މިދިޔަ ހަފުތާގެ ހުކުރު ދުވަހު ރިލީޒް ކުރި "ޔެ ޖަވާނީ ހޭ ދީވާނީ" އާންމުންގެ ހިތްތައް ފަތަހަ ކުރުމަށް ފަހު ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދައި "100 ކްރޯޑް ކުލަބް" އިން ޖާގަ ހޯދައިފި އެވެ.
މިއީ ރަންބީރުގެ ކަޕޫރުގެ ފިލްމެއް 100 ކްރޯޑް ކުލަބަށް ވަން ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ރިލީޒްވި ރަންބީރުގެ "ބަރްފީ" ވެސް 100 ކްރޯޑްގެ ވިޔަފާރިކޮށްފަ އެވެ.
ރިލީޒް ކުރިތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި "ޔެ ޖަވާނީ ހޭ ދީވާނީ" އަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ އިރު، ފިލްމަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ގަބޫލް ކުރެވެ އެވެ. އެގޮތުން އިންޑިއާގެ އިތުރުން އިނގިރޭސިވިލާތް، އެމެރިކާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ވެސް މި ފިލްމަށް ބޮޑު ތަރުހީބެެއް ލިބިފައިވެ އެވެ.
ރަންބީރާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ ޕަދްކޯލް އަދި އަދިތިޔާ ރޯއި ކަޕޫރާއި ކަލްކީ ކޮޗިން މުހިއްމު ރޯލްތައް ކުޅެފައިވާ "ޔެ ޖަވާނީ ހޭ ދީވާނީ" އަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް އަޔާން މުކަރުޖީ ޑައިރެކްޓްކޮށްފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.
ފިލްމްކަަށް ފާޑު ކިޔާ މީހުން ބުނާ ގޮތުގައި މި ފިލްމަށް މިހާ ބޮޑު ކާމިޔާބީއެއް ލިބުމުގެ ހަގީގީ ސިއްރަކީ ރަންބީރާއި ދީޕިކާގެ ހަގީގީ ލޯބީގެ ގުޅުން ނިމުމަކަށް އައުމަށް ފަހު ވެސް، އެ ދެ ތަރިންގެ ލޯބީގެ ގުޅުން ބެލުންތެރިން ސިނަމާ އިން ބަލާލަން ބޭނުންވެފައި ތިބުމެވެ.
"ޔެ ޖަވާނީ ހޭ ދީވާނީ" އަކީ މި އަހަރުގެ މިހާތަމަށް 100 ކްރޯޑް ކުލަބް ކަށަވަރު ކުރި ތިން ވަނަ ފިލްމެވެ. އަނެއް ދެ ފިލްމަކީ ދާދި ފަހުން ރިލީޒް ކުރި "އާޝިގީ 2" އާއި "ރޭސް 2" އެވެ.