރައީސް ސޯލިހަށް ތާއީދުކުރައްވޭ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ: ނައިބު ރައީސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރައްޔިތުން ވޯޓު ދެއްވަން ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުތައް ތަންފީޒުކުރައްވާ، އެމަނިކުފާނަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް ކަމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވި ފައިސަލް މިހެން ވިދާޅުވެފައިވަނީ ރޭ ލ. ގަމުގައި ގަމު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓު ސަމްޕަތް ވިސާމްގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ޕާޓީއަށް ބެލުމަށްވުރެ މުހިންމީ މަޖިލީހުގައި މިސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރާނެ ކެންޑިޑޭޓަކު އިންތިޚާބު ކުރުން ކަމަށެވެ. އިސްލާހީ މަސައްކަތަކީ ވަކި ސިޔާސީ ޕާޓީއެއްގައި ތިބެގެން ކުރާ މަސައްކަތެއް ނޫން ކަމަށާއި، އެއީ ހެޔޮ ނިޔަތެއްގައި، ހެޔޮ ފިކުރެއްގައި ތިބެގެން ކުރާ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ސަމްޕަތް ވިސާމްގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ފައިސަލް ވާހަކަފުޅު ދައްކަވާފައިވާއިރު އެމަނިކުފާނު ވަނީ ވިސާމްގެ ކެމްޕޭނު ސައިކަލު ބުރެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ދާއިރާއަށް ޖޭޕީންވެސް ކެންޑިޑޭޓަކު ވަނީ ނެރެފައެވެ.