Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ޓީމު ބައްދަލުވުމަށް ލަހުން ހާޒިރުވުމުން ޕީއެސްޖީން އެމްބާޕޭ ޖޫރިމަނާކޮށްފި

ޕީއެސްޖީގެ ޕްރީ-މެޗް މީޓިންގ އަށް ލަހުން ހާޒިރުވުމުން އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ އުމުރުން 20 އަހަރުގެ ފޯވާޑް ކިލިއަން އެމްބާޕޭ ޖޫރިމަނާކޮށްފިއެވެ.

ޕީއެސްޖީގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާ ދެމެދު ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި ދެކެވިފައިވަނީ ލީގުގައި މި ހަފްތާގައި އޮލިމްޕިކް މާސޭއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗާއި ގުޅޭގޮތުންނާއި މި ދެ ޓީމު އެންމެފަހުން މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ކުޅެވުނު މެޗާއި ބެހޭގޮތުންނެވެ.

މީޑިއާ ހަބަރުތައް ބުނާގޮތުން، މި ބައްދަލުވުމަށް އެމްބާޕޭ ލަހުން ހާޒިރުވުމުން ޕީއެސްޖީން އޭނާ 180,000 ޔޫރޯއިން ޖޫރިމަނާކުރާނެކަމަށްބެލެވެއެވެ. އެގޮތުން، މިހާރު އެމްބާޕޭ ޖޫރިމަނާ ދެއްކުމަށް އެއްބަސްވެ ލިޔުމުގައި ސޮއިކޮށްފައިވާއިރު ޕީއެސްޖީން އެ ފައިސާ ހަދިޔާކުރުމަށް ނިންމާފައިވަނީ އެ ކްލަބުގެ ފައުންޑޭޝަނަށެވެ.

ޕީއެސްޖީން މީގެކުރީންވެސް ވަނީ ކޯޗު ތޯމަސް ޓުޗެލް ބޭއްވި ބައްދަލުވުމަކަށް ލަހުން ހާޒިރުވުމުން އެ ޓީމުގެ ފްރާންސްގެ މިޑްފީލްޑަރު އެޑްރިއެން ރަބިއޯ ޖޫރިމަނާކޮށްފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ނޮވެންބަރާއި ޑިސެންބަރުމަހުގެ އިތުރުން މިއަހަރުގެ ޖަނަވަރީ މަހާއި ހަމައަށް އޭނާ ވަނީ ކޮންމެ މަހަކަށް 18,000 ޔޫރޯ އިން ޖޫރިމަނާކޮށްފައެވެ.

ފްރެންޗް ލީގުގެ އެއްވަނައިގައި އުޅޭ ޕީއެސްޖީ އާއި ތާވަލްގެ ހަތަރުވަނައިގައި އޮތް މާސޭ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ ރާއްޖޭގަޑިން 01:00 ގައެވެ.